(ހުކުރު ދުވަހުގެ އަދަދާއި ގުޅޭ)
މެންދަމުގެ ވަގުތެވެ. އަހަރެން އޮތީ ޝައުންގެ މޭމަތީގައި ބޯއަޅާލައިގެންނެވެ. ޝައުން އޮތީ އަހަރެންގެ އިސްތަށިގަނޑާއި ކުޅޭށެވެ.
"އަހަރުމެން ކޮން އިރަކުންތަ ކައިވެނި ކުރާނީ؟ މިހާރު ޝައުން މިރަށުން ފުރާދުވަސް ޖެހެނީ. އޭގެ ކުރިން އަހަރެން ބޭނުން ކައިވެންޏަށް ތާރީހެއް ކަނޑައަޅަން. މަންމަމެންނަށް އަހަރުމެންނާއި ބެހޭގޮތުން އަންގަން." އަހަންނަށް ވާހަކަ ދެއްކުނެވެ.
"ކައިވެނި ދޯ؟ ކިހިނެއްވާނެ އަހަރެން ރަށަށް ގޮސްފައި އައިސް ތި ވާހަކަ ދައްކަން؟ އަހަރެން އަންނާނަމޭ. އަސްލުގައި ވާ ގޮތަކީ އަހަރުމެންގެ ގެ ހަދަންވެގެން ވަރަށް ބޮޑު ލޯނެއް އަހަރެންގެ ނަމުގައި ނަގާފައި އޮންނާނެ. ކައިވެނީގެ ކުރިން އަހަރެން ބޭނުން ހުރިހާ ދަރަންޏެއް އަދާކުރަން." ޝައުން ބުންޏެވެ.
"ޔަގީންތަ އަންނާނަން ކަން؟ ޝައުންއަށް އެނގެއެއްނު އަހަރެންގެ ޝައުންދެކެ ވަރަށް ލޯބިވާކަން." އަހަރެންގެ ހާސްވާ ގޮތްވިއެވެ.
"އަހަރެން ނާންނަން ވީ ކީއްވެގެން؟ ކާކު ތިކަހަލަ ލޯބި ކުއްޖަކު ބޭނުން ނުވާނީ؟" އަހަރެންގެ ގައިގާ އަތްކާއްތާލަމުން ޝައުން ވާހަކަ ދެއްކިއެވެ.
ދެތިން ދުވަސް ވެއްޖެއެވެ. ހުންއަންނަނީއެވެ. މޭ ނުބައިކުރަނީއެވެ. ބޯ އަނބުރާ ކަހަލަ ގޮތެއްވެސް ވަނީއެވެ. މަރުކަޒަށް އަހަރެން ދާން ބިރުނަންނަން ފެށިއެވެ. ޑޮކްޓަރަށް ދައްކައިފިނިމަ ޓެސްޓު ހަދަން ޖެހޭނެއެވެ. ޓެސްޓު ހަދައިފިނަމަ ލިބޭނެ ނަތީޖާ ހުދު އަހަންނަށް އެނގޭ ކަހަލައެވެ. ހިތް ބިރުންގަންނަން ފަށައިފިއެވެ. ބޯ ހާސްވާ ގޮތްވާން ފަށައިފިއެވެ. ދުވެފައި އަހަރެން ފާމަސީއިން ބަނޑުބޮޑުތޯ ބަލަން ކިޓެއް ގެނެސްގެން ގޭގައި ޓެސްޓު ކުރީމެވެ.
އަހަންނަށް ރޮވެން ފެށުނެވެ. ގުޅަންވީ ކާކަށް ކަމެއް ހަދަންވީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގުނެވެ. އެއްފަހަރު ޝައުންއަށް ގުޅަން ހިތަށް އަރައެވެ. އަނެއްފަހަރު މިޝްކާއަށާއި އީމާއަށް ގުޅަން ހިތަށް އަރައެވެ. އަނެއްބައި ފަހަރު މަންމަގާތަށް ގޮސް އެވާހަކަތަށް ކިޔާދޭން ހިތަށް އަރައެވެ. އެކަމަކު އަހަރެން ދުއްވައިގަތީ ޝައުންއާއި ބައްދަލުކުރުމަށެވެ.
"ކީކޭ؟ ބަނޑު ބޮޑޭ؟ ޔަގީން؟ ކިހިނެއް އެނގުނީ؟" ޝައުންވެސް ހާސްވާގޮތްވިއެވ
"އަހަރެން. އަހަރެން ފާރމަސީއިން ކިޓެއް ގަނެގެން ގޭގައި ޓެސްޓުކުރީ. ޝައުން ދެން ކިހިނެއް ހަދާނީ؟ އަހަރެން ވަރަށް ބިރުގަނޭ އެބަ. ޝައުން އަހަންނާ ކައިވެނި ކޮއްބަލަ. ކޮއްގެން އަހަރެން ގޮވައިގެންދޭބަލަ. އެހެން ނޫނަސް އަހަންނަށް ޝައުންއާއި ދުރުގައި ނުވެސް ހުރެވޭނެ." އަހަރެން ރޮމުން ވާހަކަ ދެއްކީމެވެ.
"އަހަރެން ކުރީ ދުވަހުއެއްނު ޖަނާން ގާތުގައި ބުނީ މިވަގުތު ކައިވެންޏެއް ނުކުރެވޭނޭ. ކިހިނެއްތަ ކުއްލިއަކަށް ކައިވެނި ކުރާނީ؟ އެހެން ނޫނަސް އަހަރުމެން ދެމީހުންނަށް އެކަކު އަނެކަކު އަދި ރަނގަޅަށް ނުވެސް އެނގެއެއްނު؟" ޝައުން އަހަރެންގެ އަތް ފޮޅުވާލަމުން ބުންޏެވެ. ޝައުން ބުނި އެތިން އަހަރެންގެ ހިތުގައި ނިކަން ގަދަޔަށް ޖެހުނެވެ.
"އެކަކު އަނެކަކު ނޭނގެއޭ؟ އެހެންތަ ތި ބުނީ؟ ދެން އިތުރަށް ކޮންކަމެއް ޝައުން އެނގެން ބޭނުންވަނީ؟ ގައިމު އަހަންނާއި ބެހޭގޮތުން ޝައުންއަށް ހުރިހާ ކަމެއްވެސް އެނގޭ. އަހަރެންގެ އުޅުމާ، ކަމުދާ ކަންތައްތަކާ، ހިތްހަމަ ނުޖެހޭކަންތައްތަކާ، ދެކޭ ހުވަފެންތަކާ، ނުވިތާކަށް އަހަރެންގެ ގައިގަ ހުރިއްޔާ ހުރި ކަޅުތިލައެއްގެ އަދަދާ އެ ހުރި ތަންތަންވެސް ޝައުންއަށް އެނގޭ. ދެން ކޮން ކަމެއްތަ އެނގެން ބޭނުންވެގެން ތިއުޅެނީ؟" އަހަރެންގެ އަޑު ބާރުވާން ފެށިއެވެ.
"އަހަންނަށް ޖަނާން އެނގުނަސް ޖަނާންއަށް އަހަރެން އެނގެނީ ކިހާ ވަރަކަށް. ޖަނާން އެންމެ ފަހަރަކުވެސް އަހާލިންތަ އަހަރެން ކައިވެނި ކުރަން ބޭނުންވޭތޯ؟ ނާހާ. ޖަނާން އެންމެ ފަހަރަކުވެސް އަހާލިންތަ އަހަރެންނަކީ މީހެއްގެ ފިރިއެއްތޯ؟ ނޫނީ ދަރިއެއްގެ ބައްޕައެއްތޯ؟ ނާހާ. ޖަނާންއަށް އަހަރެން އެނގެނީ ކިހާވަރަކަށް؟ ހަމައެކަނި އަހަރެންގެ ނަމާ އަހަރެންގެ މޯބައިލް ނަންބަރު. އެނޫން ކޮންކަމެއް ޖަނާންއަށް އެނގެނީ؟" ހިތްހަމަ ނުޖެހިފައި ޝައުންވެސް ވާހަކަ ދެއްކިއެވެ.
"އެންމެ ރަނގަޅު މިއަދު މި އަހަނީ. ޝައުން ތީ މީހެއްގެ ފިރިއެއްތަ؟ އަހަރެން ކުރިން ނޭހީ ކީއްވެގެންކަން ޝައުންއަށް އެނގޭތަ؟ އަހަރެން ޝައުންއަށް އިތުބާރު ކުރާތީ. ޝައުން އެދުނިއްޔާ އެދުނުހާ ކަމެއް އަހަރެން ކުރަމުން އައީ އަހަރެން ޝައުންދެކެ އިންތިހާއަށް ލޯބިވާތީ. ހެޔޮކޮށް ތިބުނީ އަހަންނަށް ޝައުންގެ ނަމާ މޯބައިލް ނަންބަރު ނޫން އެއްވެސް އެއްޗެއް ނޭނގޭ. އެކަމަކު އަހަންނަށް އެނގޭ ޝައުންއަށް ކަމުދާ އެއްޗެހި. ކަމު ނުދާ އެއްޗެހި. ކުރަން ބޭނުންވާ ކަންތައްތަކާއި ފޫހިވާ ކަންތައްތައް. އެކަމަކު މިއަދު ޝައުންގެ ވާހަކަ ތިހިރަ ގޮތުން އަހަރެންނަށް އޮޅިއްޖެ." އަހަންނަށް އަޑުން އަޑުނަގާ ރޮވެން ފެށުނެވެ.
"ޖަނާން. އަހަންނަށް މައާފްކުރޭ. އަހަރެން މިއުޅެނީ ފުރަން. އަހަންނަކަށް ހުރެވޭކަށް ނެތް. އަހަންނަކީ މީހެއްގެ ފިރިއެއް. އަހަރެންގެ އަންހެނުން އިނީ ވިހަން ތައްޔާރަށް. ތިހުރިހާ ކަމެއްގެ ތެރެއަށް އަހަންނަށް ވަދެވޭކަށް ނެތް." ޝައުންގެ ރަހުމެއް ނެތްފަދައެވެ.
"ޝައުންއަށް ހާދަ ފަސޭހައޭދޯ؟ ޝައުންއަށް އެބަ އެނގޭތަ މިތާ މިދެކެވެނީ ކޮން ވާހަކައެއްކަން؟ އަހަރެންގެ ބަނޑުގައި މިއޮތީ ހަމަ ޝައުންގެ ދަރިއެކޭ. މިކަހަލަ ވަގުތެއްގައި ޝައުން އަހަރެން ދޫކޮއްލާފައި ދާން ތިއުޅެނީ؟ ހެޔޮ ނުވާނެ ޝައުން. އަހަރެންގެ މައްސަލައެއް ނެތޭ ދެ އަނތްބަށް އިންނަންވެސް. ޝައުން ކީއްވެ އަހަންނަށް ތިހެން ތި ހަދަނީ؟ އަހަންނަށް ކުރެވުނީ ކޮން ކުށެއް؟ ޝައުން އަހަރެން ދެކެ ވީ ލޯބި މޫސުމާއެއްކޮށް ގޮސް ނިމުނީތަ؟ ލޯބި މިހެން މިހާ ފަސޭހައިން ނިމެން ވާނެތަ؟" އަހަރެން ޝައުންގެ އަތުގައި ހިފައިގެން ހުރެގެން ރޮމުން ގެންދިޔައީމެވެ.
"ޖަނާން އަކީ ހަމަ އެހާ މައުސޫމް ކުއްޖެއްތަ؟ މިއީ ދުނިޔޭގެ އާދައޭ. މިއީ ކަންހިނގާ ގޮތޭ. ސަބަބު ނެތިވެސް ވަކިވެދާނެ. އަހަރެން މިދަނީ ޖަނާންގެ އެއްވެސް ކުށެއް އޮވެގެނެއް ނޫން. ހުރިހާވެސް ކަމެއް ، ހުރިހާ ކުށެއް ކުރެވުނީ އަހަންނަށް. އެކަމަކު ޖަނާންއަށް އަހަންނަށް ވުރެ މާ ރަނގަޅު ކުދިންވެސް ވާނެ. އަހަންނަށް އިންތިޒާރު ނުކުރާތި." އަހަރެންގެ އާދޭސްތަކުގައި ކޮޅުފައިން ޖަހަމުން ނުކުމެގެން ދިޔައީއެވެ.
އަހަންނަށް ރުއިން ނޫންކަމެއް ނުކުރެވުނެވެ. މުޅި ދުނިޔެ އަހަންނަށް ހުއްޓުނުހެން އަހަންނަށް ހީވިއެވެ. ހަގީގަތަށްވެސް ނޭވާ ހޮޅީގައި ނޭވާ ތާށިވާހެން ހީވާންފަށައިފިއެވެ. ހަދާނެ ގޮތް ހުސްވެ މާޔޫސް ވެއްޖެއެވެ. ހިތަކީ އިންސާނާގެ ހަލާކޭ ހިތަށް އެރިއެވެ. މިޝްކާއާއި އީމާ ދެއްކި ވާހަކަތަށް ހަނދާނަށް އައުމުން އިތުރަށް ބާރަށް ރޮވުނެވެ. އެދުވަހު އެމީހުން ބުނި ގޮތް ހަދާ ޝައުންއާއި ދޭތެރޭ އިތުރަށް ވިސްނާލެވުނު ނަމަ ކޮންފަދަ ހެއްޔެވެ؟ މިއަދު ދިރިއުޅުން ހަލާކެއް ނުވީއެވެ. މީހުންނަށް މިއަދު އަހަރެން ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ބުނާނީ ކީކޭ ހެއްޔެވެ؟ މީހުންގެ ތެރޭގައި އިސްއުފުލައިގެން ހިނގާލަންވެސް އަހަންނަކަށް ދެން ނުކެރޭނެއެވެ.
އެހެން އަންހެނުންނަށް އެންމެ އުފާވެރި ނުވަމަސް އަހަންނަށް ވެގެން ދިޔައީ ވޭނުން ފުރިގެންދިޔަ ނުވަމަހަށެވެ. އަހަންނާއި ހިތްހެޔޮކޮށް އަނގައިން ބުނެލާ މީހަކު މަދެވެ. މިޝްކާއާއި އީމާގެ އެހީތެރިކަން ނުލިބުނު ނަމަ އަހަންނަށް ވާނެ ގޮތެއް ހުދު އަހަންނަށްވެސް ނޭނގެއެވެ. ކޮންމެ ރެއަކު އަހަންނަށް ނިދޭ ވަގުތެއްވެސް އަހަންނަކަށް ނޭނގެއެވެ. ރޯން އޮއްވާ ނިދެނީއެވެ. އަމިއްލައަށް ދިރިއުޅުން ހަލާކުގެ ތެރެއަށް އެއްލާލުމުން ވާނެ ހުރިހާ ގޮތެއް އަހަންނަށް ވީއެވެ.
ދެރަކަމަކީ އަހަރެންނަށް އަދިވެސް ޝައުން މަތިން ހަނދާން ކުރެވޭތީއެވެ. ދެމަހަށް ނަމަވެސް އަހަންނަށް އޭނަގެ ފަރާތުން ލިބުނު ލޯތްބެއްގެ ސަބަބުން ވަގުތީ އުފާވެރިކަމެއް ލިބުނަސް މިހާރު ލިބެނީ ހިތްދަތިކަމެވެ. އަހަރެން އަދިވެސް ޝައުންއަށް ގުޅޭތޯ ބަލަމެވެ. އެހެނަސް ޝައުންގެ ފޯނު އޮންނަނީ ނިއްވާލާފައެވެ. ނަންބަރު ބަދަލުކުރީކަން އަހަންނަށް ޔަގީނެވެ.
އަހަރެންގެ ދަރިފުޅު ކައިނާއަށް މިހާރު ތިން އަހަރު ވީއެވެ. އަދިވެސް އަހަރެންގެ މަންމަ އަހަންނާއި ވާހަކައެއް ނުދައްކައެވެ. ކައިނާދެކެ މަންމަ އިންތިހާއަށް ލޯބިވެއެވެ. އަހަންނަށް ކޮންމެ ދުވަހަކުވެސް ރޮއިފައި މަންމަ ގާތުން މައާފަށް އެދެވެއެވެ. ނަމަވެސް އަދި އަހަންނަށް މަންމަގެ މައާފެއް ނުލިބެއެވެ. ވާނީވެސް އެހެންނެވެ. އަހަންނަށް މަންމަގެ ހިތުގައި ޖެއްސުނީއެވެ. އަހަރެންގެ ސަބަބުން މަންމައަށް މަލާމާތާ ފުރައްސާރަ ރައްދުވީއެވެ. އެތަކެއް ހުވަފެންތަކެއް އެ ދަރިއަކަށް ދެކެމުން އައި އަހަރެން ކައިވެނިން ބޭރުން ބަލިވެ އިނީއެވެ. މަންމަ ކުއްވެރިއެއް ނުކުރަމެވެ. ކުށްކުރީ އަހަންނެވެ. ނޭވާ ހުރިހާ ހިނދަކު މަންމަ ގާތުން މައާފަށް އެދޭނީއެވެ.
މީހުން ބުނެއެޅެއެވެ. ފަޅުރަށަކަށް ކިތަންމެ ރީތި ހަނދުވަރެއް ދިނަސް އެކަން ދަންނާނެ މީހަކު ނުވާނެއެވެ. އެއީ ތެދެކެވެ. ޝައުންގެ ދަރިއެއް އަހަރެން ގާތުގައި ހުރި އިރު ޝައުންއަށް އެ ދަރިފުޅުގެ ލޯބިކަމެއް ނުފެނެއެވެ. ހިތަށްވެސް ނުގެނެވެއެވެ. ކޮންމެ ގޮތެއް ވިޔަސް ޝައުންއަކީ ބޭވަފާތެރިއެކެވެ. މިއީ އަހަރެންގެ ތަގްދީރުގައި ހުރި ގޮތެވެ. ކުރެވުނު ކުށަކުން އުމުރު ދުވަހު އެކަނި އުޅެން ޖެހުނީއެވެ. ހިތުގައި އުފެދިފައިވާ ވޭނަށް ކިތަންމެ ދުވަހެއް ވިޔަސް ލުޔެއް ނުލިބޭނެކަން އަހަންނަށް އެނގެއެވެ. އެހެނަސް އުއްމީދަކީ އެ ވޭނާއެކުގައި އުޅެވޭނެ ހިތްވަރު ލިބުމެވެ. މީހުންގެ ތެރެއަށް އަނބުރާ ކޮންމެވެސް ދުވަހަކުން ނުކުމެލާނެ ހިތްވަރު ލިބުމެވެ. ފަހަރެއްގައި ހަޔާތުން ކޮންމެވެސް ދުވަހެއްގައި ވަފާތެރި ފިރިހެނެއް ދިމާވެ އަހަރެންގެ ކައިނާއަށް ބައްޕައެއްގެ ލޯބި ދެވޭނެކަމުގެ އުއްމީދުގައި ހުރުމެވެ. އެހެނަސް މިއަދު އަހަރެންގެ ތަގްދީރުގައި ވަނީ ވޭނާ ހިތްދަތިކަމެވެ.
ނިމުނީ
2 Responses
Vr vr rythi story…kiyamun dhiyairu gain hybihi ves negi vr furihama?
Reethi