ހަކުރުބަލި ނުވަތަ ޑައިބެޓީސް އަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހަކުރުބަލި ކުރިމަތިވަނީ ހަށިގަނޑުގައި އިންސިއުލިން އުފައްދައިދޭ މިންވަރު މަދުވުމުގެ ސަބަބުންނެވެ. އިންސިއުލިން އަކީ ލޭގައި ހަކުރުގެ މިންވަރު ކްނޓްރޯލްކޮށް އެއްހަމައެއްގައި ބަހައްޓައިދޭ ހޯރމޯންއެވެ.
ހަކުރުބައްޔަކީ މުޅިން ރަނގަޅު ނުކުރެވުނު ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. އަދި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހިދާނެވެސް ބައްޔެކެވެ.
"އާދައިގެ ކަމެކޭ ހީވިޔަސް މިއީ ވަރަށް ހިތްދަތި އުނދަގޫކަމެއް... ކިތަންމެ ކާން ބޭނުންވިޔަސް ނުކެވޭ ކިތަންމެ އެއްޗެއް ހުރޭ.. ކޮންމެދުވަހަކު އިންސިއުލިން ޖެހުމަކީ އަސްލު ވަރަށްބޮޑު ވޭނެއް.." ހަކުރުބަލި ތަހައްމަލް ކުރަމުންދާ ފަރާތަކުން ފެށުމަށް މަޢުލޫމާތު ދެމުން ވިދާޅުވިއެވެ.
ހަކުރުބަލި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
- ގަވާއިދުން ކަސްރަތުކުރުން
- ފިކުރު ބޮޑުވުމާއި ހާސްކަމުން ދުރުވުން
- ބަރުދަން ލުއިކުރުން
- ގިނައިން ދިޔާތަކެތި ބޭނުންކުރުން
- ނިދި ހަމަކުރުން
- ކާނާގައި ހަކުރު އެކުލެވޭ މިންވަރު މަތި ކެއުން ތަކުން ދުރުވުން
ދިވެހި ރާއްޖެއަކީ ނިސްބަތުން ހަކުރުބަލި ޖެހިފައިވާ މީހުން ގިނަ ގައުމެއްކަމުން، ހަކުރު މައްޗަށް ދޭތޯ ޗެކްކޮށްލުމަކީ މުހިންމުކަމެކެވެ. ހަކުރުބަލި ހުންނަކަމުގައި ވަނީނަމަ ގަވާއިދުން ޑޮކްޓަރަށް ދަށްކައި ޓެސްޓްތަށް ހަދާށެވެ. އަދި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ހަކުރު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާށެވެ. އަދި ހަކުރުބައްޔަށް ބޭސް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ޤަވާއިދުން ބޭސް ބޭނުންކުރުމަކީވެސް ވަރަށް މުހިންމުކަމެކެވެ.




