ކޮޕާއެމެރިކާ - ކޮރަޕްޝަން ހިމެނޭކަމަށްބުނެ ބްރޯންޒް މެޑަލް ނެގުމަށް މެސީ ދެކޮޅު ހަދައިފި

މިހާރު ބްރެޒިލްގައި ކުރިއަށްދާ ކޮޕާ އެމެރިކާގެ ރޭ ކުޅުނު ތިން ވަނަ ހޮވާ މެޗުން މޮޅުވެ، މުބާރާތުގެ ތިން ވަނަ އާޖެންޓީނާއަށް ލިބުނުނަމަވެސް، މުބާރާތުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުޙުމަތުކޮށް ބްރޯންޒް މެޑަލް ނެގުމަށް އާޖެންޓީނާ ކެޕްޓަން ލިއޮނަލް މެސީ ދެކޮޅު ހަދައިފިއެވެ.

2-1 ގެ ނަތީޖާއަކުން އާޖެންޓީނާ މޮޅުވި މިމެޗުގައި މެސީއަށްވަނީ ރަތްކާޑެއްވެސް ދައްކާފައެވެ. މިއީ މެސީގެ ފުޓްބޯޅަ ކެރިއަރުގައި ދެއްކި ދެވަނަ ރަތްކާޑެވެ. ފުރަތަމަ ރަތްކާޑު 2005 ވަނަ އަހަރު ހަންގޭރީއާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީއަށް ދެއްކިއިރު އެމެޗަކީ މެސީ އާޖެންޓީނާ ޤައުމީޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. މީގެއިތުރުން ޗިލީގެ ކެޕްޓަން ގެރީ މެޑަލްއަށްވެސް ވަނީ މެސީއާއެކު ރަތްކާޑު ދައްކާފައެވެ.

މެސީ އަދި މެޑަލް އާ ދެމެދު ހިނގި ހަމަނުޖެހުމުގައި ރެފްރީ ރަތްކާޑު ދައްކަނީ - ފޮޓޯ: ފޮކްސް ސްޕޯޓްސް

ރަނގަޅު ފޯމެއްގައި މެޗު ފެށި އާޖެންޓީނާއިން އެމީހުންގެ ފުރަތަމަ ލަނޑުޖެހީ މެޗުގެ 12 ވަނަ މިނަޓްގައެވެ. ލިބުނު ހިލޭ ޖެހުމެއްގައި ޗިލީ ކުޅުންތެރިންނަށް އޮޅުވާލުމަށްފަހު އަރިމަތިން އެރި އަގުއެރޯއަށް މެސީ ފޮނުވާލި ބޯޅަ އޭނާ ޖެހީ ގޯލް ތިރީ ކަނަށެވެ.

އާޖެންޓީނާގެ ދެވަނަ ލަނޑު ޖަހާފައިވަނީ ހުނަރުވެރި ޑިބާލާއެވެ. މިއީ މިފަހަރުގެ ކޮޕާއެމެރިކާގައި ފުރަތަމަ 11 ގައި ޑިބާލާ ފެށި ފުރަތަމަ މެޗެވެ. ޑިބާލާގެ ލަނޑު މެޗުގެ 22 ވަނަ މިނަޓްގައި ފެނިގެންދިޔައިރު ހިތްގައިމު މިލަނޑު އޭނާ ޖެހީ އޭރިއާތެރެއަށްވަދެ، ބޯޅައަށް ޑައިބްކުރި ކީޕަރުމަތިން ގޯލްގެ ދުރުކަނަށެވެ.

ޑިބާލާގެ ލަނޑަށްފަހު މެސީ އަދި ޑިބާލާ އުފާފާޅުކުރަނީ - ފޮޓޯ: ލަ ކެޕިޓަލް

ޗިލީގެ ލަނޑު މެޗުގެ 59 ވަނަ މިނަޓްގައި އަތޫރޯ ވިދާލް ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ 37 ވަނަ މިނަޓްގައި މެސީ އަދި މެޑަލް އާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ރެފްރީވަނީ ދެކުޅުންތެރިންނަށްވެސް ސީދާ ރަތެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

އަދި މެޗުން މޮޅުވެ، ތިންވަނަ ލިބުނު އާޖެންޓީނާއާއި ބްރޯންޒް މެޑަލް ޙަވާލުކުރެވުނު ރަސްމިއްޔާތަށް ނުކުންނަށް މެސީވަނީ ދެކޮޅުހަދާފައެވެ.

އާޖެންޓީނާ ކުޅުންތެރިން ބްރޯންޒް މެޑަލްއާއެކު - ފޮޓޯ: ސްކައި ސްޕޯޓްސް

މުބާރާތުގައި ކޮރަޕްޝަން ހިމެނޭކަމަށް މެސީ ތުޙުމަތުކުރިއިރު މިއީ ބްރެޒިލްއަށް ސެޓްކޮށްގެން ކުޅެމުން އަންނަ މުބާރާތެއްކަން ޝައްކުނުވާވަރަށް އެނގޭކަމަށް އޭނާ ބުނެފައިވެއެވެ.

"ކަރަޕްޝަންގެ މިޢަމަލުގައި އަހަރެން ބައިވެރިވާކަން ނެތިން. އަދި އަހަރެމެން އެންމެންވެސް ނުޖެހޭ ބައިވެރިވާކަށް. އަހަރެން އަބަދުވެސް ހަދާނީ ތެދު. އަހަންނަށް މިހާ ހަމަޖެހިލައިގެން ހުރެވޭ ސަބަބަކީމީ." މެސީ ބުންޏެވެ.

މެސީ އިތުރަށް ބުނެފައިވަނީ މިމެޗުގައި އޭނާއާއިދޭތެރޭ މިގޮތަކަށް ކަންތައްވެގެން މިދިޔައީ ބްރެޒިލްއާ ބައްދަލުކުރި މެޗަށްފަހު ދެއްކި ވާހަކަތަކުގެ ސަބަބުންކަމަށެވެ.

ބްރެޒިލްއާއި ބައްދަލުކުރި މެޗުން އާޖެންޓީނާ ބަލިވީ ރެފްރީގެ ނިންމުންތައް ބްރެޒިލް ކޮޅަށް ބުރަވެފައި ހުރުމުންކަމަށާއި މެޗުގައި ރެފްރީ އެއްވެސް ވަރަކަށް ވީއޭއާރު ނުބަލާކަމަށް މެސީވަނީ އެމެޗަށްފަހު ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ