ޅ.އަތޮޅު ފެލިވަރުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކާނާ ވިހަވެފައިވަނީ ކާނާއަށް އިންސެކްޓިސައިޑް (ސޫފާސޫފި މެރުމަށް ބޭނުންކުރާ ކެމިކަލް) އަސަރު ކޮށްގެން ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ، ފެލިވަރުގައި ކާނާ ވިހައުމުގެ މައްސަލައާ ގުޅިގެން، ޅ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އާދީއްތަ ދުވަހު ފެލިވަރަށް ޒިޔާރަތްކޮށް ބެލި ބެލުމުން މިމަހުގެ 8 ވީ ހުކުރު ދުވަހު އެތަނުގެ މުވައްޒަފުން ދިރިއުޅޭ ކުއާޓަރުތަކަށް އެކިއެކި ސޫފާސޫފި މެރުމަށް ބޭނުންކުރާ ކެމިކަލް (އިންސެކްޓިސައިޑް) ސްޕްރޭ ކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ.
އެ ސްޕްރޭގެ އަސަރު އޭގެ ތެރެއިން ބައެއް ތަންތަނުގައި ބޭނުންކުރި ކާބޯތަކެއްޗަށް ކޮށްފައިވާކަމަށް ލަފާކުރެވޭ ކަމަށްވެސް އެޗްޕީއޭގެ ރިޕޯޓްގައި ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި ހާލު ދެރަވި 4 މީހަކަށް އަދިވެސް ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވަ ދެމުންދާއިރު، މި މީހުންގެ ހާލު ރަނގަޅު ވަމުންދާކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.