ޔުވެންޓަސް ދޫކޮށް ރޯމާއަށް ދިއުމަށް ގޮންޒާލޯ ހިގުއައިން ދެކޮޅު ހަދައިފިއެވެ.
ހިގުއައިންވަނީ މިދިޔަ ސީޒަންގައި ލޯނެއްގެ ދަށުން އޭސީ މިލާނަށް އަދި ޗެލްސީއަށްވެސް ކުޅެފައެވެ. ނަމަވެސް އެއިން އެއްވެސް ކްލަބެއްގައި އޭނާ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
މައުރީޒިއޯ ސާރީގެ އިރުޝާދުގެ ދަށުން ޗެލްސީއަށް ކުޅެދިން ހިގުއައިން ޕްރިމިއާ ލީގުގައި ކުޅުނު 14 މެޗުން 5 ޖަހާފައިވެއެވެ.
ކުރިން ރެއަލްމެޑްރިޑަށް އަދި އާޖެންޓީނާއަށްވެސް ކުޅެދިން އުމުރުން 31 އަހަރުގެ ފޯވާޑު ޤަބޫލުކުރާ ގޮތުގައި ޔުވެންޓަސްއާ އަލަށް ޙަވާލުވި ސާރީ ބޭނުންވާފަދަ ކުޅުމެއް އޭނާއަށް އެކްލަބުގައި އަދިވެސް ދެއްކޭނެއެވެ.
ކުރިއަށް އޮތް ސީޒަނަށް ފިޓްވުމުގެ ގޮތުން ހިގުއައިން ޕާސަނަލް ޓްރެއިނާއެއްގެ އެހީވެސް މިހާރު އަންނަނީ ހޯދަމުންނެވެ.
އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސްއިން ބޭނުންވަނީ ހިގުއައިން ވިއްކާލުމަށް އާ ކުޅުންތެރިއެއް ކްލަބަށް ގެންނާށެވެ.
އިންޓަރ މިލާންގެ މައޮރޯ އިކާޑީއާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ރޮމޭލޯ ލުކާކޫއަކީ ޔުވެންޓަސްއިން މިހާރުވެސް ފާރަލަމުން އަންނަ ކުޅުންތެރިންނެވެ.



