ބާސެލޯނާއިން އެޓީމަށް ކުރިން ކުޅުނު ބްރެޒިލްގެ ތަރި ނޭމާގެ މާޒީ ހަނދާން ނައްތާލަންޖެހޭކަމަށް އެޓީމުގެ ލެޖެންޑް ކާލެސް ޕުޔޯލް ބުނެފިއެވެ.
ބާސެލޯނާއާއެކު ހުއްޓުމެއްނެތި ކާމިޔާބީތައް ހޯދަމުންއައި ނޭމާ އެތަށް ބަޔަކު ސިއްސުވާލުމަށްފަހު ބާސެލޯނާ ދޫކޮށް ޕިއެސްޖީއަށް ބަދަލުވީ 2017 އޮގަސްޓްމަހުއެވެ. ނޭމާގެ މިބަދަލަކީ މެސީގެ ހިޔަނިން ސަލާމަތްވުމަށް ނޭމާ އެޅި ފިޔަވަޅެއްކަމަށް ގިނަބަޔަކު އައީ ބުނަމުންނެވެ.
ބާސެލޯނާ ދޫކޮށްލެވުނީތީ އެކަމާ ދެރަވާކަމަށްވެސް ފަހުން ނޭމާވަނީ ބުނެފައެވެ.

ޕީއެސްޖީގައި ހޭދަކުރި ދެސީޒަންގައިވެސް އަނިޔާގެ ސަބަބުން ނޭމާގެ އަސްލު ކުޅުންވަނީ ފެންނަގޮތްނުވެފައެވެ. ޕީއެސްޖީގެ ރައީސާއި މައްސަލަޖެހި ކްލަބު ދޫކޮށްލަން ބޭނުންވެފައިހުރި ނޭމާ ކުރިއަށް އޮތް ސީޒަނުގައި އެނބުރި ބާސެލޯނާއަށް އަންނަން ތައްޔާރަށްހުރިކަމަށް ބޭރުގެ ރިޕޯތްތައް ބުނެއެވެ.
"އަހަރެމެން އަބަދުވެސް ބަލަންވާނީ އެވަގުތަކަށް. މާޒީއަކަށް ނޫން" ބާސެލޯނާއާއެކު 18 ތަށި ކާމިޔާބުކުރި ޕުޔޯލް ބުންޏެވެ.
މީގެ އިތުރުން މާކެޓްގައި ކުޅުންތެރިއަކު ހުރިނަމަ އެކުޅުންތެރިއަކު ހޯދަންޖެހޭކަމަށާއި ކުރިންވެފައިހުރި ކަންތައްތަކަށް ބަލަން ނުޖެހޭކަމަށްވެސް ޕުޔޯލް ބުންޏެވެ.
އަނިޔާގެ ސަބަބުން ކޮޕާ އެމެރިކާގައިވެސް ބައިވެރިނުވެވުނު ނޭމާއާއި ގުޅޭގޮތުން ޕުޔޯލް މިހެންބުނެފައިވާއިރު ބާސެލޯނާގެ އެހެން ލެޖެންޑެއްކަމަށްވާ ލޯބޯ ކަރަސްކޯގެ ޚިޔާލު މުޅިންތަފާތެވެ.
"ނޭމާ އެނބުރި ބާސެލޯނާއަށް އަންނަން އަހަރެން ބޭނުމެއްނޫން" ކަރަސްކޯ ބުންޏެވެ.




