އެމްއާރުއެމްއިން މަސައްކަތް ކުރާނީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަކަށް ނޫން - މަޢުމޫން

އެމްއާރުއެމްއިން މަސައްކަތް ކުރާނީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަން ނޫން ކަމަށް ކޯލިޝަންގެ އެއް ލީޑަރު އަދި ކުރީގެ ރައީސް މަޢުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ ތާއިދާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމާފައިވާ ކެނޑިޑޭޓުންނާއެކު ޝީބިލްޑިންގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ އެމްއާރުއެމްއިން މަސައްކަތް ކުރާނީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަން ނޫން ކަމަށާއި، މަޖިލީސް އިންތިހާބުގައި ބޭނުން ވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް މެޖޯރިޓީ ހޯދަދޭން ކަމަށެވެ.

ވަކި ޕާޓީއެއްގެ ބޭފުޅަކު ރައީސް ކަމުގައި ހުންނެވި ކަމުގައިވީ ނަމަވެސް މިހާރު އޮތީ ކޯލިޝަން ސަރުކާރެއް ކަމަށާއި، ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން ކަމަށްވެސް މިބައްދަލުވުމުގައި ރައީސް މައުމޫނު ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ "ބޭނުންވަނީ ރައްޔިތުންގެ ތާއިދު، ރައްޔިތުން އަޅުގަނޑުމެންނަށް ހިތްވަރު ދިނުން، އެއީ ރައްޔިތުންގެ މަޖިލީހަކީ ބާރުވެރި ތަނަކަށް ހެދުން، ރައްޔިތުންގެ ބާރު ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، އަޅުގަނޑުމެން މަސައްކަތް ކުރަނީ ކޮންމެހެން މަޖިލީހުގެ އަގުލަބިއްޔަތު ހޯދާކަށް ނޫން، އަޅުގަނޑުމެންނަކީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ، އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެންގެ ބައި ފުރިހަމަ ކުރަން،" ކަމަށެވެ.

މަޖިލީހަށް ވަޑައިގެންނެވި އިރު އަތުގައި އެއްވެސް މުދަލެއް ނެތް ބޭފުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުއްސަނދި ވެގެންދާތަން ފެންނަ ކަމަށާއި، ބޮޑެތި ކުންފުނިތައް ހަދައި ބޮޑެތި ވިޔަފާރިތަކާއި، ބޮޑެތި އިމާރާތާއި، ބިންތައް މިލްކު ކުރާތަން ފެންނަ ކަމަށް ވިދާޅުވެ ރައީސް މައުމޫން ވިދާޅުވީ މަޖިލީހަށް މެމްބަރުން ހޮވަން އުޅެނީ އެމީހުން މުއްސަނދި ކުރާކަށް ނޫން ކަމަށާއި، ރައްޔިތުންނަށް ހިދުމަތްކުރުމުގެ ބޮޑު އަމާނާތަކާއެކު ކަމަށެވެ.

"މިއީ އަޅުގަނޑު އެއްގޮތަކަށްވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫން، އެއީކީ ނޫން އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ، އޭގެ ބަދަލުގައި އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުން ބާރުވެރިކުރަން، ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރާނެ، އެންމެ މުހިންމު ތަނަކީ ރައްޔިތުންގެ މަޖިލިސް، މަޖިލީހަކީ ރައްޔިތުންގެ އަޑު އިއްވަން އޮތްތަން، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ގެންދިއުމަށްޓަކައި ވަކާލާތު ކުރަން އޮތް ތަން، އެހެން ވީމައެއީ ވަރަށް މުހިންމު ވަސީލަތެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.

މަޢުމޫންގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ އެމަނިކުފާނު ބައްދަލުކުރެއްވިއިރު، އެމަނިކުފާނުގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ 30 އަށްވުރެ ގިނަ ދާއިރާއަށް ވާދަކުރާނެ ކަމަށް ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ އަބްދުލް އަލީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް