މުސާރަތައް ބޮޑުކުރީ މުވައްޒަފުން ހިފަހައްޓަން - އައިލެންޑް އޭވިއޭޝަން

އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްގެން ބައެއް އިސް މަގާމުތަކުގެ މުސާރަ ބޮޑުކުރަން ޖެހުނީ ކުންފުނި ހިންގުމަށް ދަތިވުމުގެ ބިރު ބޮޑުވުމުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންގެ މުސާރަ ބޮޑުކުރި މައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އެމްޑީ މުހައްމަދު ރިޒްވީ ވިދާޅުވީ، ބައެއް ސީނިއާ މަގާމުތަކަށްދޭ މުސާރަ ބޮޑުކުރީ ކުންފުނީގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލެއްގެ ދަށުން ކަމަށެވެ.

ރިޒްވީ އިތުރަށް ވިދާޅުވީ ފާއިތުވި ދެ ތިން އަހަރު ހިފަހައްޓާފައިވާ މަގާމުގެ ކުރިއެރުންތަކާއެކު މުސާރައިގެ އޮނިގަނޑު ބަދަލުކުރީ ވާދަވެރިކަން ބޮޑު ދާއިރާއެއްގައި ކުންފުނި ހަރަކާތްރެރިވާއިރު، ޓެކްނިކަލް މުވައްޒަފުންތަކެއް ގެއްލިގެން ގޮސް ކުންފުނި ހިންގަން ދަތިވެދާނެ ހާލަތަކަށް ދިއުމުގެ ބިރު ބޮޑުވުމުން ކަމަށެވެ. 

އެގޮތުން، އައިއޭއެސްގެ މުސާރައިގެ އޮނިގަނޑު ކޮމިޓީގެ ބައްދަލުވުމަށް މިއަދު ހުށަހެޅި ނަމަވެސް، އެ އޮނިގަނޑުގައި ހުރި މުސާރައިގެ އަދަދުތައް ސިއްރުކޮށް ދިނުމަށް ރިޒްވީ އެދިވަޑައިގެންނެވި އެވެ. އެކަމާ ގުޅިގެން އެ އޮނިގަނޑުގައި ހިމެނޭ އެއްވެސް މައުލޫމާތެއް ނޫނީ އަދަދުތައް ހާމަނުވާގޮތަށް މެންބަރުންގެ ސުވާލުތައް އަމާޒުކުރަން ނިންމި އެވެ.

ސަރުކާރުގެ އެއްވެސް އިދާރާއަކުން މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެންނަ ނަމަވެސް އެ ބަދަލެއް ފިނޭންސް މިނިސްޓްރީއާ ހިއްސާކުރަން ޖެހެ އެވެ. އަދި މުސާރައަށް ބަދަލު ގެނެސްފި ނަމަ އެއަށް އަމަލު ކުރެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު އެވެ. 

އެ މައްސަލަ ފިނޭންސް މިނިސްޓްރީން ބެލުމަށްފަހު ބުނެފައިވަނީ އައިއޭސް އިން މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސްފައިވަނީ ކުންފުނީގެ މާލީ ހަލާތާ އެކަށީގެންނުވާ މިންވަރަށް ކަމަށާއި، މުވައްޒަފުންގެ ޕަފޯމަންސް އާ އެއްގޮތަށް މިހާރު ލިބޭ މުސާރައިގެ 10 ޕަސަންޓަށް ވުރެ އިތުރުނުވާ މިންވަރަށް އޮނިގަނޑު އެކުލަވާލުމަށެވެ. އަދި ހުއްދަ ދިން ތާރީހުގެ ކުރިން ބޮޑުކޮށްފައިވާ މުސާރަ ބަހާލައިގެން މުވައްޒަފުން އަތުން އަނބުރާ ހޯދުމަށް އައިއޭސް އަށް ވަނީ މިނިސްޓްރީން އަންގައިފަ އެވެ. 

އެކަމާ ގުޅިގެން ރިޒްވީ ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އެންގުމަށް އެކުންފުނިން އަމަލުކުރާނެ ކަމަށާއި އަދި ކުންފުނީގެ ބައެއް ޑިޕާޓުމަންޓުތަކުގައި އިތުރަށް މުވައްޒަފުން އެބަ ތިބި ކަމަށާއި، އެކަން ހައްލުކުރަން މިހާރު އޮޑިޓެއް ކުރެވެމުންދާ ކަމަށެވެ.

ރިޒްވީ އިތުރަށް ވިދާޅުވީ، އެހާ ކުއްލި ގޮތަކަށް ސީނިއާ ލެވެލްގެ މުވައްޒަފުންނަށް މުސާރަ ބޮޑުކުރަންޖެހުނީ ވާދަވެރި ފަރާތްތަކުން އެ މުވައްޒަފުންނަށް ބޮޑެތި މުސާރަތައް ހުށަހަޅައިގެން އެ މުވައްޒަފުންތައް ގެއްލިގެން ދިއުމުގެ ބިރު އޮތުމުންކަމަށެވެ.

މުސާރައިގެ އޮނިގަނޑު އެކުލަވާލާފައިވަނީ މިހާރު އިންޑަސްޓްރީގައި ހުރި މުސާރަތަކަށްވުރެ ކުޑަކޮށްކަމަށާއި، ފިނޭންސް މިނިސްޓްރީން ރިއާޔަތްކޮށް އޮނިގަނޑު ރަނގަޅު ނޫންކަމަށް ނިންމާފައިވަނީ ކޮން ގޮތަކަށް ބަލައިގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ރިޒްވީ ފާހަގަކުރެއްވި އެވެ.

ރިޒްވީ އިތުރަށް ވިދާޅުވި ގޮތުގައި، އެ ކުންފުނީގައި މިހާރު 12،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާއިރު، މުވައްޒަފުންގެ ތަރައްގީއާ ތަމްރީނު ކުރުމަށް މާބޮޑު މަސައްކަތްތަކެއް ފާއިތުވި ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވިފައިނުވާ ކަމަށާއި، ކުންފުނީގެ އާ މެނޭޖްމަންޓާ ހަވާލުވިފަހުން، އެންމެ އިސްކަމެއް ދެނީ މުވައްޒަފުންގެ ތަރައްގީގެ އިތުރުން، މަސައްކަތުގެ މާހައުލު ރަނގަޅު ކުރުންކަމަށް ރިޒްވީ ވިދާޅުވި އެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ