ޅ.ނައިފަރުގައި 100 ހައުސިންގ ޔުނިޓް އަދި ބ.ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އަޅަން ދެ ކުންފުންޏަކާއެކު ސަރުކާރުން އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
ޅ.ނައިފަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ހައުސިންގ ޔުނިޓް އެޅުމަށް މިއަދު ހަވާލުކޮށްފައިވަނީ، ޑަބްލިއު އެންޑް އޭ އޯވަސީސްއާއި އެވެ. 311 ދުވަހުން ނިންމަން މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 71404200.60ރ (ހަތްދިހަ އެއްމިލިއަން ހަތަރުލައްކަ ތިންހާސް ދުއިސައްތަ ރުފިޔާ) އަށެވެ.
ބ.ތުޅާދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ހައުސިންގ ޔުނިޓް އެޅުމަށް މިއަދު ހަވާލުކޮށްފައިވަނީ، ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސް އާއި ޕްލްކްސްއިންކް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ ކުންފުންޏަކާއެވެ. 363 ދުވަހުން ނިންމަން މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 79682850.00ރ (ހަތްދިހަ ނުވަ މިލިއަން ހަލައްކަ އަށްޑިހަ ދެހާސް އަށްސަތޭކަ ފަންސާން ރުފިޔާ) އަށެވެ.

މި ދެ މަޝްރޫއުގެ ދަށުން 1100 އަކަފޫޓްގެ 200 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، ތިން ބުރިއާއި ހަތަރު ބުރީގެ އެޕާޓްމަންޓް ބިލްޑިންގތަކެއްގެ ގޮތުގައެވެ. މި އެޕާޓްމަންޓްތަކުގައި ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ސިޓިންގރޫމާއި، ބަދިގެ އަދި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީ ހިމެނޭނެކަމަށް ހައުސިންގ މިނިސްޓްރީން މިއަދު ވިދާޅުވިއެވެ.
151.1 މިލިއަން ރުފިޔާގެ މި މަޝްރޫއުތަކުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑ އާރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދުއެވެ. އަދި ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސް އާއި ޕްލްކްސްއިންކް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ ކުންފުނީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޕީ.ޑަބްލިއު ތިލަކަރަތްނަ ސޮއި ކުރެއްވިއިރު، ޑަބްލިއު އެންޑް އޭ އޯވަސީސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޖުހަދް ޢަބްދުﷲއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މި ދައުރުގައި އަތޮޅުތެރޭގައި 5000 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ނިންމަވާފައެވެ.



