ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވިޔަފާރި ފުޅާކުރެއްވުމަށް އަތޮޅުތެރޭގައި ޤާއިމުކުރެއްވި ފުރަތަމަ ބީއެމްއެލްގެ ބިޒްނަސް ސެންޓަރ އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުއްވައިދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އެވެ.
ބީއެމްއެލް އިން ވިދާޅުވީ، އަތޮޅުތެރޭގައި ބިޒްނަސް ސެންޓަރ ޤާއިމުކުރެވުމުގެ މަގުސަދަކީ ބޭންކް އިންވެސްޓްމެންޓުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް އެހީފޯރުކޮށްދެއްވުމުގެ ގޮތުން ކަމަށެވެ.
ބިޒްނަސް ސެންޓަރ ހުޅުވައިދެއްވުމަށް ބޭއްވުނު ރަސްމިއަޔާތުގައި ވާހަކަފުޅުދައްކަވަމުން، މިވަގުތު ބީއެމްއެލްއާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ، ބީއެމްއެލް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ އިންވެސްޓުމެންޓުތަކަށް ބަލާއިރު އައްޑޫއަކީ އެންމެ ބޮޑު އިންވެސްޓެއް ކުރަމުން އަންނަ ސިޓީ ކަމަށާއި، އައްޑޫސިޓީގައި މިފަދަ ތަނެއް ޤާއިމުކުރެވުމުން ބީއެމްއެލް އިން އުފާކުރާކަމަށާއި އަދި ބީއެމްއެލްގެ ޓީމުން މި ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ހައްލު ފޯރުކޮށްދޭނެ ކަމަށެވެ.
ބީއެމްއްލް އިން ވީދާޅުވީ، މި ސެންޓަރު މެދުވެރިކޮށް ހާއްސަކުރެވިފައިވާ ރިލޭޝަންޝިޕް އޮފިސަރުން، މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ މައުލޫމާތުތަކެއް ފޯރުކޮށްދޭނެ ކަމަށާއި، ލޯނު ތަކާއި ބެހޭ މައުލޫމާތާއި ލޯނު އެޕްލިކޭޝަންތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ސެންޓަރުން ލިބޭނެކަމަށެވެ.
ނޫރައްދީން އިތުރަށް ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ، ދިވެހި ރާއްޖޭގައި ހިމެނޭ އެކި ފެންވަރުގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކުރިއަށް އޮތްތާގައި މިފަދަ އިތުރު ބިޒްނަސް ސެންޓަރުތަކެއް މާލެ، ހުޅުމާޅެ އަދި ކުޅުދުއްފުށީގައި ހުޅުވިގެން ދާނެކަމަށެވެ.
އައްޑޫ ސިޓީގައި ބީއެމްއެލްގެ ދެވަނަ ބްރާންޗެއް ޤާއިމުކުރެވިގެން ދިޔައިރު، މިހާރު އެ ކުންފުނީގެ ތިން ބްރާންޗާއި އަށް އޭޓީއެމް މެދުވެރިކޮށް އައްޑޫގައި ހިދުމަތް ފޯރުކޮށްދެމުންދެއެވެ.




