ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ޖަލު ބަންދުގައި ހުންނެވިއިރު، އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ހައްޤު ކަށަވަރު ކޮށްދީފައި ނުވާނީ ކަރެކްޝަންސް އާ ދެކޮޅަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ދައުވާކުރަން ނިންމައިފިއެވެ.
މިކަން ކަށަވަރު ކޮށްދެއްވައި އެޗްއާރުސީއެމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޢުމޫންގެ ޞިއްޙީ ޙާލަތާއި ގުޅިގެން މި ކޮމިޝަނަށް ހުށަހެޅި މައްސަލައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
"އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމުގެ ޞިއްޙީ ޙާލަތާއި ގުޅިގެން މި ކޮމިޝަނަށް ހުށަހެޅި މައްސަލައިގެ ތަހުޤީޤަށް ރިޢާޔަތްކޮށް ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމައިފި." އެޗްއާރުސީއެމް އިން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މަޢުމޫން ގިނަ ދުވަސްތަކެއް ވަންދެން ޖަލު ބަންދުގައި ހުންނެވިއިރު، އެމަނިކުފާނުގެ ޞިއްޙީ ޚާލަތު ގޯސްވެ އެތައް ފަހަރަކު އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު، ބައެއް ފަހަރުތަކުގައި ޖަލަށް ޑޮކްޓަރުން ގެންގޮސްގެންވެސް ފަރުވާ ދެއްވާފައިވެއެވެ.