މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރާ ސިލްސިލާ ފޯރަމް "ޖަޒީރާ ހޮޅުއަށި" ގައި މިފަހަރު މަސްވެރިކަމާއި ބެހޭގޮތުން ސައްލާކުރަން ނިންމައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން "ޖަޒީރާ ހޮޅުއަށި" ގެ ނަމުގައި އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާ މަޝްވަރާތައް ކުރެވެމުންއަންއިރު، މިފަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރެވިގެންދާނީ، މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް މި މައުޟޫގެ މައްޗަށެވެ.
ރައީސްގެ ތަރުޖަމާނު ޙޫދު ވިދާޅުވީ، މަސްކަނޑުތަކުގެ ނަފާ ދިވެހި މަސްވެރިންނަށް ފުރިހަމަގޮތުގައި ހޯދައިދިނުމަކީ، މި ސަރުކާރުގެ މުހިއްމު އެއް އަމާޒުކަމަށާއި، މިކަން ޙާސިލުކުރުމަށް ރައްޔިތުންގެ ޙިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ މި ޖަޒީރާ ހޮޅުއަށި ޕްރޮގްރާމްގައި ރައީސް ސޯލިޙުވެސް ބައިވެރިވެ ވަޑައިގަންނަވާނެކަމަށެވެ.
މި ބައްދަލުވުން އޮންނާނީ، 12 ޖުލައި ވާ ހުކުރު ދުވަހުގެ ރޭ 8:30 ގައި ގދ ތިނަދޫގައެވެ. އަދި މި ބައްދަލުވުމުގައި މަސްވެރިކަމުގައި ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތަކާއި، ކަންބޮޑުވުންތައް ރައްޔިތުންނާއެކު މަޝްވަރާކުރެވިގެންދާނެއެވެ.
މި ޕްރޮގްރާމުގެ އެކިއެކި ސިލްސިލާ ބައްދަލުވުންތަކުގައި ތަފާތު މައްސަލަތަކާއި ގުޅޭގޮތުން މީގެކުރިންވެސް ރައްޔިތުންނާއެކު ވަނީ މަޝްވަރާކުރެވިފައެވެ.
ޖަޒީރާ ހޮޅުއަށި މިޕްރޮގްރާމަކީ، ރައްޔިތުންގެ ހިޔާލާއި ފިކުރު ހޯދައިގެން ރައްޔިތުން އެދޭ ވެރިކަމެއް ރާއްޖޭގައި ގާއިމްކޮށްދެއްވާނެ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅުގެ މަޤްސަދު ހާސިލްކުރުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ.



