މޮރިޝަސްގައި މިމަހު ފަށާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އަށް ދާ ދިވެހި ކޮންޓިންޖެންޓުގެ ދެކޮޅު ޗާޓަރ ފްލައިޓް ދަތުރުކޮށްދޭ ފަރާތަކަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) ގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގެވެ.
މި އެއްބަސްވުމުގެ ދަށުން މޯލްޑިވިއަނުން ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ޓީމު ފިޔަވާ ގޭމްސްގައި ބައިވެރިވާ އެހެން ހުރިހާ ކުޅިވަރު އެތުލީޓުންނާއި އޮފިޝަލުންނާއި ނޫސްވެރިންނާއެކު ޖުމްލަ 200 މެމްބަރުން ހިމެނޭ ރާއްޖޭގެ ކޮންޓިންޖެންޓް މޮރިޝަސްއަށް ގެންގޮސް އަދި އަނބުރާ ރާއްޖެއަށް ގެނެސްދޭނީ މޯލްޑިވިއަން އިންނެވެ. މޮރިޝަސްއަށް މޯލްޑިވިއަނުން ކުރާނީ ޗާޓަރ ފްލައިޓް ދަތުރުތަކެކެވެ.

ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓް މޮރިޝަސްއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގައެވެ. އަދި ޓީމު އެނބުރި އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ގައެވެ. ގޭމްސްގައި ވާދަކުރާ ފުޓުބޯޅަ އިވެންޓު ކުރިން ފެށުމަށް ހަމަޖެހިފައިވާތީ ރާއްޖޭގެ ޓީމުތައް މޮރިޝަސްއަށް ދިއުމުގެ ކުރިން ގައުމީ ފުޓުބޯޅަ ޓީމު އެ ގައުމަށް ފުރާނެ އެވެ.
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ މިއީ ކޮމާޝަލް އެއްބަސްވުމެއް ނޫންކަމަށާއި މޯލްޑިވިއަން އިން މިކަން ކޮށްދެނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ވަރަށް އަގުހެޔޮކޮށް ކަމަށެވެ. އަދި މޯލްޑިވިއަން އިން މި ދަތުރުގެ ކަންކަން ވަރަށް ރަނގަޅަށް ހަމަޖައްސާދީފައިވާ ކަމަށްވެސް މަރުޒޫގު ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ގައުމީ އެއާލައިނުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އަބަދުވެސް އެހީތެރިވެދޭނެ ކަމަށެވެ.




