ބޮޑެތި ލުއިފަސޭހަތަކެއް އެކުލެވޭ ރާއްޖެ – އިންޑިއާ ވިސާ އެގްރީމެންޓަށް އަންނަ މާރޗް މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ، ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްރީމަންޓަށް އަމަލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް، 11 މާރޗް 2019 އިން ފެށިގެން އެ އެގްރީމަންޓަށް ދެ ޤައުމުން އަމަލުކުރުމަށް އެއްބަސްވެ ރަސްމީ ލިޔުން ބަދަލުކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި، ދެޤައުމުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދެޤައުމު ދޭތެރޭ ދަތުރު ފަތުރުކުރުމަށާއި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެކެވެ.
"މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމަށާއި ބޭސްފަރުވާއަށާއި ތައުލީމް ހާސިލްކުރުމަށާއި ވިޔަފާރިއާއި ވަޒީފާގެ ބޭނުމުގައި، އިންޑިއާއަށް ދަތުރުކުރައްވާ ދިވެހިންނަށް ވިސާގައި މިހާރު ކުރިމަތިވާ ގޮންޖެހުންތައް ނެތި ފަސޭހަކަމާއެކު އިންޑިއާއަށް ދަތުރުކުރުމަށް މަގުފަހި ވެގެންދާނެ." ފޮރިންގ މިނިސްޓްރީން ވިދާޅުވިއެވެ.
އާ ވިސާ އެގްރީމެންޓަށް އަންނަ މަހު އަމަލުކުރަން ފަށާނެ ކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވިއިރު، އިންޑިއާއަށް ކުރެއްވޮ ފުރަމާނަ ދަތުރުފުޅަށްފަހު ރައީސް ޞޯލިޙް ވިދާޅުވެފައިވަނީ، ދިވެހިންނަށް އިތުރު ލުއިފަސޭހަތައް ލިބޭނެ ކަންތައްތަކަށް، އެއްބަސްވެވަޑައިގެންފައި ވާނެކަމަށާއި، އޭގެ ތެރޭގައި ވިސާއާ ނުލައި އަހަރަކު 180 ދުވަހު އިންޑިއާގައި ދިވެހިންނަށް މަޑުކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
"ވިޔަފާރިއާއި ޓޫރިޒަމް އަދި ބޭސްފަރުވާގެ ދަތުރުތަކަށް، 6 މަސް ދުވަހުގެ މުއްދަތުގެ ތެރެއިން 90 ދުވަހު، ވިސާއާ ނުލައި ދަތުރުކުރުން ހިމެނޭ. އަދި ވަޒީފާގެ ބޭނުމަށް ފިޔަވައި އިންޑިއާއަށް ކުރާ ދަތުރުތަކަށް ހިލޭ ވިސާ ޖަހައިދިނުން. އޭގެތެރޭގައި މި ހިމެނެނީ، ޓޫރިޒަމް، މެޑިކަލް، ސްޓޫޑަންޓް އަދި ވިޔަފާރީގެ ދަތުރުތައް." ރައީސް ޞޯލިޙް ވިދާޅުވިއެވެ. ވިސާގެ އައު އެއްބަސްވުމަށް އަމަލުކުރަން ފަށަން ތައްޔާރުވެފައިވާއިރު، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއާއި، އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑުތަނުން ރަނގަޅުވެފައެވެ.