މަޖިލިސް ކުރާގެ ކުރީގައި ހުންނަ ގޮތް - ފޮޓޯ: މަޖިލިސް

މަޖިލިސް އިދާރާގެ ސެކިއުރިޓީއަށް ކަނބަލުން ހޯދަނީ

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ސެކިއުރިޓީންނަށް އަންހެން ކަނބަލުން ހޯދަން އިއުލާން ކޮށްފިއެވެ.

އެ އިދާރާއިން މިއަދު ކުރި އިއުލާނެއް ގައި ބުނީ، ސާޖަންޓް އެޓް އާމްސްގެ އިރުޝާދުގެ ދަށުން، މަޖިލިހުގެ އިދާރާގެ އެތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ހަތަރު އަންހެނުން ބޭނުންވާ ކަމަށެވެ.

އަސާސީ މުސާރައިގެ ގޮތުގައި 6500 ރުފިޔާ، ލިވިން އެލެވެންސް ގޮތުގައި 3500 ރުފިޔާ އަދި ވަޒީފާއަށް ނުކުންނަށް ކޮންމެ ދުވަހަކަށް 100 ރުފިޔާ ލިބޭނެ ކަމަށްވެސް އެ އިއުލާނުގައިވެއެވެ.

ސެކިއުރިޓީންނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތަކީ ސާނަވީ އިމްތިހާނުގެ ދެ މާއްދާ އަކުން ދަށްވެގެން ޑީ ފާސް ލިބިފައި ވުމާއި އެސްއެސްސީ އިމްތިހާނުގައި ދިވެހިން ދަށް ވެގެން ސީ ފާސް ލިބިފައި ވުމެވެ. ނުވަތަ މަގާމަށް ބޭނުންވާ ދާއިރާ އަކުން ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ހަތަރެއްގެ ސަނަދެއް އޮތުމަކީ ވެސް ޝަރުތެކެވެ.

ވަޒީފާއަށް އެދި ކުރިމަތިލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ އާއި ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށައަޅަންޖެހޭނެއެވެ.

މި ވަޒީފާއަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު 19 ފެބްރުއަރީ 2019 ގެ 14:00 ގެ ކުރިން އޮންނާނެކަމަށާއި، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޯމު ހުށައެޅޭނެކަމަށް އެ އިއުލާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން، އެ އިދާރާއަށް ބައެއް ބަދަލުތައް ގެންނަމުން އަންނައިރު، އެ އިދާރާގެ ވަށާފާރު 8 ފޫޓަށް އުސްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް