ބްރެޒިލްގެ ކެޕްޓަން ޑެނި އަލްވެސް މެންޗެސްޓާ ސިޓީއަށް ގެނައުމާމެދު އެކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ވިސްނަމުންދާކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފިއެވެ.
މީގެ ދެއަހަރު ކުރިންވެސް ސިޓީއާއެކު ޑެނި އަލްވެސްވަނީ ވާހަކަ ދެކެވިފައެވެ. އަދި އެފަހަރު ހުރިހާ ކަމެއްނިމި އެންމެ ފަހު ވަގުތު އަލްވެސްވަނީ ސިޓީއަށް ނޫނެކޭ ބުނެ ޕީއެސްޖީއަށް ބަދަލުވެފައެވެ.
އަލްވެސްގެ ބަދަލަށް އެފަހަރު ސިޓީން ގެނައީ އިންޓަމިލާން އަދި ޔުވެންޓަސްއިން ފާރަލަމުން ދިޔަ ބްރެޒިލްގެ ޑަނީލޯއެވެ.
މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ޗެމްޕިއަން ސިޓީން ކަނާތު ބެކެއް ހޯދުމަށް ކުރާ މަސައްކަތުގައި ކުރިން އަލްވެސް އެޓީމާއި ދޭތެރޭ ކަންތައްކުރި ގޮތަށް ބެލުމެއްނެތި ބޭނުންވަނީ ކްލަބުގެ ފަހަތް ވަރުގަދަ ކުރާށެވެ.
އުމުރުން 36 އަހަރުގެ އަލްވެސްވަނީ ބާސެލޯނާގައި ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެފައެވެ. އަދި ބާސާއެކު ގިނަ ކާމިޔާބީތަކެއްވެސް އޭނާވަނީ ހޯދާފައެވެ.
މީގެއިތުރުން ބްރެޒިލްއާއެކު މިނިމުނު ކޮޕާ އެމެރިކާގެ ތަށި އުފުލާލި އަލްވެސްއަކީ އެމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އަލްވެސްގެ ކެރިއަރުގައި މިހާތަނަށް 40 ތަށި ކާމިޔާބުކޮށްފައިވެއެވެ.




