ބާސެލޯނާއިން އެތުލެޓިކޯގެ އެންޓޮއިން ގްރިޒްމަންގެ ރިލީސް ކްލޯސްގެ ގޮތުގައި 120 މިލިއަން ޔޫރޯ ބޭންކު މެދުވެރިކޮށް ޓްރާންސްފާ ކޮށްފައިވާކަމަށް ދެކެވޭ ވާހަކަތަކާމެދު ވާހަކަ ދައްކަން ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑް ދެކޮޅުހަދައިފިއެވެ.
ލަލީގާގެ ޤަވާއިދުގައިވާގޮތުން ކުޅުންތެރިންގެ ފީ ދައްކަން ޖެހޭނީ ނަގުދު ފައިސާގެ ގޮތުގައި ލަލީގާގެ ހެޑްކުއާޓާއަށެވެ. އަދި ފައިސާ ލިބުމާއެކު ހެޑުކުއާޓާއިން އެކަން ކްލަބުގެ ވެރިންނަށް އަންގާނެއެވެ.
އެހެންކަމުން ބެލެވޭ ގޮތުގައި އުމުރުން 28 އަހަރުގެ ގްރިޒްމަންއަށް ބާސެލޯނާގެ އެއްބަސްވުމުގައި މިއަދު ސޮއިކުރާނެއެވެ. ފަސް އަހަރުގެ މުއްދަތަކަށް ސޮއިކުރެވޭ މިއެއްބަސްވުމަށްފަހު ބާސާއިން ގްރިޒްމަން ކުރިއަށް އޮތް ތިން ދުވަސްތެރޭ ރަސްމީކޮށް ދައްކާލާނެއެވެ.
ކުރިއަށް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާއިން އެމީހުންގެ ފަަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުއެވެ. އެހެންކަމުން އާދިއްތަ ދުވަހު މެޑިކަލް ޓެސްޓްތައް ހެދުމަށްފަހު ހޯމަ ދުވަހު ބާސެލޯނާގެ ފަރިތަކުރުންތަކުގައި ގްރިޒްމަން ހިމަނަން އެޓީމުން ބޭނުންވެއެވެ.




