ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ ޗެއާމަން އަކަށް އެ ކުންފުނީގެ ކުރީގެ ސީއީއޯ މުހައްމަދު ރަޝީދު އައްޔަން ކުރައްވައިފި އެވެ.
ސްޓެލްކޯގެ ޗެއާމަން އަކަށް މުހައްމަދު ރަޝީދު އައްޔަން ކުރައްވައިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މުހައްމަދު ރަޝީދަކީ ސްޓެލްކޯގެ ސީއީއޯ ކަމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި، އަދި މިހާރުވެސް ސްޓެލްކޯއަށް ހިދުމަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.

ރަޝިއާ އިން ތައުލީމް ހާސިލް ކުރެއްވި މުހައްމަދު ރަޝީދު އެންމެ ފުރަތަމަ ސްޓެލްކޯގައި މަސައްކަތް ކުރެއްވީ އިންޖީނިއަރެއްގެ ގޮތުގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ސްޓެލްކޯގެ ބޯޑަށް ވަނީ ބަދަލުތަކެއް ގެންނަވައިފައެވެ. ސްޓެލްކޯގެ ޗެއާމަން އަކަށް މުހައްމަދު ރަޝީދު މިއަދު އައްޔަން ކުރެއްވި އިރު، މިދިޔަ ޑިސެމްބަރު މަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ސްޓެލްކޯގެ އެމްޑީކަން ކުރެއްވި ބޭފުޅެއްކަމަށްވާ ހަސަން މުގްނީ އެވެ.