ތަޒްކީ

ތަޒްކިޔާ ހިނގަމުން ހިނގަމުން ގޮސް ހުއްޓުނީ ކުރިއަށް ދާނެހިތްވަރެއް ގައިގައި ނެތުމުންނެވެ. ފައިވާޅުވެގެން ނުވަތަ އުނަގަނޑަށް ތަދުވާތީއެއް ނޫނެވެ. ތަދުވަނީ ހިތަށެވެ. އަޅާ ވޭނުން ކުރިއަށް ދާނެ ހިތްވަރެއް ނެތީއެވެ. ހުރިދިމާއަށް ބިންމަތީގައި އިށީނދެވުނެވެ. އެއާއި އެކު ދެލޮލުގައި ޖަމާވަމުން އައި ކަރުނަތަށް ތަޒްކިޔާގެ ކޯތާފަތްމައްޗަށް ބަންޑުންވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އަޑުން އަޑުނަގާ ތަޒްކީ ރޮމުން ގެންދިޔައެވެ.

ހުޅުމާލޭ އަތިރިމަތީގައި އެވަގުތު މާގިނަ ބަޔަކު ނެތްނަމަވެސް ތިބި މަދު ބައެއް ދިޔައީ ތަޒްކިޔާއަށް ހުއްޓާ ނުލާ ބަލަމުންނެވެ. އެހެންނަމަވެސް ގާތްވެލާފައި ވެގެން އުޅޭ ގޮތެއް އަހާލަން ކެރުނު ހަމަ އެކަކުވެސް ނެތެވެ. ތަޒްކިޔާއެހެން އިންނަތާ ދިހަވަރަކަށް މިނެޓް ފާއިތުވެގެން ދިޔައީއެވެ. އަދިވެސް ހުއްޓާނުލާ ރޮނީއެވެ. ކެތްނުވެގެން ތަޒްކިޔާ ގާތަށް ގޮސް ހުއްޓުނީ ޒުވާން ފުރައިގެ ފިރިހެން ކުއްޖެކެވެ.

" ކިހިނެއްވީ ތި ރޮނީ؟ " އެ ޒުވާނާ އޯގާތެރިކަމާއި އެކުގައި އެހިއެވެ. ތަޒްކިޔާއަށް އަޑުއިވުނުހެން ހީވެސް ނުވެއެވެ.
" ތަނަކަށް ތަދުވަނީތަ؟ " އަނެއްކާވެސް އެ ޒުވާނާ ބުންޏެވެ. ދެންވެސް ތަޒްކިޔާ އަނގައިންނެއް ނުބުންޏެވެ.
" ބަލާ އަންނަން މީހަކަށް ގުޅާދެންތަ؟ " އެ ޒުވާނާ ވާހަކަ ދެއްކިއެވެ.
" އަހަންނަކީ އާޔަން. ގެއަށް ގެންގޮސްދެންތަ؟ " އޭނަ ހިތްވަރު ކޮއްލިއެވެ.
" އެނގޭތަ މިރޭ އެބައިން ވަރަށް ރީތި ހަނދެއް. ތަރިތަށްވެސް ވަރަށް ރީއްޗަށް އެބަފެނޭ. އަހަންނާއި އެއްކޮށް ތަރިތަށް ބަލާލަން ދާންވީއެއްނު. " އާޔަން އުއްމީދެއް ނެތި އެހެން ބުނެލިއެވެ. އަންހެން ކުއްޖަކު އެފަދަ ހާލެއްގައި އެކަނި ބައިންދާފައި ދިޔުމަށް އޭނާގެ ޒަމީރު އެއްބަހެއް ނުވެއެވެ.

މިފަހަރު ތަޒްކިޔާ އިސްއިފުލާ އާޔަންއަށް ބަލާލިއެވެ. އާޔަން ހިނިތުންވެލަމުން އަތްދިއްކޮއްލިއެވެ. އެހެނަސް އެ އަތުގައި ތަޒްކިޔާ ނުއެއް ހިފައެވެ. އަމިއްލައަށް ތެދުވެ  މޫދާދިމާއަށް ހިނގައި ގަތީއެވެ. އާޔަން ތަޒްކިޔާ ފަހަތުން ހިނގައިގަތީ އޭނާ ކުރަން އުޅޭ ކަމެއް ނޭނގޭތީއެވެ.

ތަޒްކިޔާ ގޮސް އިށީނީ ދޮންވެލިގަނޑު މަތީގައެވެ. ރާޅުޖަހާތަން ގާތުން ފެންނަ ފަށުގައެވެ. އާޔަންވެސް ތަޒްކިޔާ ގާތުގައި އިށީނީއެވެ. ވާހަކަވެސް ދައްކަން ނުކެރިފައެވެ. ބުނެވޭ އެއްޗަކުން އެ އަންހެން ކުއްޖާ ހިތުގައި ޖެހިދާނެތީއެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައި ވީ ހަމަހިމޭން ކަމެވެ. ގަސްތަކުގެ ތެރެއިން ސޫފިތައް ގޮވާ އަޑާއި ދޮންވެލި ގަނޑުމައްޗަށް ރާޅުޖަހާއަޑު ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ.

"އަހަރެންގެ ކުށަކީ ކޮބާ؟ އަހަންނަށް މިހެން ވާންވީ ކީއްވެ؟" ތަޒްކިޔާގެ އަޑު އިވުމާއި އެކު އާޔަން ހައިރާންވިއެވެ. އެ އަންހެން ކުއްޖާ ވާހަކަ ދައްކާނެ ކަމަށް އާޔަން ހީނުކޮށް އިންދާ ވާހަކަ ދެއްކީމައެވެ.

"އަހަރެން ފާޒިލްއާއި ކައިވެނީ ކުރީ ވަރަށް ލޯބިވާތީ. ހަގީގަތަށްވެސް ވަރަށް ލޯބިވާތީ. އަހަރެން ހީކުރީ އެއީ އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ކައިވެނި ކަމަށް. ދުވަހަކުވެސް އެ ކައިވެނި ރޫޅޭނެކަމަކަށް އަހަރެން އުއްމީދެއް ނުކުރަން. އަހަރެން މަސައްކަތްކުރިން. ވަރަށް މަސައްކަތްކުރިން. އެކަމަކު އަހަރެން ކުރި މަސައްކަތުގެ އެއްވެސް އަގެއް ނެތްފަދަ." ތުރުތުރު އަޅަމުންދާ އަޑަކާއި އެކު ތަޒްކިޔާ އާޔަންއަށް އޭނަގެ ހިތާމަވެރި ހަޔާތުގެ ވާހަކަ ހިއްސާކުރަން ފެށިއެވެ. އާޔަންއަށް އިނދެވުނީ ބަލަންށެވެ. ތަޒްކިޔާގެ މޫނަށެވެ.

"ކައިވެންޏަށް ދެތިންމަސް ތެރޭގައި އަހަރެން ބަލިވެ އިނީ. އެންމެ ފުރަތަމަ އަހަރެން އެ ބޭބީ ބޭނުމެއްވެސް ނޫން. އަހަރެން ހުރީ ތައްޔާރަކަށް ނޫން އެހާ ބޮޑު މައްސޫލިއްޔަތެއް ބޮލުގައި އަޅާކަން. އަހަރެން ފާޒިލްގާތުގައި ވަރަށް ރުއިން. އަހަރެން ބުނިން އަހަރެން ބޭނުމެއް ނޫނޭ އަދި. އަހަރެން ބޭނުމޭ އަދި ކެރިއަރ ބިލްޑް ކުރަން. ދެމީހުން އެއްކޮށް ލޯބިން އަދި ދުވަސްތަށް ހޭދަކުރަން. އަހަރެން ވަރަށް ރުއިން. އެކަމަކު ފާޒިލް އަހަންނަށް ވިސްނާދިން. އެއީ ކިހާ ބޮޑު ނިއުމަތެއްކަން. ބައެއް މީހުން އުމުރު ދުވަހު މަސައްކަތް ކުރާއިރުވެސް ދަރިންގެ އުފަލުން މަހުރޫމް ވެފައި ތިބޭކަން. އެހިސާބުން އަހަރެން އެ ދަރިފުޅު ބޭނުންވި. އެކަމަކު އެ ނުވަމަސް އަހަންނަށް ވެގެންދިޔައީ ވޭނުން ފުރިގެން ދިޔަ ނުވަމަހަށް. ފާޒިލް އަހަންނަށް ވަގަށް އެހެން އަންހެން ކުދިންނާއި ލޯބީގެ ވާހަކަތަށް ދައްކަމުންދިޔަ. ދެމީހުން އެއްކޮށް ތިބި ނަމަވެސް ބައެއް ރޭރޭ އަހަރެން އެކަނި ތަޅުންގަނޑުގައި ނިދަން އޮންނަން. ފާޒިލްއާއި ވާހަކައެއް ނުދައްކަން. ކޮންމެ ފަހަރަކުވެސް ފާޒިލް ބުނާނެ ދެން ފަހަރަކު އެހެނެއް ނުވާނެއޭ. އަހަރެންގެ މޮޔަކަމުން ކޮންމެ ފަހަރަކު... ކޮންމެ ކޮންމެ ފަހަރަކު އެ ބަސް ހިތުގެ އަޑިން ގަބޫލުކުރަން. އެކަމަކު އަހަންނަށް ކޮންމެ ފަހަރަކުވެސް ފާޒިން ހަދަމުން އައީ ހުސް ދޮގު." ތަޒްކިޔާ ކިޔާދެމުން ދިޔައިރުވެސް ލޮލުން ހުއްޓުމެއް ނެތި ކަރުނަތަށް އަންނަމުން ދިޔައެވެ. އާޔަންގެ ހިތުގައި އެ އަންހެން ކުއްޖާއަށްޓަކައި ހަމްދަރުދީ އުފެދެމުން ދިޔައެވެ. ކިތަންމެ ފަހަރަކު އެދެލޯ ފުހެލަ ދީ ހިނިތުންވެލަން އެދެން ހިތަށް އެރިއެވެ. އެހެނަސް އެހެން ހެދުމަކުން އެ ވޭން އަޅަމުންދާ ހިތަށް ހަމަޖެހުމެއް ނުލިބޭނެކަން އާޔަންއަށް އެނގެއެވެ.

"އަހަރެން ހީކުރީ އަހަރުމެންގެ ދަރިފުޅު ލިބުނީމަ ހުރިހާކަމެއް ހައްލުވާނެ ކަމަށް. އެކަމަކު އެހެނެއް ނޫން. އަހަރެން ހަނދާން އެބަހުރި. އަހަރެން ސިޒޭރިއަން ހަދަން އެޑްމިޓްވާން އޮތް ދުވަހުވެސް އަހަންނަށް ޖެހުނީ ރޯން. އިތުރު އަންހެން ކުއްޖެއްގެ ކަންތައް އެނގިގެން. އެކަމަކުވެސް އަހަރެން ހިތްވަރު ކުރިން. އެ ދަރިފުޅަށްޓަކައި. އެ ދަރިފުޅު އަހަންނަށް ދުނިޔޭގައި ވަންޏާ ވާހާ އުފާވެރިކަމެއް ގެނެސްދިން. އަހަރެންގެ އަންހެން ދަރިފުޅު " ދުއާ " .ފާޒިލް އަބަދުވެސް އުޅެނީ މަސައްކަތުގައި މާލެއިން ބޭރުގައި. އަހަރެން އެކަނި ދުއާ ގޮވައިގެން އުޅެމުން އައީ. ލިބޭ ކުޑަ އެތިކޮޅުން ފުއްދަމުން. އާއްމުކޮށް އެއްޗެއް ގަތަސް ގަންނަނީ ދުއާއަށާއި ފާޒިލްއަށް. އެއަފަހު ރުފިޔާއެއް އޮތިއްޔާ އަހަންނަށް. ކުޑަ ދަރިފުޅު ގޮވައިން އެކަނި އުޅެމުންވެސް ފާޒިލް އަންނަ ކޮންމެ ފަހަރަކު އެއްވެސް ކަމެއް އުނި ނުވާހެން ކޮއްދެން. ކިތަންމެ ބަލިކޮށް އުޅުނަސް ޝަކުވާއެއް ނެތި. މާލޭގައި ކުއްޔަށް އުޅުމަކީ އުނދަގޫކަމެއް ކަމަށް ބުނެ އަހަރެން އޭނަގެ އާއިލާގާތަށް ބަދަލުކުރި. އެތަނުންވެސް އަހަންނަށް ލިބުނީ ވޭނާ ހިތްދަތިކަން. އަހަންރެން މާލެ މީހަކަށް ވީތީ އަބަދުވެސް އަހަންނާއި ދިމާކުރުން ނޫން ކަމެއް ނޯންނާނެ. މާލެ މީހުން ދަރިންވެސް އެއްލާލާނެ. މާލެ މީހުންނަށް ކައްކާކަށްވެސް ނޭނގޭނެ. މާލެ މީހުންނަށް ކުރަން އެނގޭ އެއްކަމެއްވެސް ނެތް. ކެތްނުވެގެން އެއްދުވަހު އަހަރެން ދަރިފުޅު ގޮވައިން މާލެ އައީ، އަނބުރާ އަހަރެންގެ މަންމަމެން ކައިރިއަށް. ދެން ދުވަހަކުވެސް އެރަށަށް ނުދާން." ތަޒްކިޔާ ބައެއް ފަހަރު ދައްކަމުނަ ދިޔަ ވާހަކަ ހުއްޓާލުމަށް ފަހު ދެލޯ ފުހެލައެވެ. އެއަށްފަހު ހަނދާއި ތަރިތަކަށް ބަލާލައެވެ. ތަޒްކިޔާގެ ކޮންމެ ހަރަކާތަކަށް ޝައުގުވެރިކަމާއި އެކު އާޔަން ބަލަން އިނެވެ.

" ކައިވެންޏަށް ފަސް އަހަރު ވާން ގާތްވީމަ އަހަރެން ބުނެގެން ފާޒިލް މާލެއަށް ބަދަލުވި. ދެން ވީ ކިހިނެއްކަން އެނގޭތަ؟ އެ އޮފީހުން ކުއްޖަކު ލިބުނީ. އެ ކުއްޖާއާއި އެކު ވަގުތު ހޭދަކުރަނެ ފެށީ. އަހަރުމެންގެ ދަރިފުޅު ބަލިވެ އުޅޭ އިރުވެސް އޭނަ އުޅޭނީ ބޭރުގައި. އެންމެ ފަހުން އަހަންނަށް ކެތްނުވެގެން އަހަރެން ބުނީ އަހަރެން ވަރިކޮއްދޭށޭ. ވަރަށް ފަސޭހައިން އޭނަ އެކަން ކޮއްދީފި. އަހަންނަކީ އޭނައަށް އެއްވެސް އެއްޗަކަށް ނުވި. ބޯޅައެއްގައި ފައިންޖަހާ އެއްލާލާ ގޮތަށް އޭނަގެ ހަޔާތުން އަހަންނާއި ދަރިފުޅު ނެރެ އެއްލާލި. އަހަރެން ކީއްކުރާނީ؟ ކުރެވޭނީ ކީއް؟ އަހަރެން އުޅެމުންއައީ ވަޒީފާއެއްގަ ނޫން. އާމްދަނީއެއް ލިބޭނެ ގޮތެއް ނެތް. ހަތަރު އަހަރުގެ ކުއްޖެއް ގޮވައިން އަހަރެން އުޅޭނީ ކިހިނެއް؟ ކޯޓު މެދުވެރިކޮށް ދޭ ދެހާސް ރުފިޔާއެއް ފިޔަވާ އެއްވެސް އެއްޗެއް ފާޒިލް އަހަރުމެންނަކަށް ނުދޭ." ތަޒްކިޔާ އަނެއްކާވެސް އަޑުން އަޑުނަގާ ރޯންފެށިއެވެ. އާޔަން މަޑުމަޑުން ތަޒްކިޔާގެ އަތުގައި ހިފާލާ ހިތްވަރުދޭން ބޭނުންވިއެވެ. ނަމަވެސް އެކަމަށް އޭނާ ނުކުޅެދުނެވެ.

"އެ ދަރިފުޅު ގޮވައިން ފިހާރައަކަށް ވަނަސް މެޓައެއް ވަރުވެސް އަހަންނަށް ގަނެއެއް ނުދެވޭ. ގުރުއާން ކްލާހަށް ފީނުދެއްކޭތީ ގުރުއާން ކްލާހުންވެސް ކަނޑާލަން މަޖުބޫރުވި. ދަރިފުޅު ބަލިވިޔަސް އައިޖީއެމްއެޗް ގައި ނަން ނޯޓްކޮއްގެން ނަންބަރެއް ލިބެންދެން ހުންނަން އަހަންނަށް މަޖުބޫރުވާންފެށި. ކިތަންމެ ދައްޗެއްވެގެން ބުންޏަސް ފާޒިލްގެ ފަރާތުން އެހީތެރިކަމެއް ނުލިބޭ. އަހަންނަށް ހީވާން ފެށީ އަހަންނަކީ މަޔަކަށް ހުރި ލަދެއްގެ ގޮތުގަ. އަހަރެންގެ އެ ތުއްތު ދަރިފުޅު ބޭނުންވާ ކަންތައްތައް ނުކޮއްދެވޭ ތަނުގައި ބައްޕައެއްގެ ލޯބިންވެސް އަހަރެން އެ ދަރފުޅު މަހުރޫމް ކުރީމަ. ބައެއް ފަހަރު އެ ތުއްތު ދަރިފުޅު ބުނާނެ މަންމީއޭ އަޅުގަނޑަށް ބައްޕިއެއް ގަނެދެއްވާށޭ. އެ ކުއްޖާފުޅަށް ހީވަނީ ބައްޕިވެސް ގަންނަން ލިބޭނެހެން." ތަޒްކިޔާގެ އަޑު ބެދޭގޮތްވާން ފެށިއެވެ.

"އަހަރެންގެ މަންމަ އޭރު ދިރިއުޅެމުންއައީ އަތޮޅުތެރޭގައި. ދަރިފުޅު މަންމަ ގާތަށް ފޮނުވާފައި މާލޭގައި ހުރެގެން ވަޒީފާއަދާކުރަން އަހަރެން ނިންމިން. އެކަމަކު އެ ނިންމުން އެއީ އެންމެ ރަނގަޅު ނިންމުމެއް ނޫންހެން އަހަންނަށް މިއަދު ހީވޭ އެބަ. އެންމެން އަބަދާއި އަބަދު އަހަންނަށް އެއްޗެހި ކިޔަނީ. ދަރި އެއްލާލާފައި މާލޭގައި މަޖާކުރަނީއޭ.  ހިތެއްވެސް ނެތިއޭ ކެ ކުޑަދަރިފުޅު މަތިން ހަނދާންވެސް ނުވެއޭ. އެއްވެސް މީހަކު ހިތަކަށް ނާރާ އަހަރެން މިއުޅޭ ހާލެއް. އަހަރެންނަށް ދިރި މިހުރެވެނީވެސް އެދަރިފުޅައްޓަކައި. މުޅި ދުވަހު އަހަންނަށް ވިސްނެނީ އެ ދަރިފުޅާއި ދޭތެރޭ. ރޭގަނޑު އަހަންނަށް ނިދެނީއެއް ނޫން. ނުވިތާކަށް މިހާރު އަހަރެން ޑިޕްރެޝަންއަށް ބޭސްވެސް ކަން. އަހަންނަށް ރުއިން ނޫން ކަމެއް ނުކުރެވޭ. އެހެންވެ އަހަރެން ދަރިފުޅު އަނބުރާ ގެންނަން މިއުޅެނީ. ކޮންމެވެސް ގޮތެއް އޮންނާނެ ކަމަށް އުއްމީދު ކޮއްގެން. ފާޒިލްގެ ސަބަބުން އަހަންނަށް މި ލިބޭ ހިތްދަތިކަން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އަހަރެން އެއްއިރެއްގެ ފާޒިލްދެކެ އިންތިހާއަށް ލޯބިވިން. އެކަމަކު މިއަދު އަހަރެން އޭގެ އެތަށް ގުނައަކަށް ފާޒިލްދެކެ ނަފްރަތުކުރަން. މީހުން ބުނެ އުޅޭ އެއްވެސް މީހަކަށް ދެރައެއް ލިބުމަށް ނޭދޭށޭ. އެކަމަކު އަހަންނަށް އެދެވޭނީ އޭނައަށް ހުސް ވޭނާ ހިތްދަތިކަން ލިބެން. އަހަރެން ކިހިނެއް އޭނަ އުފަލުގައި އުޅުމައް އެދޭނީ. އަހަރެން މިއަދު ހިތަށް އަރާ ކުރިން އެ މަޅިން ސަލާމަތްވެވުނު ނަމައޭ." ލޮލުން ފައިބަމުން ދާ ކަރުނަތަށް ފޮހެން ތަޒްކިޔާ މަސައްކަތްކުރަމުން ދިޔައެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

އިތުރަށް ތަޒްކިޔާ ވާހަކަ ދައްކާތޯ ބަލާލުމަށް އާޔަން އިރުކޮޅަކު އިނެވެ. އެހެން ނަމަވެސް ތަޒްކިޔާ ވާހަކަ ދައްކާކަށް ނޫޅުނެވެ. އުޑަށް ބަލަން އިންނަނީއެވެ.

"އަހަންނަކަށް ނޭނގޭ އަހަރެން ކީކޭ ބުނީމަ ކަމެއް މަންޖެ ހިތްހަމަޖެހޭނީ. އެކަމަކު އަހަރެން ބުނަން ބޭނުންވަނީ ތިއީ ވަރަށް ހިތްވަރުގަދަ މަންމައެކޭ. މީހުން އަބަދުވެސް އެއްޗެހި ކިޔާނެ. އެއީ އިންސާނުންގެ ގޮތް. އެންމެން ރުހޭ ގޮތަކަށް ނޫޅެވޭނެ. އަހަންނަކަށް ނޭނގޭ މާ މޮޅެތި ވާހަކަތަކެއް ދައްކާކަށް. އެކަމަކު އަހަންނަށް ކޮންމެވެސް ވަރަކަށް މަންޖެ ތިކުރާ ހިތާމަތަށް އިހްސާސް ކުރެވޭ. މަންޖެވީމަ ސިއްރުވާހަކައެއް ބުނަންތަ؟ އަހަރެންވެސް އެއް އިރެއްގައި ކައިވެންޏެއް ކުރިން. ދަރިއަކު ލިބުނު ފަހުން އަނބިމީހާއަށް އިހްސާސް ވީ އޭނަ އަހަރެންދެކެ ލޯބި ނުވާކަން. އެ ހިސާބުން އޭނަ އަހަންނާއި ވަކިވެގެން ދިޔައީ. ދަރިފުޅުވެސް ގޮވައިގެން. އޭގެ މަސްތަކެއް ފަހުން ބަލިވެފައި ދަރިފުޅު މިދުނިޔެ ދޫކުރީ. އަދި އަދަށް ދާންދެންވެސް އަހަންނަށް އެދަރިފުޅު މަތިން ހަނދާން ކޮއްފައި ރޮވޭ. ބުނަން މިއުޅޭ ވާހަކަ އަކީ ހުރިހާ ބައްޕަމެން އެއްގޮތެއް ނުވާނެއޭ. އަހަރެން ހިތަށް އަރާ އަހަންނަށް އެންމެ ފަހަރަކުނަމަވެސް، ހުވަފެންނުންވެސް ލޯބި ލޯބި އައިން ފެންނަ ނަމައޭ. އެންމެފަހަރަކު ހުވަފެނުން ވިޔަސް އެ ހިނިތުންވުން ފެނި އެ އަޑު އިވޭނެ ނަމައޭ. އެންމެ ފަހަރަކު ނަމަވެސް އެ ލޯބިވާ ދަރިފުޅު ގައިގަ ބައްދާލާފައި ބައްޕަ ދޫނި ދެކެ ވަރަށް ލޯބިވެޔޭ ބުނެލަން ބޭނުންވަނީ." އާޔަންގެ އަޑު ކެނޑޭ ގޮތްވިއެވެ.

"މަންޖެ ވިސްނާލަބަލަ. މަންޖެ ކިހާ ނަސީބު ރަނގަޅު. އަހަންނަށް ދެން ދުވަހަކުވެސް އެ ދަރިފުޅު ނުފެންނާނެ. އަހަރެން ކިހާ ބަދުނަސީބުވެރި. އެންމެން ބުނާނެ ބައްޕަމެން ދަރިންދެކެ ލޯތްބެއް ނުވާނެއޭ. ނޫނީ މަންމަމެން ވާ މިންވަރާއި ގާތަށްވެސް ލޯބިނުވެވޭނެއޭ. އެއީ ބައެއް މީހުންނޭ މަންޖޭ. ގައިމު އަހަންނަށް އެނގޭ އަހަރެން އެ ދަރިފުޅު ދެކެ ވާ ލޯބި. އަހަރެން ކީއްވެ ވަކި ކުޑަކޮށް އެދަރިފުޅު ދެކެ ލޯބިވާންވީ؟ ނުވަމަސް ވަންދެން އަހަރެންގެ ބަނޑުގައި ނެތީމަ؟ ނޫނީ ވިހަން މައިމީހާ އަޅާ ވޭން ނާޅާތީ؟ ގައިމު އެ ދަރިފުޅު އެއީ އަހަރެންގެވެސް ހަށިގަނޑުގެ ބައެއް. ނުވަމަސް ވަންދެން ކޮންމެ ދުވަހަކުވެސް އަހަރެން އެ ދަރިފުޅާއި ދޭތެރޭ ވިސްނިން ހަމަ މަންމައަކު ވިސްނާނެ ފަދައިން. އެ ދަރިފުޅު ދުނިޔެއަށް އައިއިރު އެންމެ ގާތުގައި އަހަރެން ހުރިން. އެދުވަހު އަހަރެން ކަނޑައެޅިން އަހަރެން ދުވަހަކުވެސް އަނބިމީހާ ހިތުގައި ނުޖައްސަން. އޭނައަށްޓަކައި ހިތުގައި އޮތް ގަދަރާއި ލޯބި އެތަށް ގުނައަކަށް ބޮޑުވެގެން ދިޔަ. އަނބިމީހާއަށް ވުރެ ގިނައިން އަހަރެން ރޭނގަޑު ހޭލާ ހުރިން ދަރިފުޅު ބެލުމަށް. އެކަމަކު މިއަދު އަހަރެންނަށް ބައްޕަ ކިޔާފައި ގޮވާނެ ދަރިފުޅެއް ނެތް. މަސައްކަތުގައި ބުރަކޮށް އުޅެފައި ގެއަށް އަންނަ ވަގުތުގައި ގޭ ދޮރުމަތިން ދުވެފައި ބައްޕާއޭ ކިޔާފައި އަހަންނާއި ދިމާއަށް އަންނަން އަހަރެންގެ ދަރިފުޅު އާއިންއެއް ނެތް. ލިބޭ ލާރިން ކުޅޭ އެއްޗެއް ގަނެދީގެން ގޮސް ދިނީމަ އެ ދަރިފުޅުގެ މޫނުމަތިން ފެނުނު އުފާވެރިކަން މިއަދު އަހަރެން ކިތަންމެ ވަރެއް ކުރިޔަސް ދެން ނުފެންނާނެ. ކިތަންމެ ވަރަކަށްވެސް އެދަރިފުޅު އުރާލައިގެން ނިންދަވާލަން ބޭނުންވޭ. އެހެނަސް އެ ދަރިފުޅު މިއަދުވަނީ އަހަރެންގެ އަތުގައި ޖެހޭ ހިސާބަކުއެއް ނޫން." އާޔަންގެ ލޮލުން ކަރުނަތަށް ފުހެލަން މަސައްކަތްކުރަމުން ވާހަކަ ދެއްކިއެވެ. ތަޒްކިޔާވެސް ފެންކަޅިވެފައިވާ ލޮލަކުން އާޔަންއަށް ބަލާލިއެވެ.

"ދުނިޔޭގައި މިކަހަލަ މީހުންވެސް އުޅޭތަ؟ ހާދަ ގަބޫލުނުކުރެވެޔޭ" ތަޒްކިޔާ ހިތަށް އެރިއެވެ.

"ސޮރީ. އަހަރެން ސޮރީ ބުނުމަކުން ވާނެ ކަމެއް ނެތްކަން އެނގޭ. އެކަމަކު އުއްމީދުކުރަން ކޮންމެވެސް ދުވަހަކުން ތި ހިތާމަތަކަށް ލުޔެއް ލިބޭނެ ކަމަށް" ތަޒްކިޔާ މަޑުމަޑުން ބުނެލިއެވެ. ތަޒްކިޔާ ވާހަކަ ދެއްކުމުން އާޔަންއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

"މަގުމަތިން ފެންނަ ހުރިހާ އަންހެންކުދިންނާއިވެސް ވާހަކަ ދައްކަންތަ؟" ތަޒްކިޔާ ވާހަކަ އޮޅުވާލަން މަސައްކަތްކޮއްލިއެވެ.

"މަގުމަތިން ފެންނަ ހުރިހާ ކުދިން ރޯން ތިއްބާ ނުއެއްފެނެއޭ. އެހެންވީމަ ކިހިނެއް އެ ހުރިހާ ކުދިންނާ ވާހަކަ ދައްކާނީ؟ އެހެން ނޫނަސް ރޯ ހުރިހާ ކުދިން ރޯނީވެސް ތިހާ އަސަރުގައެއް ނޫނެއްނު؟" އާޔަން ދިމާކޮއްލިއެވެ.
"ތި ދިމާކުރަނީތަ؟ އަނެއްކާ ރޯން ފަށަންވީ؟" ތަޒްކީ ފުރަތަމަ ފަހަރަށް ހިނިތުންވެލިއެވެ.

"ނޫނޭ ރޯން ނުފަށާތި. އެހެން ނޫނަސް ތިހާ ރީތި ހިނިތުންވުމެއް ހުންނަ ކުއްޖަކު ރުއިމަ އެހާ ކަމަކު ނުދާނެ. އަނެއްކޮޅުން އަހަރެން ވަރަށް ހިތްދަތިވޭ އަންހެނުން ރޮންޏާ. އަންހެނުންނަކީ ވަރަށް މައުސޫމްބައެއް. އެމީހުން ރޮއްވާކަށް ނުވާނެ. އެނގޭތަ ކީއްވެގެންކަން؟" އާޔަން ސުވާލު ކޮއްލީ ތަޒްކިޔާގެ މޫނަށް ބަލަން އިނދެފައެވެ.
"ކީއްވެޔޯ" ތަޒްކިޔާ ބަލަން އިނީ ތަރިތަކަށެވެ.

"އޭރުން ކޮންމެވެސް ގެއެއްގެ ބަޔަކަށް ކާން ލިބޭނީ ވަރަށް ނުބައި ކާއެއްޗެހި. އަނދާފަ ނޫނީ ލޮނުރަހަ ކޮށްވެސް ހުރެދާނެ. އޭރަށް ކަމަކު ނުދާނެ އެއްނު" އާޔަން ބުނި އެއްޗަކުން ތަޒްކިޔާއަށް ހޭން ފެށުނެވެ.
"ކޮން ނަމެއްތަ ކިޔަނީ. އަދި ނަންވެސް ނުބުނަމެއްނު އެހެން ހުރިހާ ވާހަކައެއް ދައްކާ ނިމުނުއިރު." އާޔަންއަށް ތަޒްކިޔާއަށް ޝައުގުވެރިކަން އުފެދެމުންދިޔައެވެ.

"އަހަންނަށް ކިޔަނީ ތަޒްކިޔާ. އާއްމުކޮށް ރަހުމަތްތެރިން ކިޔަނީ ތަޒްކީ." ތަޒްކިޔާ ބުންޏެވެ.
"އަހަރެން ކިޔާނީ ތަޒް އެހެން ވިއްޔާ. އެންމެ ރަނގަޅުތަ؟" އާޔަން ބުނެލިއެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި ތަޒްކިޔާ ހިނިތުންވެލިއެވެ.

އެރޭ އާޔަން ގެއަށް ދިޔައީ ތަޒްކިޔާ ގެއަށް ގެންގޮސްދީފައެވެ. އެރޭ އާޔަންއަށް ވިސްނެމުންދިޔައީ ތަޒްކިޔާއާއި ދޭތެރޭގައެވެ. ތަޒްކިޔާގެ ދަރިފުޅު ދުޢާއާއި ދޭތެރޭގައެވެ. އޭނާއަށް ތަޒްކިޔާ ވަރަށް ކަމުގޮއްސިއެވެ. ރަހުމަތްތެރިއެއްގެ ގޮތުގައި ނަމަވެސް ހުރުމަށް އޭނާ ބޭނުންވެއެވެ.

ޖެހިގެން އައި ދުވަސްތަށް ވެގެންދިޔައީ ތަޒްކިޔާއަށް ހިތްހަމަޖެހުން ގެނައި ދުވަސްތަކަކަށެވެ. އާދަޔާ ހިލާފަށް ގިނަ ވަގުތު ފޯނުގައި ހޭދަކުރެވެން ފެށުނެވެ. ތަޒްކިޔާއަށް އަލުން ހިނިތުންވެވެން ފެށުނެވެ. ރުއިމުގެ ބަދަލުގައި އުފާވެފައި ހުރެވެން ފެށުނެވެ. އާޔަންއަށްވެސް ވަމުން އައީ އެހެންނެވެ. ކިރިޔާވެސް ވަގުތެއް ލިބޭއިރަށް ބޭނުންވަނީ ތަޒްކިޔާގެ ހާލު ބަލާލާށެވެ. ދެމީހުން މަޑުމަޑުން ގާތްވަމުންދިޔައެވެ. އަނިޔާ ލިބިފައިވާ ދެހިތަށް ޝިފާ ލިބެމުންދިޔައެވެ. މަޑުމަޑުން ދެމީހުންގެ ހަޔާތުގެ ނައު އެއްދިމާލަކަށް ދަތުރުކުރަން ފެށިއެވެ. އެކަކު އަނެކަކަށް ހިތް ހުޅުވެން ފެށިއެވެ.
މާގިނަ ދުވަސްތަކެއް ނުވެ ދުޢާއާއި އާޔަން ބައްދަލުކުރިއެވެ. ދުޢާއަށް ދުނިޔެއިން ހުރިހާ އުފާވެރިކަމެއް ލިބުނުފަދައެވެ. ކިޔަވަނީވެސް އާޔަންއާއި އެކުގައެވެ. ކައި މަޖާކޮށް ހަދަންބޭނުން ވަނީވެސް އާޔަންއާއި އެއްކޮށެވެ. އަބަދާއި އަބަދު އާޔަން ހޯދުމަށް ދުޢާ ޝަކުވާކުރަން ފެށިއެވެ. އެކަމުގެ ސަބަބުން އާޔަންގެ ދިރިއުޅުމުގައިވި އެކަނިވެރިކަމާއި ހިތްދަތިކަން މަޑުމަޑުން ދުރުވާންފެށިއެވެ.

"މަންމީ ތެންކްޔޫ. ބައްޕިއެއް ގަނެދިނީމަ." ކުޑަ ކުޑަ ދުޢާ އާޔަންއާއި ދިމާއަށް ދުއްވައިގަންމުން ތަޒްކިޔާއަށް ޝުކުރު އަދާކުރިއެވެ. ދުޢާއަށް ހީވަނީ އާޔަންއަކީ މަންމަ އެނޭއަށް ފިހާރައިން ގަނެދިން ބައްޕްހެންނެވެ އާޔަން ދުޢާ އުރާލިއެވެ. ލަހުން ނަމަވެސް އެންމެންނަށް އުފާވެރިކަން ލިބުނީއެވެ. އެ ބުނާ ކަހަލަ "ހެޕީ އެންޑިންގ" އަކަށްވީއެވެ. ފުރިހަމަ އާއިލާއަކަށް ވީއެވެ. 

ނިމުނީ

މިލިޔުން ކިޔާލުމުން
4102
ގުޅުންހުރި ލިޔުންތައް

8 Responses

  1. Kamana

    Rovijje rangalhah ves. V asarugadha

  2. އެކަނިވެރި މަޔެއް

    އަސްލުވެސް މިވާހަކަ ވ ރީތި. އެހެން ލިޔުންތެރިންނާއި ތަފާތު ގޮަތަކަށް ލިޔާތީ ވަރަށް ހިތްގައިމު ހާއސަކޮށް ކުޑަދަރިފުޅުގެ ބައި އަދި އެކްސް ހަސްބަންޑްގެ ބައި ވަރަށް އަސަރު ގަދަ. ދެން އޮތް ބައްޕަމެން ދެރަނުވަި ބައި ވެސް ވަރަށް އަސަރު ގަދަ. މިކަހަކަ ބައިވރު ލިޔުންތަކަށ އިންތިޒާރުކުރަން. އަޅުގނޑުކުރިން ވެސް ނަތާގެ ވާހަކަ ވ ކިޔާ ހެދިން. މިހާ ދުވަހަށ ފަހު ވާހަކައެއް ކިޔން ލިބުމުން ވ އުފާވޭ.

  3. Saaji

    Rythi vr ves?

  4. އިހްސާން

    މިވާހަކަ ވަރަށް ފުރިހަމަ.ވަރަށް އަސަރުންފުރިގެންވާ ވާހަކައެއް.

    • އިހުސާސް

      އަސްލު ވެސް ވަރަށް ފުރިހަމަ

  5. Nuxu

    Nathaa mashah hama rovijje.. asluves varah nice dear ??

  6. Ibn bathootha

    Varah reeti name ey tazkiya akee. Miadu morning in feshigen balan vaahaka publis kurey thw. Adhi mi fenuny . Vara nice vahaka

  7. މަރީ

    ވ ވ ވ ވ ރީތި މިވާހަކަ. ކީއްވެގެންތަ ހުސްކުރުވަހަކަ ލިއަނީ؟ ވ އަސަރު ގަދަ ވަހަކަ އެއް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ