ޒަމާނުންސުރެ ދިވެހިން މަޝްހޫރު ވެފައިވަނީ އެކަކު އަނެއްކަކަށް އެހީވެ އަޅާލުމުގައި ލާމަސީލު ބައެއްގެ ގޮތުގައެވެ. ނަމަވެސް މިފަހަކަށް އައިސް ދިމާވެފައިވާ ބައެއް ހިތާމަވެރި ހާދިސާތަކާއި ގުޅިގެން ދިވެހިންގެ ތެރެއިން މިއަދު އެހީވެ އަޅާލުމުގެ ލާމަސީލު ސަގާފަތް ގެއްލިފައިވާކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް މިއީ އަދި މުޅިންތެދު ހަގީގަތެއް ނޫންކަން ޒުވާން ޑޮކްޓަރ ހިޝާމް އަލީ ޒަކީ މިއަދު ހާމަކޮށްދީފިއެވެ.
ޑޮކްޓަރ ހިޝާމް އަލީ ޒަކީ އަކީ އުމުރުން އެންމެ 27 އަހަރުގެ ޒުވާން ޑޮކްޓަރެކެވެ. މިއަހަރުގެ ޖޫންމަހު ގުރެޖުއޭޓުވި މި ޑޮކްޓަރ މިއަދު ސްރީލަންކާގެ ކޮލަމްބޯއިން ބަންގްލަދޭޝްގެ ޑާކާއަށް ސްރީލަންކަން އެއަރލައިންގެ ބޯޓެއްގައި ދަތުރުކުރަމުން ދިޔައީ ބަންގްލަދޭޝްގައި އިންޓާންޝިޕް ފުރިހަމަ ކުރުމަށްޓަކައެވެ. ޑާކާއަށް ބޯޓު ޖައްސަން ގާތްގަނޑަކަށް ގަޑިއިރަކަށް ވެފައި ވަނިކޮށް ޑޮކްޓަރ ހިޝާމް އަށް އަޑުއިވެނީ އެނައުންސްމެންޓެއްގެ އަޑެވެ.
ފުލައިޓު ކުރޫއިން އެދެމުން ދިޔައީ ފުލައިޓުގައި މެޑިކަލް ދާއިރާގެ އެއްވެސް ބޭފުޅަކު ވާނަމަ އެބޭފުޅުންނަށް އަންގަވާލެއްވުމަށެވެ. ދާއިރާގައި އަދި މާގިނަ ތަޖުރިބާތަކެއް ނެއްނަމަވެސް އަދި ކުރިމަތިވާން މިއުޅެނީ ކޮންކަހަލަ ކަމަކާކަން ނޭންގުނު ނަމަވެސް ޑޮކްޓަރ ހިޝާމް އިސްކަންދިނީ އިންސާނީ އެހީތެރިކަމަކަށް އެދި ގޮވާލެވޭ އަޑަށް އިޖާބަ ދިނުމަށެވެ. މިގޮތުން ފުލައިޓުގެ ކެބިން ކުރޫއިންނަށް ހިޝާމް އަކީ މިޑިކަލް ދާއިރާއިން ކިޔަވައިގެންހުރި ޑޮކްޓަރެއްކަން އެންގިއެވެ.
ކެބިންކުރޫއިން ހިޝާމްގެ އަރިހުން އެދުނީ އެބޭފުޅުންނާއެކު ބޯޓުގައި ހާލުދެރަވެފައި އޮތް ބަލިމީހަކަށް ފަރުވާ ދިނުމަށެވެ. ހިޝާމް އަށް ބަލިމީހާ ފެނުނުއިރު އޮތީ ބާއްވައިފައި ކަމަށް ފެށުމާއި ވާހަކަދައްކަމުން ހިޝާމް ބުންޏެވެ. "ބަލި މީހާ އޮތީ ބާއްވައިފައި، އެއްވެސް ރެސްޕޯންޑެއް ނުކުރޭ ފިޓު ޖެހިފައި ކަމަށް ބަލައި އެމަޖެންސީ ޕޮސިޝަންގައި ބޭއްވިތަނާ ހޭއަރައިފި އަދި ބެލިބެލުމުން އަޅުގަނޑަށް އިނގިއްޖެ ފިޓު ޖެހިފައި ނޫންކަން އެސެސްމެންޓްތަކަށްފަހު އަޅުގަނޑަށް އިނގުނީ ބަލިމީހާއަށް މިގޮތް މެދުވެރިވީ ފިނިވެގެންކަން" ހިޝާމް ބުންޏެވެ.
ހިޝާމް ދެން މަސައްކަތްކުރީ ބަލިމީހާގެ ހަށިގަނޑު ހޫނުކުރުމަށްޓަކައެވެ. އިސްޓާކީނަކަށްވެސް ނާރާ ހަމައެކަނި އެންމެ ބުލޭންކެޓެއް އަޅައިގެން އޮތް ބަލިމީހާއަށް އެހީވުމަށްޓަކައި ހިޝާމްވަނީ އޭނާ އެވަގުތު އަރައިގެންހުރި އިސްޓާކީނާއި އަދި އިތުރު ބުލޭންކެޓުތައް ހޯދައި ބަލިމީހާއަށް އެހީތެރިވެފައެވެ. އަދި ބޯޓު ޖައްސަންދެން ބަލިމީހާގެ ހިދުމަތުގައި ހިޝާމް ދެމިހުއްޓެވެ.
ހިޝާމްގެ މަސައްކަތް ބަލައިގަނެ އެމަސައްކަތް ފާހަގަކޮށް ސްރީލަންކަން އެއަރލައިނުންވަނީ ލިޔުމެއްވެސް ހިޝާމް އަށް ދީފައެވެ.

ރ. ކަނދޮޅުދޫއަށް އުފަން ހިޝާމް ބުނެފައިވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާ އެންމެ ކުރީންސުރެއް ހާއްސަ ޝައުގުވެރިކަމެއް ދޭކަމެއް ކަމަށާއި ޑޮކްޓަރަކަށް ވުމަށް ކިޔަވަން ފެށީވެސް މިދާއިރާއިން ކުރިއަށް ދިޔުމަށްޓަކައި ކަމަށެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކީވެސް ހިޝާމް ފަދައިން ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގައި ފަސްނުޖެހޭނެ ފަރާތްތަކަކައްވުން ވަރަށް މުހިންމެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ނަމޫނާއިން ނަމޫނާ ލިބިގަނެ މިއަދުގެ ޒުވާނުން މިކަމުގައި މިސާލުދައްކަން ޖެހެއެވެ. ދިވެހިންނަކީ އެބައިމީހުންގެ ހަށިގަނޑުގައި އަނެއްކާގެ ބޭނުންތަކަށް އިސްކަން ދިނުމުގެ ލޭހިނގާ ބައެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދޭން ޖެހެއެވެ.




