ފްރާންސްގެ އެންޓޮއިން ގްރިޒްމަންއަކީ މިހާރު ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާގެ ކުޅުންތެރިއެއްކަން އެކްލަބުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.
ބާސެލޯނާއިން ގްރިޒްމަންގެ ރިލީސް ކްލޯސްގެ ގޮތުގައި 120 މިލިއަން ޔޫރޯ އެތުލެޓިކޯ މެޑްރިޑަށް ދައްކާފައިވެއެވެ.
ގްރިޒްމަން ބާސެލޯނާއާއެކު ހަދާފައިވަނީ 5 ސީޒަންގެ ކޮންޓްރެކްޓެކެވެ. އެހެން ކަމުން ގްރިޒްމަން ބާސެލޯނާގައި 2024 ގެ ޖޫން 30 އާއި ހަމައަށް ހުންނާނެއެވެ.
? DONE DEAL!
— Sky Bet #RequestABet (@RequestABet) July 12, 2019
?? The worst kept secret in football is finally out, Antoine Griezmann has been officially confirmed as a @FCBarcelona player.
? What a front line alongside Messi, Dembélé, Suarez, Coutinho & Co.
? How will the Frenchman fare at the Nou Camp? pic.twitter.com/Igblhkjnbp
21 މާރޗް 1991 ގައި ފްރާންސްގެ މާކޮންއަށް އުފަންވި ގްރިޒްމަންއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
ރެއަލްސޮސިޑޭޑްއިން ވިދާލި ގްރިޒްމަން އެތުލެޓިކޯ މެޑްރިޑާއި 2014 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ގުޅުނީ 30 މިލިއަން ޔޫރޯ އަށެވެ.
ގްރިޒްމަން އެތުލެޓިކޯގައި މިހޭދަކުރި ފަސް ސީޒަންގައި އެތުލެޓިކޯއާއެކު 1 ޔޫއެފާ ސުޕަރކަޕް، 1 ސްޕެނިޝް ސުޕަރކަޕް، 1 ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވެއެވެ.
މީގެ އިތުރުން 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސްއާއެކު ކާމިޔާބު ގްރިޒްމަންވަނީ ކޮރޭޝިއާއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.
ގްރިޒްމަން ބާސެލޯނާއާއި ގުޅިފައިވާއިރު، މިދިޔަ ސީޒަން ނިމުމުގެ ކުރިން، ސީޒަނަށްފަހު އެތުލެޓިކޯ ދޫކޮށްލާނެކަމަށް ގްރިޒްމަން ބުނެފައިވެއެވެ. އެގޮތުން ގްރިޒްމަން ނެތްތައް ފޫބެއްދުމަށް އެތެލެޓިކޯއިންވަނީ 142 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު ޕޯޗުގަލްގެ އުއްމީދީ ފޯވާޑް ޔާއޯ ފެލިކްސްވެސް ގެނެސްފައެވެ.




