މިރޭގެ ހޮޅުއަށީގައި ރައީސް ޞޯލިޙް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މިފްކޯއަކީ ގެއްލުން ނުވާ ކުންފުންޏަކަށް މިއަހަރުގެ ތެރޭގައި ހަދާނަން - ރައީސް

ގެއްލުމުގައި ހިންގަމުންދާ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަކީ ގެއްލުން ނުވާ ކުންފުންޏަކަށް މިއަހަރުގެ ތެރޭގައި ހައްދަވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިޙް މިހެން ވިދާޅުވީ، ގދ.ތިނަދޫގައި މިހާރު ކުރިއަށްދާ ޖަޒީރާ ހޮޅުއަށީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ތިނަދޫގައި މިހާރު ކުރިއަށްދާ ޖަޒީރާ ހޮޅުއަށްޓަކީ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ސަރުކާރުން ރައްޔިތުންނާ މަޝްވަރާކުރުމަށް މި ސަރުކާރުން ފެއްޓެވި ސިލްސިލާ ޕްރޮގްރާމެކެވެ. މިރޭގެ ހޮޅުއަށްޓަކީ ތިންވަނަ ހޮޅުއަށްޓަށްވާއިރު، މިއީ ރާއްޖެއިން ބޭރުގައި ބާއްވާ ފުރަތަމަ ހޮޅުއަށްޓެވެ.

މި ހޮޅުއަށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް މިހާރުލިބޭ އަގަށްވުރެ ރަނގަޅު އަގުތަކެއް ހޯދުމަށްޓަކައި މިފްކޯއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، މިފްކޯއަށް ގަންނަ މަހުގެ ތެރެއިން ބޮޑުބައެއް ބޭރުކުރަނީ ފިނިކުރި މަހުގެ ގޮތުގައި ކަމަށެވެ.

ދިވެހިރާއްޖެއަށް އަހަރަކު 150000 ޓަނުގެ މަސް ބާނާއިރު، އޭގެ ތެރެއިން މިފްކޯއަށް ގަނެވެނީ 42000 ޓަނުގެ މަހެވެ. އަދި އޭގެ ތެރެއިން ދަޅު މަހުގެ ގޮތުގައި ބަންދުކޮށްގެން ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރަނީ 28 އިންސައްތައާއި 30 އިންސަައްތައާއި ދެމެދުގެ އަދަދެކެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ދަޅުގައި ބަންދުކުރާ މަހުގެ ނިސްބަތް އިތުރުކުރެވިއްޖެނަމަ މިފްކޯއިން ގަންނަ މަހަށް މިހާރު ލިބޭ އާމްދަނީ ހަތަރު ގުނައަށް އިތުރުކުރެވިގެންދާނެ ކަމަށެވެ.

"ރާއްޖެއަށް މި ބާނާ މަސް އަދި މިފްކޯއަށް މިގަންނަ މަސް ޕްރޮސެސް ކޮށްގެން، ބަންދުކޮށްގެން ބޭރުކުރިއްޖެއްޔާ މިހާރު މިލިބޭ އަގަށްވުރެ ބޮޑު އަގެއް ލިބޭނެކަމީ ޝައްކެއް ނެތް ކަމެއް. އެހެންކަމަށްވާނަމަ، އެއަގު ލިބޭކަމަށްވާނަމަ މަސްވެރިންނަށް މިފްކޯއިން މަސް ގަންނަން ދޭ އަގު ބޮޑުކުރެވޭނެ."

ގެއްލުމުގައި ހިންގާ މިފްކޯއަށް މިހާރު ފައިދާވަނީ ހަމައެކަނި ފެލިވަރުން ކަމަށާއި، އެއީ މަސްބަންދުކުރާ ރަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބާކީ ހުރި މިފްކޯގެ ހުރިހާ ތަނަކުން ވަނީ ގެއްލުން ކަމަށްވެސް މިރޭ ރައީސް ވަނީ ވިދާޅުވެފައެވެ.

"އެހެންވީމާ މިފްކޯއަށް އަޅުގަނޑުމެން ސަރުކާރުން ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. އަޅުގަނޑުމެން ކެމްޕޭން ތެރޭގައިވެސް ވަޢުދު ވީފަދައިން، ވާހަކަދެއްކި ފަދައިން ފުރަތަމަ ކަމަކަށް މިފްކޯއަކީ ގެއްލުންނުވެ ހިންގާ ތަނެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އެބަގެންދޭ. އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރުގައި މިފްކޯއަކީ ގެއްލުންނުވެ ހިންގޭ ތަނަކަށް ބަދަލުވެގެންދާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ