އުޑުމައްޗަށް ވިއްސާރަ ވިލާތަށް ވަނީ އެއްވެފައެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިތަށް ބާރުވެ ދުނިޔެމަތި ފިނިކުރަމުން ދިޔައެވެ. އޭރުވެސް އިރުއިރުކޮޅުން ވިދުވަރަކާއި އެކު މުޅި ހިސާބު އަލިކުރަމުން ދިޔައެވެ. ޒަލަފް ސައިކަލު ބާރުކޮއްލީ އަވަހަށް ގެއަށް ދިޔުމަށެވެ. ވާރޭވެހެން ފެށުމުގެ ކުރިން ގެއަށް ވަންނަން ބޭނުންވާތީއެވެ.
ހުޅުމާލެއިން ބްރިޖް މައްޗައް ނެރެނީސް ޒަލަފްއަށް ސައިކަލު މަޑުކޮއްލަން މަޖުބޫރުވިއެވެ. ސިއްސައިގެން ގޮއްސައެވެ. ގަސްތަކުގެ ތެރެއިން ދުވެފައި ނުކުތް އަންހެން ކުއްޖެއް ސައިކަލު ކުރިމައްޗަށް އެރުމުންނެވެ.
"ސޮރީ އެކަމަކު އަހަރެން ތަނަކަށް ޑްރޮޕް ކޮށްދީފާނަންތަ؟" މާނޭވާލަމުން އެ ކުއްޖާ ވާހަކަ ދެއްކިއެވެ.
އެއީ ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ. ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން އެންމެ ފުރަތަމަ ފެނިލުމުންވެސް އެނގިގެން ދިޔައެވެ. ވަނީ ރީތިކޮށް މޭކަޕް ކޮއްފައެވެ. ކުރު ހެދުމަކާއި އުސް ފައިވާނެކެވެ. ވަޔަށް ދޫކޮއްލެވިފައިވާ ފަން އިސްތަށިގަނޑު ޖެހެމުންދިޔަ ވަޔާއި އެކު އެ ކުއްޖާގެ މޫނު މައްޗަށް އެޅެމުންދިޔައެވެ.
"އަނެއްކާ މިއީ އެބުނާ ބްރިޖް ހަންޑިތަ؟ އެންމެންވެސް ކިޔާވިއްޔާ އެ ހަންޑި ވަރަށް ޗާލުވާނެއޭ. އެހެން ވިއްޔާ އަހަންނަށް މިރޭ ކިހިނެއްބާ ވާނީ؟ އަނެއްކާ އަހަރެން ޖިންނި މޮޔަވާނީތަ؟ ބުނާ ތަނަކަށް ގެންގޮސް ދީފިއްޔާ އޭނަ އަހަންނާއި ހިތާވެދާނެ. ނުގެން ގޮއްސިއްޔާ އަހަރެން ދެކެ ރުޅި އައިސްދާނެ. ބެދޭނެވަރަށް ބެދި ނިމިފަ ކަންނޭނގެ މިހުރީ." ހިތާހިތުން ލައްކަ ވާހަކަ ޒަލަފް ދައްކާލިއެވެ.
"އަހަރެންވެސް ސޮރީ. ވަރަށް ލަސްވާތީ މިދަނީ." ޒަލަފް މަޑުމަޑުން އެކަމަށް އިންކާރު ކުރިއެވެ.
"އަހަރެންވެސް ވަރަށް ލަސްވާތީއޭ ތަނަކަށް ދާން. ޕްލީޒް އަހަންނަށް ހެލްޕް ވެ ދީބަލަ. އަހަރެންގެ އަތުގައި މިވަގުތު ލާރިއެއް ނެތޭ މާލެ ދާކަށް. އެކަމަކު އަހަރެން ގެންގޮސް ދީފިއްޔާ މާދަމާ ސައިކަލަށް ޕެޓްރޯލް އަޅަން ރުފިޔާ ހަމަޖައްސަދޭނަން." އެހެން ބުނަމުން އެ އަންހެން ކުއްޖާ ސައިކަލު ފަހަތަށް އެރިއެވެ.
"ބަލަ އަހަރެން އަދި އެއްބަހެއް ނުވަމޭ. ފައިބާ. އަވަހަށް ފައިބާ. އަދި ތިހެން ހަންޑިއެއް އައިސް ތަނަކަށް އަހަރެން ގެންގޮސްދޭށޭ ބުންޏަސް އަހަންނަކަށް ނުޖެހޭނެ ދޯ ގެންދާކަށް. އަހަރެން މީ ހަންޑިންނާއި ޖިންނިންގެ ނޯކަރެއްތަ؟ ކަލޭމެން ހީކުރަނީ ހަމަ މީހަކު ފެންނައިރަށް ސިފަ ބަދަލުކޮއްލައިގެން ތުންފަތުގަ ރަތްކުލަ ފާޓާއެއް އުނގުޅައިގެން އައިސް ރީއްޗަށް ވާހަކަ ދައްކާލީމަ އެންމެން ހެއްލޭނެ ކަމަށްތަ؟ ނުވާނެ. އަހަރުމެން މީ އެންޓި ހަންޑި މީހުންނޭ. ހަމަ މިހާރު ފައިބާ. ކަލޭމެން ތިޔައީ އެއްވެސް އިތުބާރެއް އޮންނަ ބައެއް ނޫން. ބުނެދާނެ ތިމަންނަގެ އާއިލާގެ ލައްކައެއްހާ މީހުން މިތާ އެބަތިއްބޭ. އަހަރެންވާ ސަލާން. ފައިބާ" ޒަލަފް ބިރު ނުގަންނަ ކަމަށް ހެދުނެވެ.
"ހަންޑިއެކޭ؟ ކޮބާ؟ އަހަންނަކީ؟ ބަލަ އަހަންނަކީ އިންސާނެކޭ. ދެންވެސް އަހަރެން ގެންގޮސްދީބަ. އަހަންނެއް ނުފައިބާނަން މިތާ ކިތަންމެ އިރަކު އިނަސް" އެ އަންހެން ކުއްޖާވެސް ގަދަ ދައްކާލިއެވެ.
އެ ކުއްޖާގަދަ ދައްކަން ފެށުމުން ޒަލަފް ބިރުން އިނދެ ސައިކަލު ދުއްވާލިއެވެ. އެކަކުވެސް އަނެކަކަކާއި އަނގައިންނެއް ނުބުނެއެވެ. ޒަލަފް ބެލީ އަވަހަށް އެ އަންހެން ކުއްޖާ އެބުނާ ތަނަކަށް ގެންގޮސްދިނުމަށް ފަހު އެކުއްޖާގެ ލިބައިން ސަލާމަތްވާށެވެ.
"ބުނަން ވާހަކައެއް. އަހަރެން އަދި އެންމެ ފަހަރަކު ތަނަކަށް ގެންގޮސްދިނޭ ކިޔާފައި އަހަންނާއި ހިތާ ނުވާތި. އަހަންނަށް ކަމުދަނީ އިންސާނުން. ހަންޑިންނެއް ނޫން. ނަމަނަމަ އަހަރެންގެ ފަހަތުން ނާންނާތި." ޒަލަފް އެ އަންހެން ކުއްޖާއަށް ބަލާލަމުން ބުންޏެވެ.
"ކާކުތަ ބުނީ އަހަންނަކީ ހަންޑިއެކޭ. އަހަންނަށް ކިޔަނީ ލީމާ. އަހަންނަކީ ހަމަ އިންސާނެކޭ. ބަޔަކު ހަންޑިއެއް ފެނުނިއްޔޭ ބުނީމަ ދެން އެންމެންނަށް ފެންނަނީ ހުސް ހަންޑިތަ؟ ދިވެހިންނަކީ ހާދަ ހެއްވާ ބައެކޭ ދޯ؟" ލީމާ ހިތްހަމަ ނުޖެހުނެވެ.
"އެންމެ ރަނގަޅޭ . މާލެ އާދެވުނީ. ކޮންތަނަކަށޭ ގެންދަންވީ. އަހަންނަށް ވަރަށް ލަސްވޭއެބަ." ޒަލަފް ފޫހިރާގަކަށް ބުންޏެވެ.
"އޮލިންޕަސް ކައިރީ ހުންނާނެ ގެސްޓް ހައުސްއެއް. އެތަނަށް. " ލީމާ ބުންޏެވެ. އެހެން ބުނުމާއި އެކު ޒަލަފް ހުއްޓުން އެރިއެވެ. އެ ގަޑީގައި ގެސްޓް ހައުސްއަކަށް ދާން އެދުމުންނެވެ.
"މިގަޑީގައި ކީއްކުރަން؟" ޒަލަފްއާއި ނުބެހޭ ކަމެއް ނަމަވެސް އަހާލެވުނެވެ. ލީމާ އެ ސުވާލަށް ޖަވާބެއް ނުދިނެވެ.
"ފިރިމީހާ ހުރީތަ؟ ނޫނީ ބިޓުތަ؟" ޒަލަފްއަށް ފަހަރަކު ސުވާލެއް ކުރެވެން ފެށުނެވެ. ދެންވެސް ލީމާ ޖަވާބެއް ނުދެއެވެ.
ދެމީހުން ދޭތެރެއަށް ވެރިވެގެން ދިޔައީ އަނެއްކާވެސް ހަމަހިމޭންކަމެވެ. ލީމާ ބުނިތަނަށް ލީމާ ގެންގޮސް ދިނުމަށްފަހު ޒަލަފްވެސް ދުއްވާލީ ގެއަށް ދިއުމަށެވެ. އެހެން ނަމަވެސް ސައިކަލު އަނބުރާލާ ގޮސް މަޑުކޮއްލީ ވަގުތުކޮޅެއް ކުރިން ލީމާ ބޭލިތަނުގައެވެ.
"އަހަރެން ކީއްކުރަންތަ މިތާނގަ މި ހުރީ. އެއީ އަހަންނާއި ގުޅުމެއް ހުރިވެސް ކުއްޖެއް ނޫން. އޭނަ ކޮންމެ ކަމެއް ކުރިއްޔާ އަހަންނަށް ކީއްތަ؟ ދާންވީ ދާން." އޭރު ޒަލަފް އެތާ ހުންނަތާ ދެގަޑިއިރުވީއެވެ. ސައިކަލު ދުއްވާލަން ތައްޔާރުވިތަނުން ގެސްޓް ހައުސްގެ ދޮރު ހުޅުވާލުމައްފަހު ލީމާ ނުކުތްތަން ޒަލަފްއަށް ފެނުނެވެ. އަތް ނަގާ ލޯ ފޮހެމުން ލީމާ ހިނގައިގަތީ ނިކަންބާރަށެވެ.
"ދަމާފައި ދޫކޮއްލި ރަބަރެއް ހެން މާބާރަށް ތިދަނީ ކީއްވެގެން " ސައިކަލު ދުއްވާލާ ލީމާއާއި އެއް ހަމައަކަށް އަރަމުން ޒަލަފް ބުނެލިއެވެ.
"ރާމާ މަކުނެއް ބަލަން އިންތަން ފެނުނީމަ އޭނަގެ އުނދަގޫ ޖެހޭނެކަން އެނގޭތީ އެހާ ބާރަށް ދިޔައީ." ހުއްޓުމެއް ނެތި ހިނގަމުން ލީމާ ބުންޏެވެ.
"ތިބުނީ އަހަރެންނަކީ ރާމާމަކުނެކޭތަ؟" ޒަލަފް ހިނިގަނޑެއް ޖަހާލިއެވެ.
"އަހަންނަށް ބަލަން އިނީ ތީނަތަ؟ އެހެން ވިއްޔާ ތީނަޔަށް ދޯ އެހެން އެ ބުނެވުނީ؟ ބުނަން ވާހަކައެއް. އަހަރެން މިހުރީ މަޖާ ކުރާ ހިތްވެފައެއް ނޫން. ބޭކާރު ވާހަކައެއް ދައްކާކަށް ބޭނުމެއްވެސް ނޫން. އަހަރެން ފަހަތުން ނައިސް އެހެން ދިމާއަކަށް ދޭ." ލީމާ އަނެއްކާވެސް ލޯ ފުހެލަމުން ވާހަކަ ދެއްކިއެވެ.
"އަހަންނަށް ކިޔަނީ ޒަލަފް. ތީނަ މީނަ އޭނަ ކިޔައިން ވާހަކަ ނުދައްކާ އަހަންނަށް އަހަރެންގެ ނަމުން ގޮވިޔަސް ހެވޭ. އަރާބަލަ ސައިކަށް. އަހަރެން ގެންގޮސްދީފާނަމޭ." ޒަލަފް އެދުނެވެ. ޒަލަފްއަށް ލީމާ ލޯ ފޮހޭ މަންޒަރު ކިތަންމެ ރީއްޗަކަށްވެސް ފެނެއެވެ.
ޒަލަފް ދައްކާ އެއްވެސް ވާހަކައަކަށް އަޑު އެހުމެއް ނެތި ލީމާ ހިނގަމުންގޮސް އިށީނީ ރަސްފަންނުގައެވެ. ޒަލަފްވެސް ގޮސް އިށީނީ ލީމާ ކައިރީގައެވެ. ލީމާ އިނީ އުޑަށް ބަލަންށެވެ.
"މިރޭ ވާރޭ ވެހޭނެ ނަމަ." ލީމާ ނިކަން މަޑުމަޑުން ބުނެލިއެވެ.
"ހިއެއް ނުވޭ ވާރޭ ވެހޭނެހެނެއް. ވިލާކޮޅެއްވެސް ނެތެންނު ފެންނާކަށް . އެހެން ނޫނަސް ވިއްސާރަ ވެހެން ފެށީމަ އަހަންނަކަށް ކަމަކު ނުދޭ." ޒަލަފް ލީމާގެ މޫނަށް ބަލަންއިނެވެ.
"ކީއްވެ ކަމު ނުދަނީ؟ ކިހާ ހިތްގައިމު މަންޒަރެއް އެއީ. ކިހާ ހިތަށް ފިނިކަން ލިބޭ. އަނެއްކާ ވާރޭ ވެހޭ ވަގުތު އަހަންނަށް ހީވަނީ ދުނިޔެވެސް އަހަރެންގެ ހިތާމައިގަ ބައިވެރި ވާހެން. އެވާހަކައެއް ނޫން. ކީއްވެ އަހަރެންގެ ފަހަތުން މިހާ ހިސާބަށް ތި އައީ؟ އަހަރެންގެ ފަރާތުން ކަމަކަށް އެދެން ބޭނުންވަނީތަ؟" ލީމާ ސުވާލުކޮއްލީ އަދިވެސް އުޑަށް ބަލަން އިނދެގެންނެވެ.
"ނޫން އަހަރެން ލީމާގެ ފަރާތުން އެއްވެސް ކަމެއް ބޭނުމެއް ނޫން. ލީމާ ގެސްޓް ހައުސް ކައިރިއަށް ބޭލުވިފަހުން އަހަރެންގެ ހިތް އަވަސްވަނީ. ހީވަނީ ކޮންމެވެސް ކަމެއް ވާން އުޅޭހެން. އެހެންވެ ދާން ނުކެރިފައި އިނދެވުނީ. ލީމާ ކީއްކުރަން ގެސްޓް ހައުސްއަށް ދިޔައީ؟ ކާކާ ބައްދަލުކުރަން؟ކީއްވެ ރޮމުން ރޮމުން ނުކުތީ؟" ޒަލަފްގެ ހިތުގައި އުފެދެމުން އައި ސުވާލުތަށް ބަންޑުންކޮއްލިއެވެ.
"ޒަލަފް ރަނގަޅަށް އަހަރެންގެ މޫނަށް ބަލާލަބަލަ. ހިއެއް ނުވޭތަ އަހަރެން މިއީ ދަންނަ މީހެއްހެން؟" އަމިއްލަ މޫނަށް ފޯނުން އަލިކޮއްލަމުން އަހާލިއެވެ. ޒަލަފް ވަރަށް ރަނގަޅަށް ލީމާގެ މޫނަށް ބަލާލިއެވެ.
"ނޫން އަހަންނަކަށް ނޭނގޭ. ކީއްވެގެން ތިހެން ތިއެހީ؟ " ޒަލަފް ހައިރާންވިއެވެ.
"ގައިމު ނިކަން ގިނަ ފިރިހެނުންނަށް އަހަރެން އެނގޭނެ. އަހަރެންގެ ވީޑިއޯތަކެއް ލީކުވެގެން އުޅުނު." ލީމާ އިސްޖަހާލިއެވެ. ޒަލަފްއަށް ދެން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ބަލަން އިނދެވުނީއެވެ. ލީމާގެ މޫނަށެވެ.
"ނާހާނަންތަ އެއީ ކިހިނެއްވީ ކަމެއްތޯ؟ ނޫނީ އަހަން ނުކެރޭނީ ދޯ؟ މިހާރު ބޭނުމެއް ނޫންދޯ އަހަރެން ކައިރީ މިތާންގަ އިންނާކަށް؟ އަހަންނަށް އެނގެޔޭ. ޒަލަފް ދެން ދޭ ގެއަށް." ލީމާ ހިނިތުންވެލަމުން ބުންޏެވެ.
"ކިޔާދީބަލަ އަހަންނަށް." ޒަލަފް ކުރުކޮށް ބުނެލިއެވެ.
"އަހަންނަކީ ވަރަށް ނިކަމެތި އާއިލާއަކަށް އުފަން ކުއްޖެއް. ހަނދާނަށް އެރީއްސުރެވެސް އަހަރެން އުޅެމުން އައީ މަންމައާއި ބައްޕައާއި އެކުގައި. އާއިލާގައި އިތުރު އެއްވެސް މީހަކު ނުއެއް ހުރޭ. އަހަރެންނާއި އަހަރެންގެ ކޮއްކޮ. އަހަރެން ގްރޭޑް އަށެއްގައި އުޅެނިކޮށް ބައްޕަ ނިޔާވީ. ދެން އުޅެން ޖެހުނީ ކުރިޔަށްވުރެވެސް ނިކަމެތި ހާލުގައި. ރަށުގައި އަހަރުމެންނާއި އަޅާލާނެ މީހަކު ނެތް. އެންމެން ކިޔަނީ މަންމައަކީ ކުރީގައި އެއްވެސް އުޅުމެއް ނެތް މީހެކޭ. އަހަންނަކަށް ނޭނގޭ. ކޮއްކޮ މިދުނިޔެ ދޫކުރީ ކުއްލި ގޮތަކަށް. ވަރަށް ގަދަޔަށް ހުން އައިސް ރަށު މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް. އަހަރުމެން އަތުގައި މާލެއަށް އަންނާކަށް އޭރުގައި ފައިސާއެއް ނެތް. މީހުން ކައިރީ އާދޭސް ކޮއްގެންވެސް އެހީގެ އަތެއް ދިއްކޮށްލާނެ މީހަކު ނުވި. ކޮއްކޮ ދުނިޔެ ދޫކުރީމަ އެކަމުގެ ހިތާމައިގައި މަންމަ ވަރަށް ބޮޑަށް ބަލިވީ. އަހަރެން އޭރު އުޅުނީ ގްރޭޑް ނުވައެއްގައި. ގިނައީ އަހަރެން ސްކޫލަށް ނުގޮސް ގޭގައި ހުންނަ ދުވަސްތަށް. މަންމައަށް ހޭހަން ކޮއްދިނުމުގަ. މަންމަގެ ހާލު ދިޔައީ ދުވަހަކަށް ވުރެ ދުވަހަކު ދައްވަމުން، އަހަރެންގެ ކުރިމަތީގައި މަންމަ އެހާލުގައި އޮންނަން އަހަންނަށް ކެރޭނެތަ؟" ލީމާގެ ކޯތާފަތް މައްޗަށް ކަރުނައިގެ ކޯރު ބަންޑުންވެގެން ދިޔައެވެ. ޒަލަފް މަޑުމަޑުން ލީމާގެ ކޮނޑުގުގައި އަތްއަޅާލިއެވެ. ހިތްވަރު ކުރާށޭ ބުނުމުގެ ގޮތުންނެވެ.
"އެދުވަހު އަހަރެން އުޅުނީ މާލެ ދެވޭނެ ގޮތެއް ނެތިގެން. މަންމަގެ ބަލި ބޮޑުވަމުން ދާކަން އަހަންނަށް އެނގޭތީ. ކަނޑު މަގުން މަންމަ ގޮވައިން އައްޑޫއިން މާލެއައުން އުނދަގޫވާނެކަން އަހަންނަށް އެނގޭ. އެދުވަހު އަހަންނަށް ދިމާވި ފިރިހެނެއް. އަހަރެން އަތިރިމަތީގައި ހުއްޓާ. އެމީހާ ބުނީ އެމީހާއާއި އެކު ނިދާލަނިކޮށް އަހަންނަށް މަންމަ ގޮވައިން މާލެ ދެވޭވަރު ކޮއްދޭނެ ކަމަށް. އެންމެ ފުރަތަމަ އަހަރެން ވަރަށް ދެކޮޅު ހެދިން. އެކަން ނުކުރަން. އެކަމަކު އަހަންނަށް އިތުރު އެއްވެސް ގޮތެއް ނުފެނުނީމަ އަހަރެން އެކަމަށް އެއްބަސްވީ." ލީމާ އަޑުން އަޑުނަގާ ރޮމުން ގެންދިޔައެވެ.
"އެއީ އަހަރެން ބޭނުންވެގެން ކުރި ކަމެއް ނޫން. އަހަންނަށް އިތުރު އެއްވެސް ގޮތެއް ނެތީމަ ކުރިކަމެއް، އެކަން ގަބޫލު ކުރާނެ އެއްވެސް މީހަކު ނެތް. މަންމަ ގޮވައިން އަހަރެން މާލެއައީ. ކޮޓަރިއެއް ކުއްޔަށް ނަގައިން އަހަރުމެން ދެމައިން ތިބީ. މަންމަ ޑޮކްޓަރަށް ދައްކައިން ބޭސްކޮށްކޮށް ހުއްޓާ މަންމަވެސް އަހަންނާއި ވަކިވެގެން ދިޔައީ. އަހަރެން މި ދުނިޔެއަށް މުޅިން އެކަނި ކޮއްލާފައި. ވަންނާނެ ތަނެއް، އެހީއަކަށް އެދޭނެ މީހަކުވެސް އަހަރެންގެ ނެތް. ހުރި ކޮޓަރިން އަހަންނަށް ނުކުންނަން ޖެހުނީ. އެންމެ ފަހުން އެތަނަށް ފައިސާ ނުދެއްކުނީމަ އެތަނަށް ވެސް އަހަންނަށް ޖެހުނީ .. ހަށިގަނޑުން އަގު ދައްކަން. ދެންވެސް އަހަރެން ބެލިން ވަޒީފާއެއް ލިބޭތޯ. އެކަމަކު އަހަންނަށް ވަޒީފާއެއް ދޭނެ މީހަކުވެސް ނުވި. ދެން އަހަންނާއި ދިމާވީ މާލެ މީހެއް. އޭނަ ބުނީ އޭނަގެ ގޭގައި އަހަންނަށް ހުރެވޭނެއޭ، އޭނަ އަހަންނާއި އިންނާނަމޭ. އެކަމަކު އަށާރަ ނުވާތީ ޖެހޭނީ ރާއްޖޭން ބޭރުންނޭ ކުރަން. އެމީހާވެސް ނެގީ އަހަރެންގެ ފައިދާ. އަހަންނަށް ނޭނގި އަހަރެން ފެންވަރަން ހުންނަ ގަޑީގައި ވީޑިއޯކޮށް އެ އެއްޗެހި ލީކުކޮއްލީ." ލީމާ ފުންނޭވާއެއް ލިއެވެ.
"އެހިސާބުން އަހަންނަށް އެނގިއްޖެ އަހަރެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް އަހަންނަށް އެނޫން ގޮތެއް ނެތްކަން. ރެއަކު މީހަކާއި އެއްކޮށް އަހަރެން ނިދަމުން މިހާރު މި އަންނަނީ. އެކަމާ އަހަރެން ލަދުގަނޭ. އެކަމަކު އެންމެން ކީއްވެގެން އަހަރެން އެކަނި ކުއްވެރި ކުރަނީ؟ އަހަރެން އެހީއަށް އެދި ސަލާންޖެހި ދުވަހު އެހީނުވި އެންމެންގެ ކުށެއްނެތް؟ އެންމެ ފުރަތަމަ އަހަރެންގެ ބޭނުން ކުރި މީހާގެ ކުށެއްނެތް؟ އެއަށްފަހު ދެން އައި މީހުންގެ ވެސް ކުށެއް ނެތް؟ އަހަރެން މަގެއްގެ މަތިން ފެނިއްޖިއްޔާ އެންމެން އަހަންނާއި ދިމާއަށް ދެލޯ އަޅައަޅައިގެން ބަލާއިރު ހިތަކަށް ނާރާ އަހަރެންނަކީވެސް އިންސާނެކޭ. އަހަރެންގެ ވެއްޖިއްޔާ އިހްސާސެއްވެސް ނުހުންނަނީ ކަންނޭނގެ. އަހަރެންވެސް ބޭނުންވިއޭ ހަޔާތުގެ އެއް ހިސާބަކުން ލޯބިވާ ފިރިއެއް. ލޯބި ލޯބި ދަރިންތަކެއް. އުފާވެރި އާއިލާއެއް. ފިރިމީހާއާއި އެކު ސަކަރާތްޖަހާ މަޖާކޮއްލަން. އެކަމަކު މިއަދު އަހަރެން ހިތަށްވެސް އެހެން އަރުވާކަށް ނުކެރޭ." ލީނާ އިސްޖަހާލިއެވެ.
ޒަލަފް ހިތުގައި ޖެހުނެވެ. އެފަދަ ވޭނީ ދުވަސްތަކެއް އެއްވެސް މީހަކަށް ލިބުމަށް ޒަލަފްއެއް ނޭދެއެވެ. ލީމާ ހިތްހަމަ ޖައްސުވާދޭން ބުނާނެ އެއްޗެއް ޒަލަފްއަކަށް ނޭނގުނެވެ.
"ތި ހުރިހާ ކަމެއް ވެގެން ދިޔައިރުވެސް ލީމާގެ ކެތްތެރިކަމަށް އަހަރެން ސާބަސް ދެން. އަހަރެން ނަމަ ދުނިޔެއިން މޮޔަވެދާނެ. އެހެން މީހުންގެ ގޮތެއް ނޭނގޭ. ގައިމުވެސް އަހަންނެއް ލީމާ ކުށްވެރިއެއް ނުކުރާނަން. ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް ކޮންމެ އިންސާނަކީވެސް އުފަލުގައި އުޅެވެން ޖެހޭނެ މީހެއް ކަމަށް އަހަރެން ގަބޫލުކުރަން. މީހެއްގެ މާޒީއަކުން، މީހަކަށް އުޅެވިފައި ހުރި ގޮތަކުން އެމީހާގެ މުސްތަގްބަލްގެ ނިންމުން ނިންމައިގެން ނުވާނެ. އެއީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން. އެކަމަކު އަހަރެން ބުނާނީ އަދިވެސް ވަގުތު ފާއިތެއް ނުވެޔޭ. ތި ކަންތައް އަދިވެސް ދޫކޮއްލެވިދާނެ. ވަޒީފާއެއް ހޯދަން ވީ އެއްނު؟" ޒަލަފް ހިޔާލުދިނެވެ.
"އަހަރެން ވަޒީފާ ހޯދަން މަސައްކަތް ނުކުރާހެންތަ ހީވަނީ؟ ކިހާވަރަކަށް ކުރާނީ. ރަނގަޅު ކިޔެވުމެއް ނެތުން، ނޫނީ މީހުންނަށް އަހަރެން އެނގޭތީ، ނޫނީ ތަޖުރިބާ ނެތިގެން. ވަޒީފާއެއް ނުލިބޭ. އަމިއްލައަށް ވިސްނާލަބަލަ. ކާކު ބޭނުންވާނީ މިހެން އުޅެން؟" ލީމާ ޒަލަފްއަށް ބަލާލިއެވެ.
"އަހަރެން ލީމާއަށް ވަޒީފާއެއް ހޯދަދީފާނަން. އެކަމަކު އަހަންނަށް ވައުދުވާން ވާނެ ދުވަހަކުވެސް ހަންޑިއަކަށް ވެގެން ވިޔަސް ހިލޭ ފިރިހެނަކާއި އެކު ގޮސްގެން ނުވާނެ ކަމަށް." ޒަލަފް ހިނިތުންވެލިއެވެ.
"އާނ. އެއީ ވަރަށް ފަސޭހަކަމެއް ވިއްޔާ. " ލީމާ ހިނިގަނޑެއް ޖަހާލިއެވެ.
"އަޅޭ. ދެން އަހަރެން ބުނީމަ ހަމަ ގަބޫލުނުކުރާންތަ؟ އެންމެ ރަނގަޅު އަހަންނަށް ނަންބަރު ގެނޭ. އަހަރެން ބުނާނަން މާދަމާ އިންޓަވިއު އަކަށް ދާން. އޯކޭނު. " ޒަލަފްވެސް ހިނިތުންވެލަމުން ލީމާއަށް ބަލާލިއެވެ.
ލީމާ ތެދުވުމުން ޒަލަފްވެސް އޭނަ ފަހަތުން ހިނގައިގަތެވެ. އެތަކެއް ވާހަކައެއް ދައްކަމުންނެވެ. ހީވަނީ އެތަށް ޒަމާނެއް ވެފައިވާ ދެ ރަހުމަތްރިން ހެންނެވެ. ފަތިސްވެގެން ދިޔައީވެސް އެހެން ދެމީހުން އެކިއެކި ވާހަކަ ދެއްކުމުގައި އުޅެނިކޮށެވެ.
"އަސްލު އެނގޭތަ؟ މިވަރަށް އަހަރެން އުފާވި ރެއެއް އަހަރެންގެ ހަނދާނަކުވެސް ނެތް. ތެންކް ޔޫ" ލީމާ ބުނެލިއެވެ.
"އަހަރެންވެސް ބުނަންތަ؟ ހަންޑިއަކާ މިހާ ޓިއުން ދިމާވި މިއީ ފުރަތަމަ ފަހަރު. އަހަރެންވެސް މިހުރީ ވަރަށް އުފަލުން" ޒަލަފްވެސް ހަގީގަތް ހާމަކުރިއެވެ.
"އަހަރެން ސައިކަލަށް ނާރުވަން އުޅުނު އިރު ހީވަނީ އެހެން ފަދަ ކަމެއްހެން" ލީމާ ދިމާކޮއްލިއެވެ.
އައު ދުވަހެއް އައު އުއްމީދުތަކާއި ހުވަފެންތަށް ގެނުވަމުން ޒަލަފްއާއި ލީމާގެ ދިރިއުޅުމަށް މަރުހަބާކިއެވެ. ހާއްސަކޮށް ލީމާގެ ދިރިއުޅުމަށެވެ. ހުރިހާ ކަމެއް ދޫކޮއްލުމަށްފަހު އައު ފެށުމަކުން ދިރިއުޅުން ފެށަން ބޭނުންވާ ވަރުންނެވެ. އެހެން ކުދިންނޭ އެއްފަދައިން އާދައިގެ ދިރިއުޅުމެއް އުޅޭށެވެ.
ޒަލަފްބުނި ވަގުތުގެ ކުރިން ލީމާ ތައްޔާރުވެލައިގެން އޮފީހަށް ދިޔައީ ގަޑިޖެހެން ބޭނުން ނުވާތީއެވެ. ލިބިފައިވި އުފާވެރިކަން ހިތާމައަށް ބަދަލުވެގެންދާން މާ ގިނަ ވަގުތެއް ނުނަގައެވެ. އެންމެ ފުރަތަމަވެސް ލީމާއަށް އެ އޮފީހުން ފެނުނީ ދުވަސްތަކެއް ކުރިން ލީމާގާތަށް އައި ފިރިހެނެކެވެ. ލީމާ ފެނުމާއި އެކު އޭނާ ވިހަ ހިނިތުންވުމެއް މޫނު މައްޗަށް ވެރިކޮއްލިއެވެ. ލީމާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ.
މާ ބޮޑު އިންޓަވިއުއެއް ކުރުމެއް ނެތި ލީމާއަށް ވަޒީފާ ހަމަޖެހުނެވެ. އެންމެ ފުރަތަމަ ލީމާއަށް ޓްރެނިންގ ގެ ގޮތުގައި ކްލާސްތަކެއް ނަގާ ދިނުމަށް ނިންމުނެވެ. ހުރިހާ ވާހަކައެއް ދައްކާ ނިމުމުން ލީމާ ނުކުތީ ގެއަށް ދިޔުމަށެވެ. އެހެން ނަމަވެސް އޮފީސްތެރެއިން އެންމެން ހުއްޓާ ނުލާ ލީމާއަށް ބަލާތީ އޭނަ ހިތްދަތިވާ ގޮތްވިއެވެ.
"މިހާރު ހަށި ވިއްކާ މީހުންވެސް މި އޮފީހަށް އަންނަނީ." އަންހެނަކު ބުނެލި އަޑު އިވުނެވެ.
"މިތަނަށް އެއައީ ކީއްކުރަންބާ؟ އަނެއްކާ މިފަހަރު ކާކު އަތުންބާ ލާރިގަނޑެއް ނަގަނީ؟" އެހެން މީހަކުވެސް ބައިވެރިވެލިއެވެ.
"މަންޖެ ރެއަކަށް ކިހާވަރެއްތަ؟" އެއާއި އެކު އެންމެން ހޭންފެށިއެވެ. ލީމާއަށް އިސްޖަހައިން ހުރެވުނީއެވެ.
އިސްއުފުލާ ބަލާލެވުނީ އެންމެންގެ ހުނުން ހުއްޓުނީމައެވެ. އެވަގުތު ލީމާގެ ކުރިމަތީ ހުރި ޒަލަފް އޭނާއަށް ފެނުނެވެ. އެންމެން ބަލަން ހުރީ ޒަލަފްއަށެވެ.
"ދެން އެންމެ ތި ކިޔާ އެއްޗެއް ކިޔާބަލަ. އަހަރެންވެސް ބައިވެރި ކޮއްލަބަލަ." ޒަލަފްގެ ވާހަކައަށް ޖަވާބު ދިނުމުގެ ބަދަލުގައި އެންމެންހެން އިސްޖަހާލިއެވެ.
"މިތަނަށް ލީމާ ގެނައީ އަހަރެން. އަހަރެންނާއި ދިމާއަށްވެސް ކިޔަންވީއެއްނު؟ އަހަރެން ބޭނުން މީހަކު އަހަރެން މިތަނަށް ގެންނާނަން. މިއީ އަހަރެންގެ ކުންފުންޏެއް. ލީމާ މިތާ ހުރީމަ ހިތްހަމަ ނުޖެހޭ އެންމެން ނުކުމެގެން ދާންވީ." ޒަލަފް އައިސް ލީމާގެ އަތުގައި ހިފާލަމުން ބުންޏެވެ. ޒަލަފްއަށް ރައްދުދޭން ކެރުނު ހަމަ އެކަކުވެސް ނެތެވެ.
ހަޔާތުން ފަހަރަކު ދުވަހެއް މާޒީއާއި އެކު ވަމުންދެއެވެ. ޒަލަފްއާއި ލީމާގެ ރަހުމަތްތެރިކަންވެސް ދިޔައީ ދުވަހަކަށްވުރެ ދުވަހަކު ވަރުގަދަވަމުންނެވެ. ލީމާވެސް އޭނާގެ އައު ދިރިއުޅުމުގައި އުޅެމުން އަންނަނީ ވަރަށް އުފާވެރިކަންމަތީގައެވެ. ޒަލަފްއާއި އެކު ލީމާ ހޭދަކުރާ ވަގުތުވެސް ދުވަހަކަށް ވުރެ ދުވަހަކު އަންނަމުން ދިޔައީ އިތުރު ވަމުންނެވެ. ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް ލޯބިވެސް އުފެދެން ފެށިއެވެ. ނަމަވެސް ދެމީހުން ކުރެ އެކަކަށްވެސް އެކަން ހާމަކުރާކަށް ނުކެރެއެވެ.
އޮފީހުގައި ދެމީހުން އުޅެނީ އެއްކޮށެވެ. މީހުން ކިޔާނެ އެއްޗަކަށް އެކަކުވެސް ނުވިސްނައެވެ. ރޭގަނޑު ހަތަރުދަމު ދެމީހުން ތިބެނީ ފޯނުގައެވެ. ނިދެނީވެސް ފޯނުގައި ތިއްބައެވެ. ވާހަކަ ކިތަންމެ ވަރަކަށް ދެއްކިއަސް ވާހަކަ ހުހެއް ނުވެއެވެ.
"ލީމާ މިހާރު ހާދަވަރަކަށް ހިކެނީ. ޑައިޓްގަތަ އަނެއްކާ؟ ނޫނީ ބަލީތަ؟ އަހަންނަށް ހީވޭ ބޮލުން އިސްތަށިވެސް މަދުވާހެން" ލީމާގެ ހަށިގަނޑަށް އަންނަމުން ދާ ބަދަލުތަކުގެ ސަބަބުން ޒަލަފް އެހެން އަހާލީ ލީމާމެންގޭގެ ޓެރަސްގައި ތިބެފައެވެ.
"އަހަރެން ހިކިވީމަ ހަޑީތަ؟ ދެން ތިބުނީ އަހަރެން ތަލަ ވަނީއޭތަ؟" ލީމާ ހިނިގަނޑެއް ޖަހާލިއެވެ.
"ނޫނޭ އެއްގޮތަކަށްވެސް އެހެނެއް ނޫން. އެވާހަކައެއް ނޫނޭ. ލީމާއަށް ކޮންކަހަލަ މީހުންނެއް ކަމުދަނީ؟" ޒަލަފް އަހާލިއެވެ.
"ލީމާ ބޭނުމީ ވާރޭ ވެހޭ ވަގުތު އުފަލުން ފޮޅޭނެ މީހެއް. ލީމާއާއި އެއްކޮށް އަތިރިމަތީ އިނދެ ރާޅުތަށް ދޮންވެލި ތުނޑީގައި ބީހިލާވަގުތު އެ އިވޭ ހިތްގައިމު އަޑު އަހަން އިންނާނެ މީހެއް. އިރު އަރާ ވަގުތާއި އިރު އޮއްސޭވަގުތު ލީމާގެ އަތުގައި ހިފާލައިގެން ހުރެ އެމަންޒަރު ބަލާނެ ވަރުގެ މީހެއް. ލީމާ ގޮތަށް ތަރިތަށް ފެނުނީމަ ހަމައިން ނައްޓާ މީހެއް. ވަރަށް ހިތްހެޔޮ މީހެއް ބޭނުމީ. ހާއްސަކޮށް ލީމާގެ މާޒީއާއި އެކު ލީމާ ބަލައިގަންނާނެ މީހެއް. އެހެންވީމަ ހިއެއް ނުވޭ އަދި އެކަހަލަ މީހަކު ލިބިދާނެ ހެނެއް" ލީމާ ފުން ނޭވާއެއް ލިއެވެ.
"ކީއްވެގެން ތިގޮތަށް ވިސްނަނީ؟ ތިއީ ވަރަށް ހިތްވަރުގަދަ ކެރޭ ކުއްޖެއް. ވެގެން ދިޔަ ހުރިހާ ކަމަކަށްފަހުވެސް ތި ލޮލުގެ އުޖާލާކަން ފެނިފައި އަހަންނަށް ޔަގީން އެހެރަ ތަރިތަށްވެސް ހަސަދަވެރިވާނެ. އެއްދުވަހަކުން ލީމާ ބޭނުން ހުރިހާ ކަމެއް ލީމާއަށް ކުރެވޭނެ. އަހަރެން ބުނީތީ ބަލާތި. ލީމާ ދެކެމުން ތި އަންނަ ހުރިހާ ހުވަފެނެއް ސީދާވާނެ. ތިގޮތަށް ނުވިސްނާތިދެން." ލީމާގެ އަތުގައި ހިފާލަމުން ޒަލަފް ބުންޏެވެ.
"އެންމެން ޒަލަފް ގޮތެއް ނުވާނެއެއްނު؟ އަނެއްކާ ފަހަރެއްގައި އަހަންނަށް އެހާ ދުވަހެއް ނެތްކަމަށް ވެދާނެއެއްނު؟" ލީމާ ހިނިތުންވެލިއެވެ.
"ކޮން ދުވަހެއް ނެތީ؟ ތަނަކަށް ދާންތަ ތިއުޅެނީ؟ އެހެން ނޫނަސް ލީމާ ކީއްކުރަން އެހެން މީހަކު ހޯދަނީ؟ އޭރުން އަހަރެން ދެރަވާނެ އެއްނު؟" ޒަލަފް ލީމާގެ ލޮލަށް ބަލާލިއެވެ.
"އެއީ ކީއްވެގެން؟" ލީމާ ކޮއްލީ ސުވާލެކެވެ. ހިތުގެ ތެޅުން އަވަސްވާން ފަށައިފިއެވެ.
"ލީމާއަށް އަދިވެސް ނޭނގޭ. އައި ލަވް ޔޫ. އެހެން ވެގެން." ޒަލަފް ޖެހިލުމެއް ނެތި ބުންޏެވެ.
"ޒަލަފް މޮޔަ ގޮވަނީތަ؟ ޒަލަފްއަށް އެބަ އެނގޭތަ ތި ކިޔޭ ނުކިޔޭ؟ އަހަންނަކީ ކާކުކަން ޒަލަފްއަށް ރަނގަޅަށް އެނގޭނެ. ހުރިހާ ކަމެއް އެނގިހުރެވެސް ޒަލަފް ތިހެން ތި ބުނީ؟" ލީމާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށިއެވެ.
"ލީމާ އަހަރެން ދެކެ ލޯތްބެއް ނުވޭތަ؟" ޒަލަފް އަހާލިއެވެ.
"ލޯތްބަކީ ހުރިހާ އެއްޗެއް ނޫނޭ ޒަލަފް." ލީމާ އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.
"ލީމާ އަހަރެން ދެކެ ލޯތްބެއް ނުވޭތަ؟" އަނެއްކާވެސް ޒަލަފް ސުވާލު ތަކުރާރު ކޮއްލިއެވެ.
"ނޫން. އަހަރެން ޒަލަފްދެކެ ވަރަށް ލޯބިވޭ. ދުނިޔޭގެ ކޮންމެ ތަނަކަށް ދާން އަހަންނަށް ފުރުސަތު ލިބުނަސް އަހަރެން ބޭނުމީ ޒަލަފް ކައިރިއަށް ދާން. ތި އަތުގެ ތެރެއަށް ވަންނަން. ބޭނުންވަނީ ތި ހިނިތުންވުމުގެ ޖާދުލުގައި ޖެހި އުމުރުގެ ބާކީ އޮތްބައި ހޭދަކޮއްލަން. ތި ލޮލުގެ މަސްތުގައި ޖެހި ހަޔާތް ނިމިގެންދާން. ހުރިހާކަމެއްގެ ތެރެއިންވެސް ، ހުރިހާ އެންމެންގެ ތެރެއިންވެސް އަހަރެންގެ ހިތްދާނީ ޒަލަފްއަށް. އެކަމަކު ކިތަންމެ ލޯތްބެއްވިޔަސް އަހަންނަކަށް ޒަލަފްގެ ދިރިއުޅުމަކަށް ނާދެވޭނެ." ލީމާ އަނެއްކާވެސް އިންކާރުކުރިއެވެ.
"އެހެން ނުބުނޭ ލީމާ. އަހަރެންގެ ހިތް ލީމާއަށް ދެވުނުތާ ކިތަންމެ ދުވަހެއް. އަހަރެންނަށް ލީމާ ދެކެ ލޯބި ވެވުނީ ކިހިނެއް ކޮން އިރަކު ކަމެއްވެސް އަހަންނަކަށް ނޭނގޭ. އަހަރެން ކިހިނެއް ހިތަށް ބާރުފޯރުވާނީ. ލީމާއަށް ނޭނގުނަސް މިހާރު އަހަރެންގެ ހިތުގައި ޖަހާ ކޮންމެ ވިންދެއްގައި ވަނީ ތި ނަން. އަހަންނަކަށް ހިއެއް ނުވޭ ލީމާ ނެތް ތަނެއްގައި އަހަންނަށް އުޅެވިދާނެހެނެއް." ޒަލަފް ހިތްދަތިވާ ގޮތްވިއެވެ.
"އެހެން ނުބުނޭ ޒަލަފް. އަހަރެން ބޭނުމީ ޒަލަފް ވަރަށް އުވާފެރި ދިރިއުޅުމެއް އުޅެން. ލޯބި ލޯބި އަންހެން ކުއްޖަކާއި އެކު އުމުރު ހޭދަކުރަން. އަހަންނަށް ޒަލަފްއަށް އެފަދަ އުފާވެރިކަމެއް ދެވޭކަށްނެތް. އެންމެ ރަނގަޅުވާނީ ޒަލަފް އެހެން ކުއްޖެއް ހޯދިއްޔާ" ލީމާ ތެދުވެގެން ހިނގައިގަތެވެ. ނަމަވެސް ޒަލަފް ތެދުވެ ލީމާގެ އަތުގައި ހިފަހައްޓާލިއެވެ.
"ތިހެން ބުނެފައި އަހަންނަށް ފަސްދީފައި ނުދޭ. އަހަންނަކަށް ނުވިސްނޭ ލީމާ އަހަރެން ދުރުކޮއްލަން ތިއުޅޭ ސަބަބެއް. އަހަންނަށް ވިސްނޭނެހެން ކިޔާދީބަލަ. ހެޔޮނުވާނެ." ޒަލަފް އޭނާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތަށް ހިފަހައްޓަމުން ބުންޏެވެ.
"ޒަލަފް ހަނދާންވޭތަ އެންމެ ފުރަތަމަ އަހަރުމެން ބައްދަލުވި ރޭ. އެރޭ އަހަރެން އެ ގެސްޓް ހައުސްއިން ނުކުމެގެން ދިޔައީ ރޮމުން ރޮމުންނެއްނު. ޒަލަފް އަހަރެން ގާތުގައި އެހީމެންނު އެއީ ކީއްވެގެންހޭ؟ މިރޭ އެސުވާލުގެ ޖަވާބުދޭނަން. އެރޭ އަހަންނަށް އެނގުނީ އަހަންނަށް ވަނީ ލޭގެ ކެންސަރު ޖެހިފަކަން. އެރޭ އެ ގެސްޓްހައުސްއަށް އައީ އަހަރެންގެ ރައްޓެއްސެއް ރިޕޯޓު ހިފައިގެން. އެވެސް ހަތަރުވަނަ ސްޓޭޖްގައި." ލީމާ ރޯންފެށިއެވެ. ޒަލަފްއަށް ހުއްޓުން އެރި ގޮތަށް ހުރެވުނީއެވެ.
"ޒަލަފްގެ ސަބަބުން އަހަންނަށް މަދު ދުވަސްކޮޅަކަށް ނަމަވެސް އާދައިގެ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެން ދިޔައީ. ބަލިވެގެން ކިތަންމެ ދުވަހަކު ވަޒީފާއަށް ނުގޮސް ހުންނަން ހިތަށް އެރިޔަސް ޒަލަފް ދެކެން ބޭނުންވާ ވަރުން އަހަންނަށް ދެވެނީ. އަހަންނަށް ޒަލަފްދެކެ ލޯބިވެވުނީ. އަހަރެންގެ ހިތަށް އަހަންނަށްވެސް ބާރު ނުފޯރުވުނީ. އެކަމަކު އަހަންނަށް އެނގޭ އަހަންނަށް ޒަލަފް ލިބުމުގެ ނަސީބެއް ނެތްކަން. ރާއްޖެއިން ކުރެވެން ހުރި ފަރުވާއެއް ވިއްޔާ ހުރިހާ ފަރުވާއެއް ކުރަމުން އަހަރެން މި އަންނަނީ. ޒަލަފްއަށް އެނގޭތަ. ޑޮކްޓަރު އޭރު ބުނީ އަހަންނަށް އަހަރެއް ލިބުނަސް ނަސީބެކޭ. އެކަމަކު އަހަރެއް ވެގެން މިދިޔައީ. އަހަރެންގެ ފުރާނަ ހަށިގަނޑާއި ވަކިވާނީ ކޮން އިރަކު ކަމެއް އަހަންނަކަށް ނޭނގޭ ހާލު އަހަރެންވާނެތަ ޒަލަފްގެ ދިރިއުޅުމަށް ވަންނަން؟" ލީމާ ހުރިދިމާއަށް ބިންމަތީގައި ރޮމުން ރޮމުން އިށީނެވެ.
"ލީމާ ނޫން . ތިހެން ނުބުނޭ. ބުނޭ ތިއީ ދޮގެކޭ. ލީމާ ބޭނުން ނުވަންޏާ އަހަރެން ދުވަހަކުވެސް ލޯބިވެޔޭ ނުބުނާނަން. ކުރިމައްޗަށްވެސް ނާރާ ހުރެފާނަން. އެކަމަކު ބުނޭ ތިއީ ދޮގެކޭ. އަހަންނަށް ލީމާއާއި ދުރުގައި ކެތްވެދާނެ. އެއް އުޑެއްގެ ދަށުގައި ވާހާ ހިނދަކު އަހަރެން ހުންނާނީ އުފަލުން. އެކަކަމު ލީމާނެތް ދުނިޔެއެއްގައި އަހަރެން ކިހިނެއް އުޅޭނީ؟" ޒަލަފްވެސް ލީމާ ކައިރީ އިށީނދެ އިނދެގެން ރޮމުން ވާހަކަ ދެއްކިއެވެ.
"އަހަރެން ނޫނަސް ޒަލަފްއަށް ވަރަށް ލޯބި ކުދިންވާނެ. އަހަރެން އުފާކުރަން ޒަލަފްގެ ދިރިއުޅުމުގައި މިހާ ދުވަސް ވަންދެންވެސް އަހަންނަށް ހުރެވުނު ކަމަށްޓަކައި. އެއަށްވުރެ ބޮޑު އުފަލެއް އަހަންނަކަށް ނުލިބޭނެ. އެކަމަކު ޒަލަފް ތިހެން ރޯތަން ފެންނަންޏާ އަހަރެން ކިހާ ދެރަވާނެ. އަހަންނަށް ކިހިނެތް ކެތްކުރެވޭނީ؟ އަހަރެންގެ ހިތުގައި ކިހާ ވޭނެއް އަޅާނެ." ލީމާއަށް ގިސްލެވެނީއެވެ.
"އެންމެ ރަނގަޅު އަހަރެން ރޯތަން ދުވަހަކުވެސް ލީމާއަކަށް ނުފެންނާނެ. އެކަމަކު ލީމާގެ ހަޔާތުގައި ބާކީހުރި ދުވަސްތަށް އަހަންނާއި އެކު ހޭދަކޮއްދީ. ލީމާ ބޭނުންވާ ހުރިހާ ކަމެއް ކޮއްދޭން އަހަރެން ބޭނުން. އެހެން ނޫނީ ފަހުން އަހަރެން ވަރަށް ދެރަވާނެ. ނޫނެކޭ ނުބުނާތި." ދެލޯ ފޮހެލާ ލީމާ ގައިގާ ބައްދާލަމުން ޒަލަފް ބުންޏެވެ.
ދުވަހަކަށް ވުރެ ދުވަހަކު ލީމާގެ ހާލުގޯސް ވަމުން ދިޔައެވެ. އެންމެ ގާތުގައި އަބަދުވެސް ޒަލަފް ހުރެއެވެ. ލީމާ ހިތްފުރޭ ވަރަށް ލޯބިދެއެވެ. އަމިއްލަ ހިތް ކުދިކުދި ވަމުން ދާ ހާލު ލޯބިވެރިޔާ ކުރިމަތީގައި ހިނިތުންވުމެއް ދައްކައިގެންނެވެ. ލިމާ ކުރަން ބޭނުންވި ހުރިހާ ކަމެއް ކޮއްދެމުން ދިޔައެވެ. ނަމަވެސް މާގިނަ ދުވަހަކަށް އެ އުފާވެރިކަންވެސް ޒަލަފްއަކަށް ނުލިބުނެވެ.
ލީމާ މި ވަގުތީ ދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކޮއްލީ ޒަލަފް ކުރިމަތީގައެވެ. ޒަލަފްގެ އުނގުގައި ބޯ އަޅާލައިގެން އޮވެއެވެ. ޒަލަފް އަޑުން އަޑުނަގާ ރުޔެވެ. ކެތްތެރިކަން ކޮޅުން ލީއެވެ. ރުއިމަކުން މީހަކު އަނބުރާ އަންނާނެ ނަމަ ލީމާ އަނބުރާ އައީހެވެ. އެހެނަސް ޒަލަފްއަށްވެސް އެނގެއެވެ. ލީމާ ދެން ދުވަހަކުވެސް އެނބުރިއެއް ނާންނާނެއެވެ. އެ ހިނިތުންވުން ދުވަހަކުވެސް ދެން ޒަލަފްއަށް ފެނުމުގެ ނަސީބެއް ނެތެވެ. ކިތަންމެ އެ އަޑު އަހާލަން ބޭނުންވިނަމަވެސް އެއަޑުވެސް އިވުމުގެ ނަސީބެއް ނެތެވެ. ޒަލަފްއާއި އެކުގައި ވަނީ ހަމައެކަނި ލީމާގެ ހަނދާންތަކެވެ. ދެމީހުން އެއްކޮށް ހޭދަކުރި އުފާވެރި ދުވަސްތަކެވެ. ސަކަރާތާއި މަޖަލުގައެވެ. ލީމާއަށް އޯގާތެރިވުމާއި އަޅާލުމުގައެވެ.
"އަހަރެން އަބަދުވެސް ލީމާދެކެ ލޯބިވާނަން. އުމުރަށްވެސް އަހަރެންގެ ލޯތްބަށް ބަދަލެއް ނާންނާނެ. ޖަހާ ކޮންމެ ވިންދެއްގައި ތި ނަންވާނެ." އެންމެ ފަހު ފަހަރަށް ލީމާގެ މޫނަށް ބަލާލަމުން ޒަލަފް ހިތާހިތުން ބުނެލިއެވެ. ލީމާގެ ހަނދާންތަކާއި ލީމާގެ ފަރާތުން ލިބުނު ހަގީގީ ލޯބި ހިތުގައި ބިންވަޅުނަގަމުންނެވެ.
ނިމުނީ
5 Responses
varah lobi vahaka. miadhu aneh story dho. natage vahaka takaky vrh asaru gada vahaka takeh. rite more. became your fan
Asarugadha vahakaeh rovihje ❤️
story varah nice
Its very perfect
Varah salhi. Keep up the good work