އޮޕަރޭޓިންގ ލައިސެންސް ނެތި ފަތުރުވެރިން ބައިތިއްބި ދެތަނެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
ޤާނޫނާ ޚިލާފަށް ފަތުރުވެރިން ބައިތިއްބި ދެތަނުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުންނެވެ.
އެކަން ކަށަވަރު ކޮށްދެއްވައި ޓޫރިޒަމް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، "ލައިސެންސް ނެތި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ފަތުރުވެރިން ބޭއްތިއްބިކަމުގެ ހެކި ލިބިފައިވާ ދެ ތަނެއްގެ މައްސަލަ ތަޤްޤީގު ކުރުމަށްޓަކައި މިރޭ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ" ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ، ޓޫރިޒަމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ އެއްވެސް ރިޒޯޓެއް ހިންގަންވާނީ މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓްރީކޮށް، ޓޫރިސްޓު ރިޒޯޓް ހިންގުމަށް މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައި ކަމަށެވެ.
"ދިވެހިރާއްޖޭގެ އެއްވެސް ޓޫރިސްޓް ހޮޓަލެއް، ނުވަތަ އެއްވެސް ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގައި އެތަނެއް ރަޖިސްޓްރީކޮށް އެފަދަ ތަންތަން ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ހުއްދަ ހޯދުމަށްފަހުގައި." ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.
ހުއްދަނެތް އެއްވެސް ފަރާތަކުން، ހުއްދަ ނެތް އެއްވެސް ތަނެއްގައި ފަތުރުވެރިން ނުބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.