ޔޫސީއެލް – ގަދަ 16: ޔުނައިޓެޑް 0-2 ޕީއެސްޖީ، ރޯމާ 2-1 ޕޯޓޯ

ޔުނައިޓެޑް 0-2 ޕީއެސްޖީ: ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ޔުނައިޓެޑް އަދި ޕީއެސްޖީ ބައްދަލުކުރި މެޗުން 2-0 ގެ ނަތީޖާއަކުން ބަލިވެ، ސޮލްސްޖާ އޭނާގެ ފުރަތަމަ ބައްޔާއި ކުރިމަތިލާން ޖެހިއްޖެއެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު މެޗުގެ ނަތީޖާ ނެރުނީ ދެވަނަ ހާފުގައި ކިމްޕެމްބެ އަދި އެމްބާޕޭގެ ދެލަނޑާއެކުގައެވެ. ކިމްޕެމްބެގެ ލަނޑު 53 ވަނަ މިނަޓްގައި ފެނިގެންދިޔައިރު އެމްބާޕޭގެ ލަނޑު ފެނިގެންދިޔައީ އޭގެ ހަތްމިނަޓް ފަހުންނެވެ. އަދި މިދެލަނޑު ޖެހުމުގައިވެސް އެހީތެރިއަކަށްވީ ކުރިން ޔުނައިޓެޑަށް ކުޅުނު ޑިމާރިއާއެވެ.

މެޗުގައި ޔުނައިޓެޑަށް އިންޖަރީގެ މައްސަލަތައް ދިމާވިއިރު 89 ވަނަ މިނަޓްގައި އެޓީމުގެ ޕޮގްބާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލިއެވެ. މާރޗް 7ގައި ކުޅެވޭ ދެވަނަ ލެގަށް ޔުނައިޓެޑުން އާހިތްވަރަކާއެކު ނިކުންނަށްޖެހިފާވާއިރު ރޭގެ ރަތްކާޑުގެ ސަބަބުން ދެންކުޅެވޭ މެޗުގައި ޕޮގްބާއަކަށް ނުކުޅެވޭނެއެވެ.

މިއީ ޔުނައިޓެޑާ ސޮލްސްޖާ ހަވާލުވިފަހުން ކުޅެވުނު 12 މެޗުގެ ތެރެއިން އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިމެޗުން ޕީއެސްޖީ މޮޅުވުމުން އޯލްޑް ޓްރެޑްފޯޑްގައި ޔުނައިޓެޑް ބަލިކުރި ފްރާންސްގެ ފުރަތަމަ ޓީމަކަށް ޕީއެސްޖީ ވެގެންދިޔައީއެވެ.

ރޯމާ 2-1 ޕޯޓޯ: ރޯމާގެ ޒުވާން ފޯވާޑް ޒަނިއޮލޯގެ ދެ ލަނޑާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ރޯމާއިން ޕޯޓޯގެ މައްޗަށް ކުރިހޯދައިފިއެވެ. މިމެޗު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުންނެވެ.

2-1 ގެ ނަތީޖާއަކުން ޕޯޓޯ ބަލިވި މިމެޗަކީ އެންމެ ފަހުން ކުޅެވުނު 27 މެޗުގެ ތެރެއިން (ޕެނަލްޓީ ޝޫޓްއައުޓް ނުހިމަނައި) ޕޯޓޯ ބަލިވި ފުރަތަމަ މެޗެވެ. އަދި ގަދަ 16 އަށް ޕޯޓޯއައީ ގްރޫޕް ސްޓޭޖްގެ އެއްވެސް މެޗަކުން ބަލިނުވެއެވެ.

މިމެޗުގައި ރޯމާގެ އުއްމީދުތައް އާކޮށްދިން ޒަނިއޮލޯއަކީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރގައި އިންޓަރއިން 4 މިލިއަން ޕައުންޑަށް ގެނައި ކުޅުންތެރިއެކެވެ. ސީރީއާ މެޗަކަށް އެރުމުގެ ކުރިން ޒަނިއޮލޯއަށް އިޓަލީގެ ގައުމީ ކުޅުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. ޒަނިއޮލޯ ރޯމާއަށް ކުޅެދިން ފުރަތަމަ މެޗު މިދިޔައަރުގެ ސެޕްޓެމްބަރގައި ރެއަލްއާ ދެކޮޅަށް ކުޅެދިންއިރު މިހާތަނަށް ކުޅުނު 22 މެޗުން 5 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. އަދި މިމެޗުގައި ޖަހައިދިން ދެލަނޑާއެކު ޗެމްޕިއަންސް ލީގު މެޗެއްގައި ދެލަނޑުޖެހި އިޓަލީގެ އެންމެ ޒުވާން ކުޅުންތެރިޔާއަށް ޒަނިއޮލޯވަނީ ވެގެން ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ