ބަންގްލަދޭޝް މަސްކަތްތެރީން ރާއްޖެ ނާންނަން އެދެފި

ބަންގްލަދޭޝްގެ ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމެންޓް މިނިސްޓްރީން އެޤައުމުގެ ރައްޔިތުން ވަޒީފާއެއް ހޯދަން ދިވެހިރާއްޖެ ނާންނަން އެދިއްޖެއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ނިއުއޭޖް" ގައި އެގައުމުގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ބުނެފައި ވަނީ ވަޒީފާއެއް ހޯދަން ރާއްޖެ އައިސްފައިވާ ބަންގްލަދޭޝްގެ އެތައް ރައްޔިތުންނަކަށް އެކަށީގެންވާ ވަޒީފާއެއް ލިބިފައި ނުވާ ކަމަށެވެ.

"މިވަގުތު އަހަރެމެންގެ މަސައްކަތު މީހުން ރާއްޖެ ދިއުން އެބަޖެހޭ ހުއްޓާލަން. މިހާރު ވެސް ބަންގްލަދޭޝްގެ އެތައް ބަޔަކު ރާއްޖޭގައި ވަޒީފާ ނެތިފައި އެބަތިބި." މިނިސްޓްރީގެ އޮފިޝަލަކު "ނިއުއޭޖް" އަށް ވިދާޅުވިއެވެ.

އިމިގްރޭޝަނުން ދާދި ފަހުން ބުނެފައިވާ ވަނީ ވޯކް ވިސާގައި 144،607 ބިދޭސީން ރާއްޖެ ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން 63،000 ބިދޭސީންނަކީ ގަވައިދާ ހިލާފަށް އުޅެމީހުންކަމަށެވެ.

ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އާސަރުކާރުން މިހާރު ފަށާފައިވާއިރު، އެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ރާއްޖެއަށް ބިދޭސީއިން އެތެރެ ކުރުމުގެ ކަންކަން އިމިގްރޭޝަން އަތުން ނަގައި، އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ބަދަލު ގެނައީ ލޭބަ އެންޑް އެންޕްލޯއިމެންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަމަށެވެ.

ރާއްޖޭގެ އެކިއެކި ސިނާޔަތްތަކުގައި މަސައްކަތް ކުރުމުގައި ބަންގްލަދޭޝް މީހުން އުޅެއެވެ. އެންމެ ގިނަ މަސައްކަތު މީހުން ރާއްޖެ އަންނަ އެއް ޤައުމަކީ ބަންގްލަދޭޝްއެވެ.  ފޮނި އުއްމީދު ތަކަކާއިއެކު ބޮޑެތި ޚަރަދުތަކެއް ކޮށްގެން ބަންގްލަދޭޝް މީހުން ރާއްޖެ އާދެއެވެ. ނަމަވެސް އެމީހުންނަށް މުސާރަ ނުދިނުމާއި، ބޭސްފަރުވާގެ ކަންކަން ހަމަޖައްސައި ނުދިނުމާއި، އެމީހުންނަށް އިހާނެތިކޮށް ކަންތަށްތަށް ކުރުމުގެ ސަބަބުން އެތައް ބަޔަކު ހާލުގައި ޖެހި އަނބުރާ އާއިލާ ކައިރިއަށް އަމިއްލަ ވަޒަނަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ބިދޭސީންގެ އަދަދު މަދެއްނޫނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް