އާދިއްތަ ދުވަހު ނެރެވުނު "އަލާއްދިން"ގެ އާ އިޝްތިހާރާއިއެކު ވިލް ސްމިތުގެ ސަޕޯރޓަރުން ރަތަށްއަރައިފިއެވެ. މިފިލްމުގައި ވިލް ސްމިތު ޖިންނީގެ ރޯލްއަދާކޮށްފައިވާއިރު ސަޕޯރޓަރުން ހިތްހަމަ ނުޖެހިގެން އުޅެނީ ވިލް ސްމިތު ދެކެއެއް ނޫނެވެ. ނަމަވެސް މިފިލްމު އުފައްދާފައިވާ ޑިޒްނީ ފިލްމްސްދެކެއެވެ.
ޑިޒްނީއިން "އަލާއްދިން" މިފިލްމުގެ ޖިންނީގެ ރޯލުގައި ވިލް ސްމިތު ބޭނުންކޮށްފައިވުމުން ވަރަށް ގިނަ ސަޕޯރޓަރުން މިކަމާ ނުރުހުން ފާޅުކޮށް ޓްވިޓާގައި ޓްވީޓްކޮށްފައިވެއެވެ. ބައެއް ސަޕޯރޓަރުން މާ ނޫކުލަ ގަދަކަމަށްބުނެ ޝަކުވާކުރާއިރު އަނެއްބައި މީހުންނަށް ވިލް ސްމިތުގެ މިރޯލް އެއްގޮތަކަށްވެސް ކަމަކުނުދެއެވެ. އަދި މިޖިންނި މަޝްހޫރު ކާރޓޫން ކެރެކްޓަރ "ސްމާފް"އަކާ ވައްތަރުކޮށް ޓްވީޓްކޮށްފައިވެސް ވެއެވެ.
މިފިލްމު މިއަހަރުގެ މެއި 24ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ތަރިންގެ ގޮތުގައި ފާހަގަކޮށްލެވެނީ ވިލް ސްމިތު، މޭނާ މަސޯދު، މާވަން ކެންޒާރީ އަދި ނާސިމް ޕޭޑްރާޑްއެވެ.