މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 48 ފުލުހެކެވެ. އެއީ 40 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބިއުލަރީ 8 ފުލުހެކެވެ. މިރަސްމިއްޔާތުގައި، ހުވާކުރުމަށްފަހު ފުލުހުން ހުވާގެ ލިޔުމުގައި ސޮއިކޮށްފައިވެއެވެ.

އިސްކަންދަރު ބިލްޑިންގގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީ ވިދާޅުވީ ފުލުހުންގެ ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއްކަމާއި މާތް ﷲ ގަންދީ ހުވާކޮށްގެންހުރެ ހުވަޔާއި ޚިލާފުވެއްޖެނަމަ އެކަމުގެ އުޤޫބާތް އެމީހަކަށް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އެންމެހާ ޤަވާއިދުތަކަށް ބޯލެނބުމަށާއި، ފުލުހުންގެ ޒިންމާ އަދާކުރުމުގައި ފަސްނުޖެހި ސާބިތުކަމާއެކުގައި ޚިދުމަތް ކުރުމަށް ގޮވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި، ފުލުހުންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.