ފްލެޓް ލިބުނު މީހުންގެ ހުރިހާ މަޢުލޫމާތެއް ޢާއްމު ކުރަނީ

ފްލެޓް ލިބުނު މީހުންގެ ހުރިހާ މަޢުލޫމާތެއް ހިމެނޭހެން ލިސްޓް އާއްމު ކުރަން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ނިންމައިފިއެވެ.

ފްލެޓް ފޯމުގައި ޖަހާފައި އޮންނަ ނަންބަރާއެކު ނިމިދިޔަ ސަރުކާރުން ފްލެޓް ލިސްޓް ގެޒެޓް ކުރި ނަމަވެސް، ފްލެޓް ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ ހުރިހާ މައުލޫމާތެއް އާއްމު ކުރަން ނިންމާފައިވާ ކަމަށެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ވިދާޅުވީ، ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށްޓަކައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހުޅުވާލައްވާނެ ކަމަށާއި، ހުޅުވާލާއިރު މިހާތަނަށް ހިޔާ އަދި ގެދޮރުވެރިކަމުގެ މަޝްރޫޢުގައި ފްލެޓް ލިބިވަޑައިގެންނެވި ފަރާތްތަކުގެ ލިސްޓުވެސް އާއްމު ކުރައްވާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މެންބަރު ރަޝީދާ ވިދާޅުވީ، ފްލެޓް ލިބުނު މީހުންގެ ލިސްޓް ޢާއްމު ކުރައްވާއިރު ނަމާއި އެޑްރެސް އަދި ކާކުކަން އެނގޭފަދަ މަޢުލޫމާތުތައް ލިސްޓުން ފެންނަން ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު ލިސްޓުގައި މި އިންނަނީ ފޯމު ނަންބަރު ނުޖަހަ. އެއީ ކޮން ފަރާތެއްކަން އައިޑެންޓިފައި ކުރުމަށްފަހު އަޅުގަނޑުމެން ލިސްޓު ހާމަކުރާނީ އާއްމުންނަށްވެސް އެލިބިވަޑައިގަތީ ކޮން ބޭފުޅެއްކަން ނަމާއި އެޑްރެހާ، މި ހުރިހާ މައުލޫމާތުތަކާ އެއްކޮށް އަޅުގަނޑުމެން އެލިސްޓުތައް ހާމަކުރާނީ" ރަޝީދާ ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުގައި ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާފައިވާ ގޮތަށް ގިނަ ބަޔަކު ފާޑު ކިޔާފައިވާއިރު، ފްލެޓްތަކަށް ބަދަލި ގެންނަ މައްސަލައިގައި ހައުސިންގ މިނިސްޓަރު މަޖިލީހަށް ހާޒިރުވުމަށްވެސް ވަނީ އަންގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ