ލޭނުމަސްވެރިކަން ހުއްޓާލުމަށް ސަރުކާރުން ނިންމައިފި

"ލޭނުއަޅާއިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ޤަވާއިދު" ގެ ދަށުން ލައިސަންސް ދިނުންހުއްޓާލައި މިހާރު ކުރަމުން އަންނަ ލޭނު މަސްވެރިކަން ހުއްޓާލުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ނިންމުމަކީ، ރައްޔިތުންގެ އަދި ވަކިން ޚާއްސަކޮށް މަސްވެރިންގެ ޚިޔާލާ މަޝްވަރާ ހޯދުމަށްފަހު ދިވެހި ދަޢުލަތުގެ އެންމެ މުޙިއްމު މަތީ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ ފަރާތުން އަޅާފައިވާ ފިޔަވަޅެއް ކަމުގައެވެ.

ލޭނުމަސްވެރިކަމަކީ ދިވެހިރާއްޖޭގައި ކުރާ އެހެން މަސްވެރިކަމާއި ޚިލާފަށް، ބިދޭސީންނަށް މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވުމުގެ ހުއްދަ ޤާނޫނީ ގޮތުން ލިބިދީފައިވާ ހަމައެކަނި މަސްވެރިކަމެވެ. މި މަސްވެރިކަމުގައި އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ 90 އިންސައްތަ، ބިދޭސީންނަށް ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ޤާނޫނުން ލިބިދީފައިވެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ 100 މޭލު ބޭރު ސަރަޙައްދުގައި ކުރުމަށް ހުއްދަ ދީފައިވާ މަސްވެރިކަމެކެވެ.

މިކަމަކީ މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވަކަމުގައި މި ބަޔާނުގައި ބުނެފައިވެއެވެ. އަދި މިއަހަރު އޭޕްރީލް މަހު ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ޔޫރަޕިއަން ޔޫނިއަންގެ މެރިޓައިމް އެފެއަރސް ފިޝަރީޒްގެ ވަފުދުގެ ފަރާތުންވެސް ލޭނުމަސްވެރިކަމުގެ އޮޕަރޭޝަނުގައި ހިނގަމުންދާ ޤާނޫނާ ޤަވާއިދާއި ޚިލާފު ޙަރަކާތްތައް ފާހަގަކޮށް އެކަންތައްތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައި ވާކަމުގައި ވެއެވެ. އަދި މިކަންކަމުގެ ސަބަބުން ދިވެހިރާއްޖެއިން ބާނާ މަސް ޔޫރަޕްގެ ޤައުމުތަކަށް އެތެރެ ކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

މީގެ އިތުރުން ލޭނުމަސްވެރިކަމަކީ ހަޤީޤީ ދިވެހި މަސްވެރިކަމެއްގެ ގޮތުގައި އަލުން ފެށުމަށްޓަކައި ލޭނުމަސްވެރިކަމުގެ އާ ޤަވާއިދެއް އެކުލަވާލާ، ދިވެހި މަސްވެރިންނަށް އެކަށީގެންވާ މިންގަނޑުތަކެއްގައި ބަނދެފައިވާ ބޯޓްފަހަރުގައި މިމަސްވެރިކަމަށް އަލުން ހުޅުވާލުމަކީ ސަރުކާރުގެ އަމާޒެއްކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ