ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް، ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މއ.ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގ ގެ ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ފުލުހުން ކޮށްފައިވަނީ، މަނީ ލޯންޑަރިންގެ ފައިސާ ގިނަ އަދަދަކަށް ވަދެފައިވާކަމަށް ފުލުހުން ތުހުމަތު ކުރާ އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލު ކޮށްފައި ނުވާކަމަށް ބުނެއެވެ.
އޭސީސީއާ ޔާމީންއަށް ކޮންޓްރޯލް އޮންނަ ގޮތަށް ހުޅުވި އެކައުންޓަށް ޔާމީން ޖަމާކޮށްފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަތުން ބައްލަވައިގެން އެއް މިލިއަން ޑޮލަރެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީން ވިދާޅުވެފައިވަނީ އެއް މިލިއަން ޑޮލަރު ވާނީ އެއް މިލިއަން ޑޮލަރަށް ކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއްމިލިއަން ޑޮލަރުގެ މުއާމަލާތުން މާލީ މަންފާތަކެއް ހޯއްދަވާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، އެ މައްސަލައިގައި އެމަނިކުފާނުގެ ހުރިހާ އެކައުންޓެއް ފުލުހުން ވަނީ ފްރީޒް ކޮށްފައެވެ.
މި މައްސަލައިގައި މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަން ފަށާފައިވާއިރު، އެކި ފަހަރުމަތިން ޔާމީން ފުލުހަށް ހާޒިރުކޮށް ތަހުޤީގު ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ތަހްޤީގު ނިންމާ މައްސަލައިގެ ބަޔާންތަނުގައި ނިމިދިޔަ ޖަމަވަރީ މަހުގެ 8 ވަނަ ދުވަހު އެމަނިކުފާނު ސޮއި ކުރައްވާފައިވާއިރު، ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިހިނގާ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހުއެވެ.
ޔާމީނަށް ކުރާ ދައުވާގެ ތަފްސީލު ޕީޖީ އޮފީހުން ހާމަކޮށްފައި ނުވާތީ މި މައްސަލައިގައި ކުށް ސާބިތުވެއްޖެނަމަ އަންނާނެ ހުކުމް ވަނީ ސާފުވާގޮތް ނުވެފައެވެ.