ޓްރެފިކަށް ފަސޭހަ ކުރުމަށް މާލެތެރޭ މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބަދަލުގެނެސްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ މި ބަދަލަށް އަމަލުކުރާނީ މިއަދުން ފެށިގެން ކަމަށެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ، މާލެ ތެރޭގައި 350 ކިލޯގެ ޕިކަޕުތަކުގައި 24 ގަޑިއިރު މުދާ އުފުލޭނެ ކަމަށާއި އަދި ހެނދުނު 9:00 އިން މެންދުރު 11:30 އަށް ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުތަކަށް މާލެ ތެރޭ މުދާ އުފުލުމުގެ ހުއްދަދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ސްކޫލުތައްފެށޭ ވަގުތާއި ނިމޭ ވަގުތުތަކުގައި ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި މުދާ އުފުލާ އުޅަނދުތަކަށް ދަތުރުކުރުން މަނާވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ހެނދުނު 11:30 އިން މެންދުރު 1:30 އަށް 350 ކިލޯ އިން ފެށިގެން ދަށުގެ އުޅަނދު ފިޔަވައި، އެހެން އުޅަނދުތަކުގައި މުދާ އުފުލުން މަނާވާނެ ކަމަށާއި، މިއަދު ނިންމި ނިންމުމާއެކު މެންދުރު 1:30 އިން އަނެއް ދުވަހުގެ ހެނދުނު ހަޔަކަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތަކުގައި މުދާ އުފުލޭނެ ކަމަށާއި ކަސްޓަމްސް އިން ނެރޭ މުދާ އުފުލަންވާނީ ބޮޑުތަކުރުފާނު މަގުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ސިނަމާލެ ބުރިޖު މަތިން ދެ ޓަނުން ދަށުގެ މުދާ 24 ގަޑިއިރު އުފުލޭނެ ކަމަށާއި 2.1 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ދުއްވުން ހުއްދަވާނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށް ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ކޮންސްޓްރަކްޝަން މުދާ ކޮންމެ ދުވަހަކުވެސް ހަވީރު 6:00 އިން ހެނދުނު 6:00 އިން އުފުލޭނެ ކަމަށެވެ. އަދި 350 ކިލޯ އިން ދަށުގެ ޕިކަޕުތަކަށް ސްކޫލު ސަރަހައްދުތައް ފިޔަވާ އެހެން ސަރަހައްދުތަކުގައި 24 ގަޑިއިރު ފެނާއި ގޭސް އުފުލޭނެ ކަމަށާއި ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތަކުގައި ފެނާއި ގޭސް އުފުލޭނެ ކަމަށްވެސް އެ މިނިސްޓްރީ އިން ވިދާޅުވިއެވެ.




