މުދައްރިސެއްގެ ހަޔާތުން ދުވަހެއް

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ދިވެހިރާއްޖޭގައިވެސް މުދައްރިސުންގެ ދަތިކަމަކީ ބޮޑު މައްސަލައެކެވެ. ސަބަބުތައް ބައިވަރެވެ. ވަޒީފާގެ މަސައްކަތް ބުރަވެ ލިބޭ އުޖޫރަ ކުޑަވުމާއި މުދައްރިސުންނަށް މުޖުތަމައުގައި ދެވެންޖެހޭ ގަދަރާއި އިހުތިރާމް ނުދެވުމާއި ކިޔަވައިދިނުމުގައި ރައްކާތެރި މާހައުލެއް ނެތުމާއި އަދި މިނޫނަސް އެތަކެއް ސަބަބުތަކެވެ.

ޕްރައިމަރީ ގުރޭޑްތަކަށް ދިވެހި މުދައްރިސުން ލިބުން ދަތިވެފައިވާކަމަށްބުނެ އެޑިޔުކޭޝަން މިނިސްޓްރީން އެގުރޭޑުތަކަށް ކިޔަވައިދޭނެ ބޭރު މުދައްރިސުން ހޯދަން އިއުލާން ކުރަން ނިންމުމާއެކު އަނެއްކާވެސް މިއަދުމިވަނީ މުދައްރިސުންގެ ވާހަކަ ދެކެވެން ފަށައިފައެވެ. މިކަމާއި ގުޅިގެން މުޖުތަމައުގައި ހިމެނޭ އެއްބަޔަކު ބުނަމުންދަނީ މުދައްރިސުންގެ މުސާރަ މިފަހުންވެސް ބޮޑުކޮށްފައިވާ ކަމަށާއި މުސާރަ އިތުރަށް ބޮޑު ކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ.

އަޅުގަނޑުމެންގެ ކާބަފައިން ބުނާފަދައިން ކަނޑެއްގައި އަޅާ އޮޔެއް އެނގޭނީ އެކަނޑަކަށް ނިކުމެ ދަތުރު ކޮށްލީމައެވެ. މިގޮތުން މިއަދު މިވަނީ މުދައްރިސުންގެ ތެރެއިން މުދައްރިސަކު އެބައިމީހުންގެ ހަޔާތުން މަސައްކަތު އެއްދުވަސް އަޅުގަނޑުމެންނާއި ހިއްސާކޮށްފައެވެ. މީސްމީޑިއާގައި ހިއްސާކޮށްފައިމިވާ މަސައްކަތު ދުވަސް ތީގެން ކޮންމެ ބޭފުޅަކުވެސް ކިޔާލެއްވުމަށްފަހު އެބޭފުޅުންނަށް ދެވެނީ ހައްގު އުޖޫރަތޯ އަމިއްލަފުޅަށް ވަޒަން ކޮށްލާށެވެ.

"ހެނދުނު 6:30 ގައި ގެއިން ނިކުމެގެން ސްކޫލަށް ގޮސް ސޮއި ކުރުމަށްފަހު އަވަސްވެގަންނަނީ ކުލާހަށްގޮސް ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށެވެ. އެއަށްފަހު ދެން ޖެހެނީ އެސެމްބްލީ ގަޑިއެވެ. ދެން ދުވަހުގެ ކުލާސްތައް ނެގުމަށް އަވަސްވެގަނެއެވެ. މިގޮތުން ދުވާލަކު 5 ވަރަކަށް ގަޑި ނެގުމަށްފަހު ދެންވެސް ރިލީފް ގަޑިއެއް އޮތިއްޔާ އެގަޑި ނަގައެވެ. ކިތަންމެ ބަނޑުހައިވެފަ ހުރިކަމުގައި ވިޔަސް ހުސްވަގުތެއް ލިބުނިއްޔާ ނޫނީ ކެވޭކަށް ނުވަތަ ފާޚާނާ ކުރެވޭކަށް ނޯވެއެވެ. މިގޮތުގައި އުޅެނިކޮށް ދުވަހުގެ ސެޝަން ނިމެއެވެ. އެއަށްފަހު އޮންނަ މީޓީންގ ނުވަތަ ކޯޑިނޭޝަންގައި ބައިވެރިވެއެވެ. ނޫނީ ނަގާފަ ހުރި ފޮތްތައް މާކު ކުރަން ޖެހެއެވެ.

މިހުރިހާ ކަމެއް ނިމޭއިރު އޮންނަނީ މެންދުރުފަސްވެ 3 ޖާހާ ބޮޑުވެފައެވެ. ދެން އަވަސްވެގަންނަން ޖެހެނީ ނަމާދުނުކޮށް ހުރިނަމަ ނަމާދުކުރާށެވެ. ބައެއް މީޓީންގ ތައް ދިގުވެއްޖެނަމަ ނަމާދު ކުރެވެނީވެސް ކިރިޔާއެވެ. ނޭވާއެއް ލުމަށްފަހު ދެން ޖެހެނީ މާދަމާގެ ފިލާވަޅަށް ތައްޔާރުވާށެވެ. އެކަމު އަދި އެކަން ކުރެވޭކަށް ނެތެވެ. ކުރިއަށް އޮތް އިންޓަރ ސްކޫލް ކުޅިވަރު ހަރަކާތުގެ ޑިޔުޓީ އަދާކުރަން ޖެހެއެވެ. ދެން އަވަސްވެގަންނަނީ އެ ޑިޔުޓީއެއް އަދާ ކުރުމަށެވެ. އެޑިޔުޓީ އަދާކުރަން ޖެހެނީ ސްކޫލުން ބޭރުގައި ކަމުގަވެސް ވެދާނެއެވެ. ކުދިން އައިސް ކުޅިވަރުކުޅެ ނިމި ބެލެނިވެރިން ބަލައި އަންނަ ގަޑި ޖެހިއްޖެއެވެ. މި ޑިޔުޓީ 2 ގަޑި އިރަކުން ނުނިމެއެވެ. ނިމެނީ ހުރިހާ ކުދިން ގެއަށްގޮސް ނިމުނީމައެވެ. އެއީ 3 ގަޑިއިރު ކަމުގައިވެސް ވެދާނެއެވެ.

ގަޑިބަލާލި އިރު މިއޮތީ އިރު އޮއްސިފައެވެ. އަނެއްކާވެސް އަވަސްވެގަންނަންޖެހެނީ ރޭގަނޑު އޮންނަ އިތުރުގަޑި ނެގުމަށް ސްކޫލަށް ދިޔުމަށެވެ. އިތުރުގަޑި ނިމި ގެއަށްގޮސް ވަދެވޭއިރު ރޭގަނޑު 9:00 ޖަހާފާނެއެވެ.

ޢާއިލާ އުޅޭގޮތް ބަލައެއްނުލެވުނެވެ. ދަރިން ތިބީ ކައިގެންތޯ ނުކައިތޯ ބަލައެއް ނުލެވުނެވެ. ގެއަށްވަދެ އަވަސްވެގަންނަނީ ގޭގައި ހުރި ކަން ކަން ހަމަޖެއްސޭތޯއެވެ. އެއަށްފަހު ކުރިއަށް އޮތް ފިލާވަޅުތައް ރޭވުމުގައި ރޭގަނޑުގެ ބާކީ އޮތްވަގުތުތައް ހޭދަކުރެއެވެ. ނޯޓްސް ތައްޔާރު ކުރުމާއި، ވޯކް ޝީޓް ހެދުމާއި މިކަހަލަ ކަން ކަމުގައެވެ. ނިދެނީ 12 ނުވަތަ 1 ޖަހާއިރުއެވެ. އަނެއްދުވަހުވެސް އަރާ އިރާއެކު ހަމަ މިގޮތަށް ނުވަތަ މިއަށްވުރެވެސް ބުރަކޮށް ދުވަސްހޭދަކުރަން ޖެހެއެވެ."

https://www.facebook.com/100001380636754/posts/2527576260631704/

މިއީ ގައުމުގެ މުސްތަގްބަލުގައި މާދަމާ ތިބޭނެ ސަހުސިއްޔަތުންގެ ތައުލީމީ ހަޔާތުގެ ބިންގާ އަޅައިދީ އުޅެންވީ ރީތިގޮތް އަޅުގަނޑުމެންގެ ދަރިންނަށް ބުނެދޭ މުދައްރިސުން ކޮންމެ ދުވަހަކު އުފުލަންޖެހޭ ބުރައާއި ތަކުލީފެވެ. މިއަދު މިމުދައްރިސުން ކުރާ ބުރަ މަސައްކަތް އަޅުގަނޑުމެން ބަލައި ނުގަނެ މާދަމާ ރަނގަޅު ޖީލެއް މިގައުމުގައި ބިނާކުރާނީ ކިހިނެއް ހެއްޔެވެ؟ މުދައްރިސުންގެ ކަންތައްތައް ބަލަހައްޓާ ފަރާތްތަކުންވެސް މުދައްރިސުންނަށް އެބައިމީހުންގެ ވަޒީފާ އަދާކުރުމުގައި ލުއިވާނެ ގޮތްތައް ފަހިކޮށްދޭން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް

3 Responses

  1. މީހެއް

    It’s ok. Teacher eh ge busy schedule enmenah ves angadhin beyfulhaa ah haggu shukuru.

  2. RAHTEHI

    Thiya thiothy nae ema ge status in lido kiyamyhaku copy kohfa

  3. Copycat

    Thi liyun thiothy copy kohfa thi status liyuny aslu Nae Ema kiyaa teacher eh

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ