މަޑިވަރު ތަރައްގީ ކުރަން ނުފަށާއިރު ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: އަލީ ޝަރީފް

މަޑިވަރު އެއާޕޯޓް ނިންމައި މި އަހަރު ހުޅުވަނީ

ޅ. މަޑިވަރުގައި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުންފުންޏެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީ ކުރާ އެއާޕޯޓް މި އަހަރު ހުޅުވާނެ ކަމަށް ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ޒުބެއިރު ވިދާޅުވީ މަޑިވަރު އެއާޕޯޓް މި އަހަރު ހުޅުވާނެ ކަމަށާއި އެ އެއާޕޯޓްގައި މިހާރު ކުރަމުން ގެންދަނީ ރަންވޭގެ މަސައްކަތް ކަމަށެވެ.

ސިޓީ ހޮޓަލާއެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލު ކޮށްފައި ވަނީ 29 މެއި 2018 ގަ އެވެ.

މަޑިވަރު އެއާޕޯޓު އެޅުމަށް ކުރެއްދޫ ހޯލްޑިންގްސް އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އުއްޗު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މިކަހަލަ ކިތަންމެ ޕްރޮޖެކްޓެއް ފެށިގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ގެންދަނީ "އެންމެ ފުރަތަމަ ގައުމު" ކަން އެނގިހުރެ، އެކަމަށް އިސްކަން ދީގެން ކަމަށް އުއްޗު ވިދާޅުވިއެވެ.

އުއްޗު ވިދާޅުވި ގޮތުގައި މަޑިވަރުގައި އެއާޕޯޓު އެޅުމުގެ ސަބަބުން، ޅ. އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް މަސައްކަތް ކުރަންވާނީ ގައުމަށް ކޮންމެވެސް ހިދުމަތެއް ކޮށްދެވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ސިފައިންގެ ޓްރެއިނިން މަރުކަޒެއް ހިންގި މަޑިވަރުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް އެ ކުންފުނިން ބުނެފަ އެވެ. ދެ އަހަރު ދުވަހުން ނިންމާ ގޮތަށް ފެށި މަޝްރޫއުގެ ދަށުން ތަަރައްގީ ކުރަނީ އާއްމުކޮށް ހުންނަ ރީޖަނަލް އެއާޕޯޓުތަކެކޭ އެއް ސައިޒުގެ އެއާޕޯޓެކެވެ. މި އެއާޕޯޓުގެ މަސައްކަތް ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ގިނަ މަސައްކަތްތަކެއް ކުރާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ.

މަޑިވަރު އެއާޕޯޓަކީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއެކު ތަރައްގީ ކުރާ އެއާޕޯޓެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ