ޔޫރަޕު ފުޓްބޯޅަ މުބާރާތެއްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ރާއްޖެ

ޔޫރަޕުގެ މަޝްހޫރު ކްލަބްތައް ކުޅޭ 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތެއްގެ ޕްލެޓިނަމް ސްޕޮންސަރޝިޕް ދިވެހިރާއްޖެއިން ނަގައިފިއެވެ.

ދުބާއީގައި އޮންނަ މި މުބާރާތް ބައްލަވައިލެއްވުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި މުބާރާތުގައި 13 އަހަރުން ދަށުގެ ޔޫރަޕުގެ ބޮޑެތި ކްލަބުތަކުގެ ޓީމުތަކުން ބައިވެރިވާނެ ކަމަށެވެ.

މަޝްހޫރު ކްލަބްތަކުގެ ކުޑަ ޓީމުތައް ކުޅޭ މި މުބާރާތަކީ މި އުމުރު ފުރާގައި ބާއްވާ އެންމެ މަޝްހޫރު އެއް މުބާރާތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ބާސެލޯނާ، ރެއާލް މެޑްރިޑް، ޔުވެންޓަސް، ޗެލްސީ، ބެޔާން މިއުނިކް އަދި އަރަބި ބައެއް ގައުމުތަކުގެ ޓީމުތަކުގެ 13 އަހަރުން ދަށުގެ ޓީމުތަކުން މި މުބާރާތުގައި ބައިވެރިވެއެވެ.

ބޮޑެތި ކްލަބުތަކުގެ ޓީވީތަކުންވެސް މި މުބާރާތް ދައްކާނެކަމަށާއި ދުވާލެއްގެ މައްޗަށް މި މުބާރާތަށް ހަތަރު މިލިއަނާ ހަ މިލިއަނާ ދެމެދުގެ އަދަދަކަށް ވިއުވާސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދުބާއީ އިންޓަ ކޮންޓިނެންޓަލް ކަޕް" ގެ ޕްލެޓިނަމް ސްޕޮންސާކަން ރާއްޖެއިން ނަގާފައިވަނީ 25،000 ޑޮލަރު (ގާތްގަނޑަކަށް 385،500ރ.) އަށެވެ. މުބާރާތުގައި ރާއްޖެއަށް ލިބޭނެ އެކްސްޕޯޝާއާ އަޅާބަލާއިރު މިއަގަކީ ކުޑަ އަގެއް ކަމަށާއި، މިއީ މިވަރުގެ މުބާރާތެއްގައި ލިބޭނެ އަގެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ "މިއީ ފަތުރުވެރިން އެއް ހަފުތާގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކޮށްލަން ދާވަރުގެ އަގެއް. އެހެންވީމަ މިކަމަށް ޝުކުރު އަދާކުރަން ސަލްގާޑޯ މެން ރާއްޖެ އައިސްގެން އުޅުނުއިރު ރިސޯޓުތަކުން ދެއްވި މެހުމާނުދާރީ. އަސްލު މިގޮތަށް ކުޑައަގެއް ލިބުނީ ރާއްޖޭގެ ހޮސްޕިޓާލިޓީ އިން،" ކަމަށެވެ.

މުބާރާތް ކުޅޭ ދެ ދަނޑުގެ ތެރެއިން އެއް ދަނޑަކަށް "ވިޒިޓް މޯލްޑިވްސް"ގެ ނަމުން ނަން ދީފައިވާއިރު، މި ޕިޗުގައި މުބާރާތުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގެ މެޗުތައް ކުޅެވިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމެއްކަމަށްވާ، ސްޕެނިޝް ސޮކާ ސްކޫލުގެ މެއިން ސްޕޮންސަރުކަންވެސް ނަގާފައިވަނީ ދިވެހިރާއްޖެއިންކަމާއި، އެ ޓީމުގެ ޖާޒީގައި ވިޒިޓް މޯލްޑިވްސް ޖަހާފައި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ފަސް އަހަރު ނިމޭއިރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 2.5 މިލިއަން މީހުންނަށް އިތުރުކުރެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ވިދާޅުވެފައިވާއިރު، ރާއްޖޭން ސްޕެއިންގައި މި ގޮތަށް އިޝްތިހާރު ޖެހުމީ، ރާއްޖޭގެ ފަތުރުވެރިކަން ބޭރުދުނިޔޭގައި އިތުރަށް  އިޝްތިހާރު ވެގެންދާނެ ކަމެއް ކަމުގައި ދެކެމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ