ސަމުސަލުން ކާންދޭ އުޞޫލުން ސަންޗޭޒަށް ކަންތައް ކޮށްދެވޭކަށްނެތް - ސޯލްޝެއާ

ސަމުސަލުން ކާންދޭ އުޞޫލުން ހުރިހާ އެއްޗެއް ކިޔައިދީގެން ސަންޗޭޒަށް ކަންތައްކޮށްދެވޭކަށް ނެތްކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.

2018 ވަނަ އަހަރު އާސެނަލް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާއި ގުޅުނުފަހުން ސަންޗޭޒަށްވަނީ އެކަށީގެންވާ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ.

އުމުރުން 30 އަހަރުގެ ސަންޗޭޒް މިދިޔަ ސީޒަންގައި ޔުނައިޓެޑަށް ކުޅުނު 45 މެޗުން ކާމިޔާބުކޮށްދެވުނީ އެންމެ ފަސް ގޯލެވެ. ޕްރިމިއާ ލީގުގައި ޖެހުނީ އެންމެ ގޯލެކެވެ.

ސަންޗޭޒް އެނބުރި ފޯމަށް އާދެވިދާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ސޯލްޝެއާބުނީ ހުރިހާ ކުޅުންތެރިނަށްވެސް އެހީތެރިވެދޭނަން ކަމަށާއި އެކަމު ސަމުސަލުން ކާންދޭ އުޞޫލުން ހުރިހާ ކުރަން އަކުރުން އަކުރަށް ކިޔައިދެވޭކަށް ނެތްކަމަށެވެ.

އަދި ޓީމުން ފުރުޞަތު އޮތީ އަމިއްލައަށް މަސައްކަތްކޮށްގެންކަމަށްވެސް ސޯލްޝެއާވަނީ ބުނެފައެވެ.

"ކޮޕާ އެމެރިކާގައި ސަންޗޭޒްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު. ދެން އޭނާ އިންޖަރީވީ. ހިޔެއްނުވެ އެއީ އެހާބޮޑު އިންޖަރީއެއް ހެނެއް. ބެލެވޭ ގޮތުގައި ސީޒަން ފެށުމުގެ ކުރިންކުޅޭ ޕްރެކްޓިސްގެ ބައެއް މެޗުތަކުގައި ސަންޗޭޒްއަށް ބައިވެރިވެވޭނެ" ސޯލްޝެއާ ބުންޏެވެ.

ސަންޗޭޒްގެ އިތުރުން ޕޮގްބާ އަދި ލުކާކޫވެސް ހުރީ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވަފައެވެ. އެހެންނަމަވެސް ސޯލްޝެއާ ޕޮގްބާއަށް އަންނަ ސީޒަންގައި ޔުނައިޓެޑުން އާ ޗެލެންޖެއް ޙަވާލުކުރަން ބޭނުންވެއެވެ. އަދި ލުކާކޫ އިންޓަމިލާނަށް ދާން އުޅޭ ވާހަކަތައް ސޯލްޝެއާ ދޮގުކޮށްފައެއް ނުވެއެވެ.

"އަހަރެމެން ކުޅުންތެރިއަކު ވިއްކާނަމަ، އެތަނަކަށް އެހެން ކުޅުންތެރިން ގެންނާނަން" ސޯލްޝެއާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ