ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު "ފަންނު އެކްސްޕޯ 2019"ގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކަށް ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އާއްމުންނަށް ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބާއްވަމުން އަންނަ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު މިފަހަރު "ފަންނު އެކްސްޕޯ 2019" ގައި ބޭއްވުމަށް ނިއްމާފައިވާއިރު މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މައުރަޒެވެ. އަދި މި މައުރަޒުގެ މަޤުސަދަކީ، ރާއްޖޭގެ މަސައްކަތްތެރިންގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމަށް ބާރުއެޅުމާއި، ދިވެހިންގެ ހުނަރުވެރި، އުފެއްދުންތައް އެއްތާކުން ދައްކައި ދިނުމެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި މައުރަޒުގެ ތެރެއިން ދިވެހިންނަށް އެމީހުންގެ ދިވެހި އުފެއްދުންތައް ދައްކާލުމަށާއި ވިއްކުމަށް ފުރުސަތު ލިބިގެންދާއިރު، މި އުފެއްދުންތައް މާރކެޓް ކުރުމަށާއި، އަދި ކަސްޓަމަރުން ފަސޭހައިން ހޯދުމަށް އޮތް ތަނަވަސް ފުރުސަތަކަށް މި "ފަންނު އެކްސްޕޯ" ވެގެންދާނެކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި ދިވެހި އުފެއްދުންތެރިން ހޯދާފައިވާ ކުރިއެރުންތަކާއި، ކާމިޔާބީތަކުގެ ތަޖުރިބާވެސް މި ޤައުމީ މަރުކަރުގެ ތެރެއިން ޙިއްސާކުރެވިގެންދާނެއެވެ.
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ 15 ގިންތިތަކުގެ ތެރޭގައި ހިމެނެނީ، މަސްވެރިކަން، ކާބޯތަކެތި، އިމާރާތްކުރުން، މެޝިނަރީ އެންޑް، އިކްއިޕްމެންޓްސް، ހަކަތަ، ލަކުޑީގެ މަސައްކަތް، އަތްތެރި މަސައްކަތް، ޖުވެލަރީ އެންޑް އެކްސަސަރީޒް، ދަތުރުފަތުރު، ދަނޑުވެރިކަން، ބަހުގެ އުފެއްދުން، ކުރެހުމާއި ފަރުމާކުރުން، އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ އަދި ފެޝަން އެންޑް ޑިޒައިންނެވެ.
އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަކޮށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް، މިނިސްޓްރީގެ ބިޒްނަސް ސެންޓަރަށް ނުވަތަ ރަށު ކައުންސިލަށް ހުށަހެޅުވުމަށް މިނިސްޓްރީން އެދިވަޑައިގަނެފައިވާއިރު، މަޢުރަޒުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިއަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވުހުގެ 14:00 އެވެ.
"ފަންނު އެކްސްޕޯ 2019" އާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންފުޅުވާނަމަ، މިނިސްޓްރީގެ ނަންބަރ 1691 އާއި ގުޅުއްވައި ނުވަތަ މިނިސްޓްރީގެ ވެބްސައިޓް )http://trade.gov.mv/news/mauraz-( އިން ވެސް ލިބިވަޑައި ގަންނަވާނެއެވެ.



