މޯލްޑިވްސް ޑިމޮކްރަޓިކް އެލަޔަންސް (އެމްޑީއޭ) ގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ އިތުރު ހަތަރު މެންބަރަކު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވައިފައިވާ ހަތަރު ކައުންސިލު މެންބަރުންގެ ތެރޭގައި ހިމެނެނީ، އެމްޑީއޭގެ އަންހެނުން މަޖިލީހުގެ ރައީސާ ނަޒީރާ އިބްރާޙިމާއި، އެމްޑީއޭގެ ސްޕޯޓްސް އެމްބެސެޑަރ މުޙައްމަދު އަނީސްގެ އިތުރުން، ޢަބްދުﷲ ޒިޔާދު އަދި ހޫރުޝީދު ތައުފީޤެވެ.
އެމްޑީއޭގެ ޓިކެޓްގައި އުނގޫފާރު ދާއިރާއަށް ވާދަ ކުރަން ނިއްމެވި އެމްޑީއޭގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ކައުންސިލު މެމްބަރުކަން ފުރުއްވަމުން ގެންދެވި އަހުމަދު ރީހާންވެސް ވަނީ ޓިކެޓް ނުލިބުމުގެ ސަބަބުން ޕާޓީއިން ވަކިވެފަ އެވެ.
އެމްޑީއޭގެ ކައުންސިލުން އިސްތިއުފާދެއްވި މެންބަރުންގެ ތެރެއިން ނަޒީރާ އިބްރާޙިމާ އިސްތިއުފާ ދެއްވައިފައިވަނީ، ސިޔާސީ ގޮތުން ކުރިއަށް ދެވޭނެ މަގެއް ޕާޓީގެ ތެރެއިން ނެތުމުން، ކުރިއަށް އޮތްތާގައި އެހެން ސިޔާސީ ޕާޓިއަކާ ގުޅިގެން ކުރިއަށް ދިއުމުގެ މަގުސަދުގައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ އަށް ދާއިރާއަކަށް އެމްޑީއޭ ޓިކެޓުގައި ބޭފުޅުން ވާދަކުރަން ވަނީ ހަމަޖެހިފައެވެ.
ރައްޔިތުން މަޖިލީސް އިންތިހާބު 2019 ގައި އެމްޑީއޭއިން 8 ދާއިރާއަކުން ވާދަކުރައްވަން ނިއްމަވައި ޓިކެޓް ދީފައިވާއިރު، ޓިކެޓް ދީފައިވާ ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް ހިމެނެއެވެ




