ދެ ބޭހެއްގެ ވަކި ބެޗެއް ރާއްޖެ އެތެރެ ނުކުރުމަށް އެދެފި

ދެ ބޭހެއްގެ ވަކި ބެޗެއްގެ ބޭސް ދިވެހިރާއްޖެ އެތެރެ ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފިއެވެ.

ރާއްޖެ އެތެރެކުރިން ހެލްތު މިނިސްޓްރީން މަނާކޮށްފައިވަނީ، ފޯލްސިފައިޑް ރެބީސް ވެކްސިން ބެޖް ނަމްބަރ (NIE35) އާއި ފެލިސްފައިޑް އިކްލޫސިގް ޕޮނަޓިނިބް އެޗްސީއެލް ބެޗްނަމްބަރު (PR072875) އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން އެލާރޓް ކުރައްވާފައިވާ ގޮތުން ރެބީސް ވެކްސިންގެ އެ ބެޗް ވިޔަފާރީގެ ގޮތުގައި ދުނިޔޭ ކަންކޮޅުތަކުގައި ދަނީ ދައުރު ވަމުންނެވެ. އަދި ޑަބްލިވްއެޗްއޯއިން އެލާރޓް ކުރައްވާފައިވާ ގޮތުން ކެންސަރުބައްޔަށް ބޭނުން ކުރާ ބޭހުގެ އެކްޓިވް އިންގްރީޑިއަންޓް Ponatinib HCL ގެ ބަދަލުގައި ދަށް ސްޓްރެންތެއްގެ Paracetamol ބޭނުން ކޮށްގެން އުފައްދާފައިވާ ދުނިޔޭ ކަންކޮޅުތަކުގައި ދައުރުވަމުން އަންނަ ކަމަށެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މި ދެބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށާއި، މިކަން އިތުރަށް ބެލުމަށް ކުރެވުނު އިންސްޕެކްޝަންތަކުން މިބޭސް  ރާއްޖޭގެ ބާޒާރުގައި ނެތްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ބޭސް ސިޓީއަށް އަމިއްލަ ބޭނުމަކަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް  މިބޭސް އިމްޕޯރޓް  ކުރެވިފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވިން." ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

ބޭސް ސިޓީއަށް ވެސް މިބޭހުގެ މިބެޗް  އެތެރެ ނުކުރެއްވުމަށާއި، ނުވިއްކުމަށާއި ބޭނުން ނުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން،  ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ޙާއްސަ ސަމާލުކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން  ގެންދާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ