ރައީސް ދަރަވަންދޫ ކައުންސިލާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ މި ބައްދަލުކުރެއްވުމުގައި  ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ. 

މިބައްދަލުކުރެއްވުމުގައި ދަރަވަންދޫ ކައުންސިލުން ވިދާޅުވީ، ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ އުނދަގޫތަކާއި، ބަނދަރުގެ ހާލަތު މިހާރު އޮތްގޮތުން ކުރިމަތިވާ ދަތިތައް ވެސް ޙިއްސާކުރައްވައިފައެވެ.

އަދި މިބައްދަލުކުރެއްވުމުގައި، އިންޓަގްރޭޓެޑް ޓުއަރިޒަމް ޤާއިމުކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނުގެ އަރިހުން އެދިވަޑައިގެންފައިވެއެވެ.

ރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ ދަތިތަކާއި، ރަށުގައި މިވަގުތު ގެދޮރު ދޫކުރެވެން ނެތުމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫތައްވެސް ދަރަވަންދޫ ކައުންސިލް މެންބަރުން ރައީސްއާއި ޙިއްޞާކުރައްވާފައިވެއެވެ. މީގެ އިތުރުން ދަރަވަންދޫ އެއާޕޯޓު މިހާރަށްވުރެ ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންފައިވާއިރު، ޒުވާނުންގެ ފުޓުބޯޅަދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވުމަށްވެސް ކައުންސިލުން ސަރުކާރަށް އެދިވަޑައިގެނެފައިވެއެވެ.

ދަރަވަންދޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވޯ، މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު  ދަރަވަންދޫގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ވެރިކަމުގައި، އެމަނިކުފާނު ދަނީ، އަތޮޅުތަކުގެ ގިނަ ކައުންސިލްތަކަކާއި ބައްދަލުކުރައްވާ، ރަށްރަށުގައި ދިމާވަމުންދާ މައްސަލަތަކާއި، އިތުރަށް ބޭނުންވާ ކަންކަމުގައި މަޝްވަރާކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ