ރަށުތެރެއަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އިވެނީ ހަމައެކަނި ގަސްތަކުގެ ތެރެއިން ސޫފާސޫފިތަށް ގޮވާއަޑެވެ. ރަށުގެ ތެރެއަށް އެހެންޏާ ވެރިވެފައިވާ ހަނދުގެ އަލިކަމެއްވެސް އެރެއަކު ނުވެއެވެ. ވިއްސާރަ ވިލާތަކުން ދުނިޔެމަތިވަނީ ބައްދާ ބަނަކޮއްލާފައެވެ. ޖެހެމުން އައި މަޑު ވައިރޯޅިތަށް ބާރުވެ މޫސުން ގޯސްވަމުން ދިޔައެވެ.
"ލިޔާން، ދަރިފުޅާ، ދެން ކޮއްކޮ ގޮވައިގެން އަވަހަށް ވަންނަން އުޅޭ. މިހާރު އެއޮއްގެން އަށެއް ޖަހަނީ. ދަރިފުޅަށް ތިތަން އަނދިރިއެއް ވެސް ނޫންތަ؟" އިނާޝާ ގޭގެ ފެންޑާގައި ހުރެފައި ގޮވާލިއެވެ. އަނދިރިވެފައި ވުމުން އިނާޝާއަށް ކުދިން އެކަނި ބޭރުގައި ބައިތިއްބާފައި ވަންނާކަށް ނުކެރޭނެއެވެ.
"މަންމާ އަދިވެސް ބައްޕައެއް ނާދެއޭ. އަދި ކުޑަވަގުތު ކޮޅަކު މަޑުކޮއްލަންވީއެއްނު؟" ލިޔާން ފަސްއަހަރުގެ މަލަކާ އަތުގައި ހިފައިގެން ހުރެ ބުނެލިއެވެ. ލިޔާންއާއި މަލަކާ އިންތިޒާރު ކުރަމުން އައީ ބައްޕަ ނާޖިހު ބޯޓުން މުދާތަށް ހިފައިގެން އަންނާނެ ވަގުތަކަށެވެ.
"ދަރިފުޅުމެން ދެން އެތެރެއަށްވަދޭ. އެތެރޭގައި ތިއްބަސް ބައްޕަ އަންނާނެ އެއްނު؟ އެހެން ނޫނަސް ތި ނިކަގަސް ކައިރީގައި ރޭނގަޑު އުޅޭކަށް ނުވާނެ" އެ ބިޔަ ނިކަގަހަށް ބަލާލަމުން އިނާޝާ ބުންޏެވެ.
އެގެއަށް އައި ފަހުން ލިޔާންގިނަވަގުތު ހޭދަކުރަނީ ނިކަގަސްކައިރީގައެވެ. ނިކަގަހުގައި އެލުވާފައިވާ އުނދޯލީގައެވެ.
މަންމަ ހިތްހަމަ ނުޖެހުމުން ލިޔާން މަލަކާ ގޮވައިން އެތެރެއަށް ވަނެވެ.
މާލޭގައި އެތަށް އަހަރެއް އުޅުމައްފަހު ރަށަށް އެ އާއިލާ ބަދަލު ވީ ލިޔާން ކިޔަވާ ނިމުމުންނެވެ. އެހެން ނަމަވެސް ލިޔާން ރަށަށް ބަދަލުވާކަށް ބޭނުމެއް ނުވެއެވެ. ރަށުގައި އުޅެން ފަސޭހަ ނުވެދާނެކަމަށް އޭނާއަށް ގަބޫލުކުރެވޭތީއެވެ. އަނެއްކާ އަމިއްލަ ގެއެއް ނެތި އެހެން މީހެއްގެ ގެއެއްގައި އުޅެން ޖެހުމަކީވެސް ލިޔާން ރަށަށް އަންނަން ބޭނުން ނުވި އެއްސަބަބެވެ.
"މަންމާ އަޅުގަނޑުމެން ކިހާ ދުވަހެއް ވަންދެން މިގޭގަގައި އުޅޭނީ؟ އަޅުގަނޑަށް މިގެ އެއްވެސް ގޮތަކަށް ކަމަކު ނުދޭ" ލިޔާން މަލަކާ އުނގައް ލައިގެން ތަޅުންގަނޑު މަތީ އިށީންނަމުން އަހާލިއެވެ.
"މިގޭގައި ކޮން މައްސަލައެއްތަ ހުރީ؟ މަންމައަށް މިގެ ހަމަ ވަރަށް ސަޅި. ދެކުދިންނަށް ދުވެ މަޖާކޮށް ސަކަރާތް ޖަހާ ހަދަން ގޯތިތެރޭގައި ބޮޑު ޖާގައެއް އެބައޮތް. އަނެއްކާ ދަރިފުޅު ދެން ސިޓިންގ ރޫމްގައި ނިދަން އޮންނާކަށް ނުއެއް ޖެހޭނެ. އެކަނި އެއްކޮޓަރިވެސް ލިބުނީ. ދަރިފުޅު ކުރަހާ ހަދަން ވަކިން ކޮޓަރިއެއް އެބަހުރި. މަންމައަށް ހީވި ދަރިފުޅު އަބަދުވެސް އެކަނި ކޮޓަރިއެއް ބޭނުންވިހެން" ހިނިތުންވެލަމުން އިނާޝާ ލިޔާންގެ ބޮލުގައި ފިރުމާލިއެވެ.
"މައްސަލައަކީ ކޮޓަރިއެއް ނޫނޭ މަންމާ. މިގެއަށް ވަނީމަ ފާޑަކަށް އުނދަގުލެއް ވެފައި ހުންނަހެން ހީވަނީ. ހީވަނީ އަހަރުމެން އަޅާ ކޮންމެ ފިޔަވަޅެއްވެސް އެޅެނީ މީހަކު ނޫނީ ބަޔަކު ބަލަން ތިއްބައޭ. މަންމަމެންނަށް އެހެން ހީނުވޭތަ؟" ލިޔާން މަންމައަށް ބަލަން އިނދެގެން ސުވާލުކޮއްލިއެވެ.
"ތިއީ ދަރިފުޅަށް ހީވަ ގޮތެއް. އަދި ގޭގައި އެއްވެސް އެއްޗެއް ނެތީމަ އެހެން ވެދާނެ. ރޭގަ ދަރިފުޅު ކޮންއިރަކުތަ ނިދީ؟ ދަރިފުޅު މިހާރު ޑިޕްރެޝަން ބޭސް ކަންތަ؟ " އިނާޝާ އޯގާތެރިކަމާއިއެކު ސުވާލުކުރަމުން ދިޔައެވެ.
"ވެދާނެ ތިހެންވެސް. ބޭސް އެބަ ކަމޭ މަންމާ. އެކަމަކުވެސް ނުއެއް ނިދެއޭ. ރޭގަވެސް އޮވެވުނީ ނުނިދިގެން ދެކޮޅަށް އެނބުރި އެނބުރި. އަދި މިރަށަށް އިއްޔެގައި ބަދަލުވިފަހުން ހީވި މާސަކަރާތޭވެސް." ލިޔާން އިސްޖަހާލިއެވެ.
"އެއީ އެއްވެސް މައްސަލައެއް ނޫނޭ ދަރިފުޅާ. އައު މާހައުލަކަށް އައުމުން އެހެން ވެދާނެ. މިރޭ ނުނިދިއްޖިއްޔާ މަންމައަށް ނޫނީ ބައްޕައަށް ގޮވާލާ. އޭރުން ބައްޕަ ފޮނުވާނަން ދަރިފުޅު ގާތަށް" އިނާޝާއަކީ ދަރިންދެކެ އިންތިހާއަށް ލޯބިވާ މައެކެވެ. އެކުދިންނަށްޓަކައި ކޮންމެފަދަ ކަމެއްވެސް އިނާޝާ ކޮށްފާނެއެވެ.
ގަޑީގެ ކަށި އޭގެ ބާރުމިނުގައި ހިނގަމުން ދިޔައެވެ. ދިއްލާފައިވާ ރަތްކުލައިގެ ބޮކިން މަޑު އަލިކަމެއް ކޮޓަރިތެރެއަށް ވަނީ ވެރިވެފައެވެ. ލިޔާން މަޑުމަޑުން އެނދުމަތީގައި ފުރޮޅި ފުރޮޅި އޮތީ ލޮލަށް އެއްގޮތަކަށްވެސް ނިދި ނައިސްގެންނެވެ. ބައެއް ފަހަރު އޭސީ ނިއްވާލާ ފަންކާ ޖަހާލައެވެ. އަނެއްބައިފަހަރު ތެދުވެގެން ގޮސް ކުޑަދޮރު ކައިރީ ހުއްޓިލައިގެން ހުރެ ބޭރު ބަލާލައެވެ. ގޭގެ ގޯތިތެރޭގައި ހެދިފައިވާ ބިޔަ ނިކަގަސް އެ ކުޑަދޮރުން ނިކަން ރީއްޗަށް ފެނެއެވެ.
ލިޔާންއަކީ އެންމެ ތުއްތު އިރުއްސުރެވެސް ނިދުމަށް އުނދަގޫތަކެއް ވާ ކުއްޖެކެވެ. އެކަމާ ތަފާތު އެތަށް ޑޮކްޓަރުންނަށް ދެއްކުނެވެ. އެތަކެއް ބޭހެއް ބޭނުން ކުރެވުނެވެ. ލިޔާން މިހާރު ނިދާބޭސް ބޭނުން ކުރަން ބޭނުން ނުވާތީ އިނާޝާވެސް އެކަމަކަށް އެހާ ބޮޑަށް ބާރެއް ނާޅައެވެ.
ގަޑިން ތިނެއް ޖެހުމާއި ގާތްވަނީއެވެ. ލިޔާން އަނެއްކާވެސް އޮށޯތީ ނިދޭތޯ މަސައްކަތްކުރާށެވެ. މިފަހަރު ލިޔާން އޮށޯތީ ކުޑަދޮރު ފެންނަ ގޮތަށެވެ. ކުޑަ ދޮރުން ޖެހެމުން އަންނަ ވައިރޯޅިތަކުން ނިދުމަށް އެހީތެރިވެދާނެ ކަމަށް ބަލާފައެވެ. މާ ގިނައިރުތަކެއް ނުވެ ލިޔާންގެ ލޮލުގައި އަޅައިގަތީ ދުރުނޫން ހިސާބަކުން ދިއްލާލި ދެ ހޮޅިބުރިއެވެ. އެ ހޮޅިބުރިއަށް ބަލަން އޮއްވާ ލިޔާން ލޮލަށް ނިދީގެ އަސަރު ކުރަން ފެށިއެވެ. ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ.
ލިޔާންއަށް ލޯ ހުޅުވާލެވުނީ އެއްޗެއް ގައިގާ ދަތްއަޅާތިއެވެ. ކަމަކު ދާކަށް ނެތެވެ. ލިޔާންއަށް އޮވެވުނީ ގެއަކު ނޫނެވެ. މީގެ ހިނދުކޮޅެއް ކުރިން ނިދަން އޮތް އަރާމު ތަންމައްޗަކުއެއް ނޫނެވެ. މިހާރު ލިޔާންއަށް އޮވެވުނީ ސަހަރާއެއްގައެވެ. މީހެއްގެ މަހާނަ މަތީގައެވެ. ލިޔާން ބަލާލިއިރު ވަށައިގެން ލިޔާން ގައިގާ ދަތްއަޅަން މަސައްކަތް ކުރަމުން ދިޔައީ މީދާތަކެވެ. ބިރުން ތުރުތުރު އަޅާހާލުގައި ލިޔާން ފުންމައިގެން ތެދުވިއެވެ. މުޅިތަނަށް ފައިބާފައިވާ ދުންފިނީގެ ސަބަބުން މާ ރަނގަޅަކަށް ތަންތަން ފެންނަވަރެއް ނުވެއެވެ. ނަމަވެސް ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ އެކިވަރުގެ މަހާނަގާތަކެވެ. ފެހި ޖަހާފައިވާ މަހާނަ ގާތަކާއި ގިނަދުވަސް ވުމުގެ ސަބަބުން ހަލާކުވެފައިވާ މަހާނަ ގާތަކެވެ. ކުނި ނުކަހާވުމުގެ ސަބަބުން މުޅި ތަނަށް ވަނީ އެކި ކަހަލަ ފަތްތަށް ޖަމާވެފައެވެ. ވިއްސާރަވެހިފައިވުމުން ފަތްތަކުން އެކި ޒާތްޒާތުގެ ވަސްތަށް ދުވަމުން ދިޔައެވެ. ކާޅުތަކުގެ ގޮވުންތަށް ދިޔައީ ފަހަރަކަށް ވުރެ ފަހަރަކު ބާރުވަމުންނެވެ. ބަލާބެލުމަށް އެއީ ގިނަ ދުވަސްވެފައިވާ ސަހަރާއެކެވެ. ހެދިފައިވަނީ ބިޔަ ބޮޑެތި ގަސްތަކެވެ. އެ ގަސްތަކުގެ ގޮފިތަށް ލެނބިގެން ގޮސްފައި ވީއިރި މީހުން ނާމާން ކަމަށް ބުނާ ގަސްތަށްވެސް މަދެއް ނޫނެވެ. ލިޔާންގެ ކަންފަތަށް އިވުނީ މަޑު ރުއިމެއްގެ އަޑެވެ. އަންހެނެއްގެ ގިސްލުމުގެ އަޑެވެ. ލިޔާން ބިރުން ހުރެ ވަށައިގެން ބަލާލިއެވެ. ލިޔާންއަށް ހުރެވުނީ ސަހަރާގެ މެދުގައި ކަމަށް ގަބޫލު ކުރެވުނެވެ. ދާންވީ ދިމާއެއް ނޭނގޭ ހާލު ލިޔާންއަށް ކަންފަތް ދީގެން ހުރެވެނީ އެ އަޑު އަންނަ ދިމާއަށެވެ. ހީވަނީ ފަހަރަކަށް ވުރެ ފަހަރަކު އެ އަޑު ލިޔާންއާއި ގާތްވަމުން އަންނަހެންނެވެ.
"ކާކު" ލިޔާން ބިރުން ތުރުތުރު އަޅަމުންދިޔައެވެ. އެ ސުވާލަށް ޖަވާބެއް ނުއެއް ލިބެއެވެ. އެ އަންހެން ކުއްޖާގެ ރުއިމުގެ އަޑު ގާތްވަމުން ގަދަވަމުން އައެވެ. ލިޔާން ކަންފަތްމަތީ އަތްއަޅާ ބާރުކޮއްލިއެވެ. އެއަޑު އިވުނަ ނުދިނުމަށެވެ. ލިޔާންގެ ފަހަތުގައި މީހަކު ހުރި ކަމުގެ އިހްސާސެއް ކުރެވުނީ ދެނެވެ. މަޑުމަޑުން ހުރެ ލިޔާން ފަހަތަށް އެނބުރުމާއި އެކު ހަޅޭއްލަވައިގަތެވެ.
"ދަރިފުޅާ ލިޔާން. ކިހިނެއްވީތަ؟ ކީއްވެތަ ތި ހަޅޭއްލަވަނީ؟" އިނާޝާ ލިޔާންގެ ގައިގާ ހިފާ ތަޅުވަމުންވާހަކަ ދެއްކިއެވެ.
"މަންމާ. މަންމާ. އަހަރެން ހުރީ " ނިދިން ހޭލެވުނު ލިޔާން އޮތީ ދާހިތްލާ ފޯވެފައެވެ.
"ދަރިފުޅަށް ބިރުވެރި ހުވަފެނެއް ފެނުނީތަ؟ " ލޯބިން ލިޔާންގެ ބޮލުގައި ފިރުމާލަމުން އިނާޝާ އަހާލިއެވެ.
"އާނ މަންމާ. އަހަންނަށް ފެނުނީ ވަރަށް ބިރުވެރި ސިފައެއްގައި ހުރި އަންހެނެއް. އޭނަގެ މޫނުމަތީގައި އޮތީ އޭނަގެ އިސްތަށިގަނޑު. އެ އިސްތަށިތަކުގެ ދޭތެރެއިން އޭނަގެ ލޯފެންނަ އިރު ހުރީ ގަދަ ރީނދޫކުލައިގައި. ލޯ ކައިރި ހުރީ އެއްކޮށް ކަޅު ކުލައިގަ. އޭނަ އަހަންނާއި ދިމާއަށް އަތްދިއްކުރީ. ކަޅުކުލައިގެ އެ ހެދުމުގައި އެ އަންހެން މީހާ ހުރިއިރު އެ ހެދުމުގެ އެކި ތަންތަނުގައި ހުރީ ލޯވަޅުވެސް އެޅިފައި. ޗަކަވެ ހަޑިވެފައި ހުރީ. އަނދާފައި ހުރި މީހެއްހެން ހީވަނީ. އަހަންނަކަށް ނޭނގޭ އޭނަ އަހަރެންގެ ގައިގަ ހިފަން އަތް ދިއްކުރީ. "މަންމަގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ލިޔާން ވާހަކަދެއްކީ ބިރުން ހުރެއެވެ.
"ދައްކަ ތަންކޮޅެއް، ބައްޕަ އޮންނާނަން ދަރިފުޅު ކައިރީ. ތިއުޅެނީ ބައްޕައާއި ދުރުގައި އޮންނަން ޖެހޭތީ" ބައްޕަ ރައުފް ބުންޏެވެ.
އެރޭގެ ބާކީބައިގައި ލިޔާން އަށް ނިދުނީ ރައުފް އެ ކޮޓަރީގައި އޮތުމުގެ ސަބަބުންނެވެ. ނަމަވެސް ނިދޭ ކޮންމެ ފަހަރަކުވެސް ސިއްސައިގެން ގޮސް ހޭލެވެނީއެވެ.
އައު ދުވަހަކަށް ދުނިޔެ މަރުހަބާ ކިޔަމުން ދިޔައެވެ. އިނާޝާ އަވަދިނެތި އުޅުނީ ގޯތިތެރެ ކުނިކެހުމުގައެވެ. ގޯތިތެރޭގައި ހެދިފައި ހުރި ގަސްތަކުން ފައިބާފައިވާ ފަތްތަކުން ވަނީ ބިންމަތި ފުރާލެވިފައެވެ. ތަފާތު ވައްތަރުގެ މާތަށް ގަސްތަކުގައި ފޮޅިފައިވުމުން މާ ދުރުންވެސް މަލުގެ ވަސްތަށް ދުވަން ފަށައެވެ. ހޭބޯނާރާ އުޅުނު އިނާޝާ ސިއްސައިގެން ދިޔައީ މީހަކު ގާތުގައި ހުރި ކަމުގެ އިހްސާސް ކުރެވުމުންނެވެ. ހާސްވެފައި ފަހަތްބަލާލެވުނު އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހީވިގޮތެއްތާއެވެ. ނަމަވެސް ދެރައީ އެފަދަ ކުށްހީތަށް ހީވަނީ ހަމައެކަނި އިނާޝާއަށް ކަމުގައި ނުވުމެވެ.
އިރު އޮއްސެމުން އައި ވަގުތު ލިޔާންއަށްވެސް އެފަދަ ޝައްކެއްވިއެވެ. ލިޔާން ހުރީ ގޭގެ ގޯތިތެރޭގައެވެ. މީހަކު ލިޔާންއަށް ގޮވާލިހެން ހީވިއެވެ. ނަމަވެސް އެވަގުތު އެތާނގައި އެއްވެސް މީހަކު ނެތެވެ. އޭގެ ފަހުންވެސް ހިޔަންޏެއް ފެނުނުހެންވެސް ހީވިއެވެ. ނަމަވެސް އެއީ އެންމެންވެސް ބުނާކަހަލަ ކުށްހީއެކެވެ.
އެރޭވެސް ލިޔާން އޮތީ ނިދޭތޯއެވެ. ލޮލަށް ނިދިނައިސްގެން އުޅެނިކޮށް އެއްކަލަ ދެ ހޮޅިބުރި ދިއްލުނެވެ. ކުރީ ފަހަރަށްވުރެ އަލި ގަދައެވެ. ހީވަނީ މީހަކު ހޮޅިބުރި ބަދަލުކުރީ ހެންނެވެ. އެރޭވެސް ލިޔާންއަށް ނިދުނީ އެ ހޮޅިބުރިއަށް ބަލަން އޮއްވައެވެ. އަރާމުކަމުގައެވެ. ނަމަވެސް ދެންވެސް ކަންތައް ދިމާވީ ކުރިން ރެއެކޭވެސް އެއްގޮތަށެވެ.
ލިޔާންއަށް ލޯ ހުޅުވާލެވުނީ ގައިގާ ފިނިފައިރޯޅިތަށް ބީހެމުން ގެންދާތީއެވެ. ފިނިބޮޑުވެގެންނެވެ. ހޭލެވުނު ވަގުތު ލިޔާން ބިރުން ހަލާކުވިއެވެ. ލިޔާންއަށް އޮވެވުނީ ކުރީރޭ ހުވަފެނުން ފެނުނު ބިރުވެރި ސިފައިގާ ހުރި އަންހެން މީހާގެ އުނގަށް ބޯ އަޅައިގެންނެވެ. އެ އަންހެން މީހާ ބަލަން އިނީ ސީދާ ލިޔާންގެ ލޮލަށެވެ. އެ އަންހެން މީހާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެކަމަކު އެއީ ރަތްކުލައިގެ ކަރުނައެވެ. ލެއެވެ. ލިޔާން ތެދުވަން ކިތަންމެ ބޭނުންވިނަމަވެސް އެކަމަށް އޭނާ ނުކުޅެދެމުންދިޔައެވެ. ގޮތްނޭނގޭ ބާރެއް އޭނާ އެ އަންހެން މީހާގެ އުނގުން ތެދުވިއަކަ ނުދެއެވެ. ލިޔާން ވަށައިގެން ބަލާލިއެވެ. މިފަހަރު ލިޔާންއަށް ހުރެވުނީ ސަހަރާގައެއް ނޫނެވެ. މިފަހަރު އެއީ ގޭގައި ހުރި ނިކަގަސްކައިރިއެވެ. އެގަސް ވަށައިގެން ފެންނަން ތިބީ ހުސް ހިޔަނިތަކެވެ. ލިޔާން ހަޅޭއްލަވަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ހަޅޭކެއް ނުއެއް ލެވެއެވެ. އަޑެއް ނުއެއް ނިކުމެއެވެ. ފަހަރަކަށްވުރެ ފަހަރަކު ހިޔަނިތަށް ގާތްވަމުން އާދެއެވެ. ގިނައީ ބޮޑެތި ބިޔަ ހިޔަނިތަކެވެ. އެ އަންހެން މީހާ ލިޔާންއާއި ދިމާއަށް ގުދުވިއެވެ. ކަންފަތާ ގާތްވެލުމައްފަހު އެއްޗެކޭ ބުންޏެވެ.
"ތިއީ އަހަންނަށް ވެވުނު ވައުދެއް. މިއައީ ބަލާ"
އެއާއިއެކު ލިޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މަހެއް މަރަށް ތެޅޭހެން ތެޅިގަނެވުނެވެ.
ހުވެފެނީ ދުނިޔެއިން ހޭލެވުނީ ދެނެވެ. ހޭލެވުނު އިރު މީހާ އޮތީ ދާހިތްލާ ފޯވެފައެވެ. ހިތްތެޅެނީ އިންތިހާއަށެވެ. އެހާވެސް ބާރަށެވެ. ލިޔާންއަށް ވަށައިގެން ބަލާލެވުނެވެ. ކޮޓަރިތެރޭ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނިދާބޮކީގެ ފަނޑު ރަތްއަލީގެ ތެރެއިންވެސް ކޮޓަރިތެރޭގައި މީހަކު ނުވަތަ އެއްޗެއް ވާނަމަ ފެންނާނެ ނޫން ހެއްޔެވެ؟ ދެން ބަލާލެވުނީ އެއްކަލަ ހޮޅިބުރިއަށެވެ. ކޮންމެވެސް މީހަކު ހޮޅިބުރި ނިއްވާލައިފިއެވެ.
"މަގު މަތީ ހުންނަ ހޮޅިބުރި ނިއްވާލަން ޖެހޭތަ އިރު ނާރަނީސް" ބިރުން އިން ލިޔާންގެ ހިތަށް އެރިއެވެ.
ދުވަސްތަށް މިފަދަ ގޮތެއްގައި ފާއިތުވަމުން ދެއެވެ. ލިޔާންއަށް ކޮންމެ ރެއަކު މިހާރު ވަރަށް ފަސޭހަކަމާއި އެކު ނިދެއެވެ. ނުނިދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ނިދެނީއެވެ. އެ ހޮޅިބުރި ދިއްލުމާއި އެކު ލިޔާންއަށް ބެލެނީ އެ ހޮޅިބުރިއަށެވެ. އެއާއި އެކު ނިދެނީއެވެ. ދެން ފެންނަނީ މުޅިންވެސް ބިރުވެރި ހުވަފެންތަކެވެ. ކޮންމެ ހުވަފެނެއްގައިވެސް އެ އަންހެން މީހާގެ އިތުރުން ހިޔަނިތަށް ފެނެއެވެ. ލިޔާންގެ އުޅުމަށްވެސް ތަފާތު ބަދަލުތަކެއް އަންނަމުން ދިޔައެވެ. ބަންގި ގަޑިތަކަށް ބޮލުގައި ރިއްސާ ކޮޓަރިންވެސް ނުނިކުމެވެއެވެ. އާއިލާއާއި އެކު ހޭދަ ކުރާ މަދު ވަގުތެއްގައި ވެސް ލިޔާންއަށް ހުރެވެނީ ބިރުންނެވެ. ސިހިސިހިއެވެ. ގޭތެރެއިން ފެންނަ ހިޔަނިތަކާއި އެކި ވަގުތު ތަކުގައި އިވޭ އަޑުތަށް އެހެން މީހުންނަށް ނީވެނީބާއެ ލިޔާންގެ ހިތަށް އަރަމުން ދިޔައެވެ.
"ދަރިފުޅާ. ދަރިފުޅު މިހާރު ހާދަ ބަދަލޭ. އަނެއްކާ ކަމެއްވަނީތަ؟ މިހާރު މަންމައާއިވެސް އެހާވަރަކަށް ވާހަކައެއް ނުދައްކާ. ކޮއްކޮ ގޮވައިގެން ކުޅެ ހަދަންވެސް ނޫޅޭ. ދަރިފުޅަށް އެނގެއެއްނު ދަރިފުޅަށް ކޮންމެ ވާހަކައެއްވެސް މަންމަމެން ގާތުގައި ދެއްކޭނެކަން" ކަންތައްބޮޑުވެފައި ހުރި އިނާޝާ ލިޔާންގެ ކޮޓަރިއަށްވަދެ ލިޔާންގެ މަގަތުގައި އިށީނދެ އިނދެ ވާހަކަދެއްކީ އޯގާތެރިކަމާއި އެކުގައެވެ.
"މަންމާ މަޑުން ވާހަކަ ދައްކާ، ތިއަށްވުރެވެސް މަޑުން" އަމިއްލަ ތުންފަތުގައި އިނގިލި ޖައްސާލަމުން ލިޔާން ވައިއަޑުން ބުންޏެވެ.
"އެ ހިޔަނިތަކަށް އަޑުއިވޭނެ. އެ އަންހެން މީހާއަށް އަޑުއިވޭނެ. އޭރުން ކަމަކު ނުދާނެ." ލިޔާން އަނެއްކާވެސް ވައިއަޑުން ބުންޏެވެ.
" ކޮން އަންހެނެއް؟ ކޮން ހިޔަންޏެއް؟ " އިނާޝާ ބިރުގަތް ނަމަވެސް އެކަން ނުދައްކަން މަސައްކަތް ކުރިއެވެ.
" މަންމައަށް އެނގޭނެ އެ އަންހެން މީހާ. އޭނައަށް މަންމަ އެނގޭ. މަންމަ ދިޔައިމެއްނު މީގެ އެތަށް އަހަރެއް ކުރިން ނިކަގަސް ދޮށުގައި ސިހުރު ހަދާ އަންހެނެއްގެ ގާތަށް؟ ހަނދާންވޭތަ؟ ނިކަގަސް ދޮށުގައި މަންމަމެން ވައުދެއް ވީމެއްނު؟ " އިނާޝާގެ ލޮލަށް ބަލަން އިނދެގެން ލިޔާން ބުންޏެވެ.
އިނާޝާއަށް ސިއްސައިގެންގޮސް ފަހަތަށް ޖެހެވުނެވެ.
ނުނިމޭ
10 Responses
nice <3
މާދަމާތަ އަނެއްބައި؟ އެއި ކޮން އަންހެނެށް؟
Kobaa next part. Next part ge inthizaaruga mihiry. Nathage mi biruveri vaahaka varah salhi ingey
ނަތާ ދިގު ވާހަކައެއް ޕްލީޒް. ވާހަކަ ރީތި އިނގޭ. ނެކްސް އެޕި އަށް އިންތިޒާރު ކުރަން
. Varah salhi mi story keep up the good work ❤Good job natha
Nathaa ge thafaathu vaahaka eh… Dhevana bayah inthizaaruga.. varah reethi vaahaka
liyan ge aslu mama dho huvafenuga fenany? aneh bayah wait kuran
Varah ves furihama. Vahakaigen dhen oiy bayah varah inthizaaru kuran. Keep it up ❤
koba anehbai? ehkoh genai nama? reethi
madhamage baiyah inthizaru kuran. lov dis