39 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 39 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 39 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފި." ދާދި ދެންމެ އިލެކްޝަންސް ކޮމިޝަނުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މި އިންތިޚާބުގައި 39 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމެވިއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށީ ބަހައްޓާފައިވަނީ 43 ރިސޯޓެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް "ފެށުމަށް" ވިދާޅުވީ، ވޯޓު ފޮށި ބަހައްޓަން ކަނޑައަޅާފައިވާ ރިސޯޓްތަކުގެ ތެރޭގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބަހައްޓާފައި ނުވާ8 ރިސޯޓު ހިމެނޭ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓި 4 ރިސޯޓެއްގައި މަޖިލިސް އިންތިޚާބުގައި ވޯޓުފޮށި ނުބަހައްޓާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

"މިފަހަރު މަޖިލިސް އިންތީޚާބުގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވަނީ ވޯޓު ފޮށި ބަހައްޓަން ހުޅުވާލި ފުރުޞަތުގައި ޝައުގުވެރިކަން ފާޅުކުރި ރިސޯޓްތަކުގައި. ނަމަވެސް ވޯޓުފޮށި ބެހެއްޓޭނެ ރިސޯޓުތައް ފައިނަލް ވެގެންދާނީ ރީ-ރަޖިސްޓަރޭޝަނަށް ފަހު." އީސީގެ މެންބަރު އަކްރަމް ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ވޯޓު ލާނެ 100 މީހުން ރަޖިސްޓަރީ ކުރި ރިސޯޓުތަކުގައި ނަމަވެސް މިފަހަރުގެ މަޖިލިސް އިންތިޚާބުގައި މަދުވެގެން 50 މީހުން ވޯޓުލާން ރަޖިސްޓަރީ ކުރާ ރިސޯޓުތަކުގައިވެސް ވޯޓުފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ. މަޖިލިސް އިންތިޚާބުގައި 39 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަނުން މިއަދު ނިންމެވިއިރު، އެކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ޓުރިޒަމް މިނިސްޓްރީއާއި، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާވެސް މަޝަވަރާ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް