މަސްވެރިކަމުގައި ބޭނުންކުރާ 3 އުނޅަދެއް ތިމާވެއްޓާ ރައްޓެހި ގޭހަށް ބަދަލުކުރަނީ

މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ތިން އުޅަނދެއް ތިމާވެށްޓާ ރައްޓެހި ގޭހަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް އެންވާރަންމަންޓާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެންވާރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ސޮއި ކުރެއްވިއިރު، މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއެވެ.

މަލްޓިލެޓަރަލް ފަންޑް ފޮ ދަ އިންޕްލިމެންޓޭޝަން އޮފް ދަ މޮންޓްރެއާލް ޕްރޮޓޮކޯލްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފިޝަރީޒް ޑެމޮންސްޓްރޭޝަން މި ޕްރޮޖެކްޓަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގައި މިގޮތަށް ހިންގާ ފުރަތަމަ ޕްރޮޖެކްޓްކަމަށާއި، މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖެއާއި ރާއްޖެ ފަދަ މަސްވެރިކަމުގެ ސިނާއަތަށް ބަރޯސާވާ ކުދި އެހެން ޖަޒީރާ ގައުމުތަކަށްވެސް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އޯޒޯން ފަށަލައަށް ގެއްލުންދޭ ވިހަ މާއްދާތައް ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 2020 ވަނަ އަހަރުގެ ނިޔަލަށް ހައިޑްރޯކްލޮރޯފްލޮރޯ ކާބަން (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން ދަނީ މަސައްކަތްކުރަމުންނެވެ. މިފްކޯގެ ތިން އުޅަނދެއްގައި ބޭނުންކުރާ އެޗްސީއެފްސީ ގޭހުގެ ބަދަލުގައި ބޭނުންކުރާނެ ރެފްރިޖަރެންޓްތަކާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާގެ އަލީގައި ތިމާވެށްޓާ ރަށްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުންނުދޭ މާއްދާއަކަށް، މިފްކޯގެ ތިން އުޅަނދެއް ރެޓްރޮފިޓްކުރުމަށް ވަނީ މިހާރު ނިންމާފައެވެ.މިނިސްޓްރީ އިން ލަފާކުރާ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ މި މަސައްކަތަށް ހަރަދުވާނެއެވެ.

މިނިސްޓަރު ވިދާޅުވީ "މިއަދު މި ފަށާ މި މަސައްކަތަށްފަހު މި ކަން ރަމްޒީ ކަމަށް ވެދާނެ. އަޅުގަނޑުމެންނަކީ ކުޑަ ގައުމަކަށް ވިޔަސް މިއީ މިކަން ހުއްޓުވުމަށްޓަކައި މިއީ އެޅޭ ފުރަތަމަ ފިޔަވަޅު. އަދި މިއީ ރާއްޖޭގެ ނިސްބަތުގައި މިއީ ވަރަށް ބޮޑު މަސައްކަތެއް. އެހެންކަމުން، ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި މަސް ފިނި ކުރުމުގެ މަސައްކަތުގައި ޝާމިލްވާ ކުންފުނިތަކުންނާއި ޓުއަރިޒަމް ސެކްޓާގައިވެސް މަސްފިނި ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކުން ތިމާވެއްޓާ ރައްޓެހި އޯޒޯން ފަށަލައަށް ގެއްލުން ނުލިބޭ ބާވަތްތަކުގެ ގޭސް މިކަމަށް ބޭނުން ކުރުމަކީ އަޅުގަނޑުމެންގެ އިލްތިމާސް އެއް،" ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ