އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރަކު އަވަށްޓެރި ސްރީލަންކާއަށް ފުރާވަޑައިގެންފައިވާ ކަމަށް އެ ކޮމިޝަނުން ދާދި ދެންމެ ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ލަންކާއަށް ފުރާވަޑައިގެންފައިވަނީ އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް އަދި އިސްމާޢީލް ހަބީބް ޢަބްދުއްރަޚްމާން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ބާއްވާ އެވެއަރނަސް ޕްރޮގްރާމްގައި ކޮމިޝަންގެ މެންބަރ އަޙްމަދު އަކްރަމް އަދި މެންބަރ އިސްމާޢީލް ޙަބީބު ލަންކާއަށް ފުރާވަޑައިގަންފި" އިލެކްޝަންސް ކޮމިޝަނުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
އިންތިޚާބަކަށް ޢާއްމު ރައްޔިތުން ހޭލުންތެރި ކުރުމަށް ފަހުގެ ތާރީޚެއްގައި ކޮމިޝަނުގެ މެންބަރުން ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ މިއީ ފުރަތަމަ ފަހަރެވެ. ނިމިދިޔަ ކައުންސިލް އިންތިޚާބާއި، ރިޔާސީ އިންތިޚާބުގައިވެސް ރާއްޖެއިން ބޭރަށް މިގޮތަށް ދަތުރު ކުރައްވާފައެއް ނުވެއެވެ.
ނަމަވެސް، އިންތިޚާބުތަކަށް ރައްޔިތުން ހޭލުންތެރި ކުރުމަކީ އެ ކޮމިޝަނުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ މުހިންމު މަސައްކަތަކަށްވާއިރު، މި އިންތިޚާބަށް ހޭލުންތެރި ކުރުމަށްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި، މުވައްޒަފުން ދަތުރުކޮށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ.



