ނިކަގަސް – ދަށުގައި ވީ ވަޢުދު

(ހުކުރު ދުވަހުގެ އަދަދާއި ގުޅޭ)

”މަންމައަށް އެނގޭނެ އެ އަންހެން މީހާ. އޭނައަށް މަންމަ އެނގޭ. މަންމަ ދިޔައިމެއްނު މީގެ އެތަށް އަހަރެއް ކުރިން ނިކަގަސް ދޮށުގައި ސިހުރު ހަދާ އަންހެނެއްގެ ގާތަށް؟ ހަނދާންވޭތަ؟ ނިކަގަސް ދޮށުގައި މަންމަމެން ވައުދެއް ވީމެއްނު؟” އިނާޝާގެ ލޮލަށް ބަލަން އިނދެގެން ލިޔާން ބުންޏެވެ.

އިނާޝާއަށް ސިއްސައިގެންގޮސް ފަހަތަށް ޖެހެވުނެވެ.

"ކޮން ސިހުރު ހަދާމީހެއް. ދަރިފުޅު މާ ގިނައިން ކޮޓަރިތެރޭގައި އިންނާތީ ހިތަށް އަރާ އެއްޗެހި ތީ. މިއަދު ހިނގާ މަންމަމެންނާއި އެކު ގެއިން ބޭރަށް ނުކުމެލަން. ރަށުތެރޭގައި ހިނގާލަން. ބައްޕަވެސް ހުންނާނެ." އިނާޝާ އެހެން ބުނެފައި އަވަހަށް ދިޔައީ ފިރިމީހާ ރައުފްގާތަށެވެ.

"ރައުފް. ކިހިނެއް ލިޔާންއަށް ސަކީނާ އެނގެނީ. އަހަރެން މިހާރު ބިރުގަނޭ އެބަ. އަނެއްކާ އަނބުރާ މިރަށަށް އަހަރުމެން އައުން އެއީ އަހަރުމެންނަށް ކުރެވުނު މޮޔަކަމެއްތަ؟" އިނާޝާގެ ލޮލުން ކަރުނަތަށް ފައިބާގަތެވެ.

"އަހަންނެއް ނުބުނަން ލިޔާންގާތު އެކަހަލަ އެއްވެސް ވާހަކައެއް. އެހެން ނޫނަސް އެ ސަކީނާއަށް މިހާރު އެއްވެސް ކަމެއް ނުކުރެވޭނެ. އެއް އިރެއްގައި އޭނަ އަހަރުމެންނަށް ބިރު ދެއްކިޔަސް މިހާރު އޭނަ މި ދުނިޔެއަކު ނެތް. އެހެންވީއިރު އަހަރުމެން ނުޖެހޭނެ އޭނަ ދެކެ ބިރު ގަންނާކަށް." ރައުފް އިނާޝާ ގައިގާ ބައްދާލިއެވެ.

"ވެ ދާނެ އެއްނު މަރުވިޔަސް އޭނަގެ ރޫހު އުޅެނީކަމަށްވެސް. ވެދާނެއެއްނު އޭނަ އެއައީ ލިޔާންގެންދަން ކަމަށް." އިނާޝާއަށް ރުއިން ހުއްޓާނުލެވެއެވެ.

އެއީ މީގެ އެތަށް އަހަރުތަކެއް ކުރިއެވެ. އިނާޝާއާއި ރައުފްގެ ކައިވެންޏަށް ތިން އަހަރުވީއިރުވެސް ދަރިއެއްގެ އުފަލެއް ނުލިބެއެވެ. މީހަކު ބުނިއްޔާ ބުނިހާ ޑޮކްޓަރަކަށް ދެއްކިއެވެ. އެތަކެއް ބޭހެއް ކުރިއެވެ. އެހެން ނަމަވެސް ދަރިއެއްގެ އުފަލެއް ނުލިބެއެވެ. ނިކަގަސްދޮށު ސަކީނާއަކީ ފަންޑިތަ ސިހުރަށް އަރާހުރި މީހެކެވެ. އޭނާގެ ގާތަށް އެ ދެމަފިރިން ދިޔައީ އެނޫން ގޮތެއް ނެތްކަމަށް ނިންމާފައެވެ. އެދުވަހު ސަކީނާއާއި އެ ދެމަފިރިންނާއި ދެމެދު އެއްބަސްވުމެއް ވެވުނެވެ. އިނާޝާއަށް އޭނަގެ ފަރުވާއިން ފަހު އެއްމާބަނޑު ދެކުދިން ލިބިއްޖެ ނަމަ ހަނގު ދަރިފުޅު ސަކީނާއަށް ދޭށެވެ. ސަކީނާގެ ދަރިއަކު ނުހުންނާތީ ދަރިއެއްގެ ގޮތުގައި ބަލަންކަމަށް ބުންޏެވެ. މިގޮތަށް އެއްބަސްވެގެން ސަކީނާ ދޭ " ބޭސް" ތަށް ކަމުން އިނާޝާ ދިއައެވެ. ދޭ ކާއެއްޗަކަސް ބުއިމަކަސް ކާން ޖެހެނީ ނިކަގަހެއްގެ ބުޑުގައެވެ. އެކި ފަހަރު އެކި ނިކަގަހެވެ. އެއީ ސަކީނާ އެންގި ގޮތެވެ. އޭނާ ކުރާ ކޮންމެ ކަމެއް، ހަދާ ކޮންމެ ސިހުރެއް ހަދަނީ ނިކަގަހެއްގެ ދޮށުގައެވެ.

މާގިނަ ދުވަސްތަކެއް ނުވެ އިނާޝާ ބަލިވެ އިނެވެ. ނުވަމަސް ފުރާ އިނާޝާ ވިހެއީ ވަރަށް ލޯބި އެއްމާބަނޑު ދެކުދިންނެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެހެން ނަމަވެސް ވިހެއުމުގެ ތެރޭގައި ދޮށީދަރިފުޅު މިދުނިޔެ ދޫކުރީއެވެ. ހަނގު ދަރިފުޅު އެކަނި ކޮއްލަމުންނެވެ. ސަކީނާ ދަރިފުޅު ބަލާއައުމުން އެ ދެމަފިރިން ދަރިފުޅު ދިނުމަށް އިންކާރު ކުރިއެވެ. ވާނީވެސް އެހެންނެވެ. އުއްމީދު ކުރިގޮތާއި ހިލާފަށް ކަންތައްވުމުންނެވެ.

"ކަލޭމެން ބުނެގެން އަހަރެން ކަލޭމެންނަށް ދަރިއެއް ދިނިން، އެ ކުއްޖާ މަރުވުން އެއީ އަހަރެން ކުރާނެ ކަމެއް ނޫން. އަހަރެން ބުނިން ހަނގު ދަރިފުޅު އަހަންނަށޭ. އެއީ އަހަރެންގެ ހައްގެއް. އަހަރެން އެ ކުއްޖާ ހޯދާނަން. ބަލަން ތިބޭތި." އެގެއިން ނުކުމެގެން ދަމުން ސަކީނާ ވިހަ ހިނިތުންވުމަކާއި އެކު އެހެންވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާއެއް ހިނގައި ސަކީނާ މަރުވެގެން ދިޔައީ އޭގެ ދެދުވަސް ފަހުންނެވެ. ރައުފްއާއި އިނާޝާ ކުޑަކުޑަ ލިޔާން ގޮވައިގެން މާލެ ބަދަލުވީއެވެ. އެހެނަސް މިހާރު އަނެއްކާވެސް އެ ތިބީ އަނބުރާ އެ ރަށުގައެވެ. ސަކީނާ އެތަށް އަހަރެއް އިންތިޒާރު ކުރަމުން އެ އަންނަނީ އޭނާއަށް ވައުދުވެވުނު ދަރިފުޅަށެވެ. އެ ދަރިފުޅުގެ ބޭނުމުގައެވެ. މަރުވުމައްފަހުވެސް މެއެވެ.

ހަވީރުގެ ވަގުތެވެ. އިނާޝާ އާއި ރައުފް ދެ ދަރިން ގޮވައިގެން ނުކުމެލީ ތާޒާވައި ޖައްސާލުމަށެވެ. ރަށުތެރޭގައި ހިނގާލުމުން ލިޔާންއަށްވެސް ހަމަޖެހުމެއް ލިބިދާނެ ކަމަށް ބަލާފައެވެ. ހިތްވަރުކޮއްލާ ކެތްތެރިކަން ދައްކާމުން ހިނިތުންވެލިޔަސް އިނާޝާވަނީ ހިތްބިރުގަންނަން ފަށާފައެވެ. ލިޔާންއަށް އެ ހުރިހާ ސިއްރެއް އެނގުމުންނެވެ. ސަކީނާއަށް އެމީހުން ވީ ވައުދުވެސް އެނގުމުންނެވެ.

"ބައްޕާ،  އަޅުގަނޑު ކޮޓަރި ކުޑަދޮރުން ކޮންމެ ރެއަކު ފެނޭ މިދިމާލުން ދިއްލާފައި ހުންނަ ދެ ހޮޅިބުރި. ދެތިން ރެއެއް ވެއްޖެ އެ ހޮޅިބުރި ނިވި ދިއްލޭތާ. އަނދަން އުޅެނީހެން ހީވަނީ. ހިނގާބަލަ އެ ހޮޅިބުރި ބަދަލުކޮއްލަން." ލިޔާން ބުންޏެވެ.

"ދަރިފުޅާ. ބައްޕައަށް އެނގިގެން މިރަށުގައެއް ނުހުރޭ މަގުމަތީގައި ހޮޅިބުރި ހަރުކޮއްފައެއް. އަނެއްކާ މި ސަރަހައްދުގައި ވެސް މިއުޅެނީ ބައްޕަމެން އެކަނި. ބައްޕަ ނުދެކެން ތިބުނާ ހޮޅިބުރިއެއް އެންމެ ރެއަކުވެސް." ރައުފް ބުނެލިއެވެ.

"އެހެން ނުވާނެ ބައްޕާ. ހިނގާބަލަ އަޅެ އެދިމާލަށް . އަޅުގަނޑު ދައްކާނަމޭ." ލިޔާންއަށް ކޮންމެ ރެއަކު ނިދެނީ އެ ހޮޅިބުރިއަށް ބަލަން އޮއްވައެވެ. އެހެން ކަމުން އެއީ ހީވާ ހީވުމެއް ކަމަށް ނިންމާ ދުލެއް ނުކުރެވޭނެ ނޫން ހެއްޔެވެ؟

ލިޔާން ބުނި ބުނުމަށް އެންމެން މުޅި އެ ސަރަހައްދު ހޯދާބެލިއެވެ. އެހެނަސް އެބުނާ ހޮޅިބުރިއެއް ނުފެނުނެވެ. ނަތީޖާއަކަށްވީ ލިޔާން އިތުރަށް ބިރުގަތުމެވެ. ޖެހިލުންވުމެވެ. ކޮންމެ ރެއަކު ލިޔާންއަށް އެ ފެންނަނީ ކޮން އެއްޗެއް ހެއްޔެވެ؟ އެ ހޮޅިބުރީގެ އަލި އެހެން މީހަކަށް ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ އެފަދަ ވިސްނުންތަކެއްގައި ހުއްޓާ މަގްރިބް ނަމާދު ގަޑި ޖެހިއްޖެއެވެ. ލިޔާންގެ ބޮލުގައި އާދަޔާ ހިލާފަށް ރިއްސަން ފެށިއެވެ. މިހާރު އެއީ އަބަދުގެވެސް ހާލެވެ. ބަންގި ގަޑި ގާތްވުމުން ބުނެދޭން ނޭނގޭ ގޮތްތަކެއް ވަނީއެވެ. ބޮލުގައި ރިއްސާ ކިތަންމެ ކުޑަ އަޑެއް އިވުނަސް ކަންފަތް ފަޅައިގެންދާހެން ހީވަނީއެވެ.

"ދަރިފުޅާ؟ ރައުފް" ހުރި ދިމާއަށް ލިޔާން ވެއްޓޭތަން ފެނުމުން އިނާޝާއަށް ހަޅޭއްލަވައިގަނެވުނެވެ. ލިޔާން ލޮލުގެ ކަޅިވަނީ މައްޗަށް އަރާފައެވެ. ގަޔަށް ބާރުގަނޑެއް އަރާ މީހާ ތެޅެނީއެވެ. އިނާޝާގެ ހިތަށް ކެތްވާވަރެއް ނޫނެވެ. ލޯބިވާ ދަރިފުޅު އެފަދަ ހާލެއްގައި އޮތުމަށް ހިތްނޭދެނީއެވެ. ދުވެފައި ކަހަލަ ގޮތަކަށް ރައުފްގެ އަތްދަނޑިމައްޗަށް ލިޔާން ގެންދިޔައީ ގެއަށެވެ. ބަންގިނިމި މާ ގިނައިރެއް ނުވަނީސް ލިޔާން ހޭ އަރައިފިއެވެ.

"މަންމާ. މަންމައަށް އެނގޭތަ އަހަންނަށް ކޮންމެ ރެއަކު އެ ފެންނަނީ ކޮން ހޮޅިބުރިއެއްކަން؟ އެއީ ހޮޅިބުރިއެއް  ނޫން. އެއީ އެ އަންހެން މީހާގެ ދެލޯ. ކޮންމެ ރެއަކު، ކޮންމެ ކޮންމެ ރެއަކު އޭނަ އެ އިންނަނީ އަހަންނަށް ބަލަން. އޭނީނު ނިކަގަހެއް. އެ ނިކަގަހަށް އަރާ. މަންމައަށް އެނގޭތަ އޭނަ އެއުޅެނީ އަހަރެން ގެންދަން ކަން؟ އެނގޭދޯ. އޭނަ ބުންޏޭ މިއައީ އަހަރެން ބަލައޭ." ލިޔާން ވާހަކަ ދެއްކީ ކޮޓަރިތެރޭގައި އޮވެގެން އޭނާގެ މަންމައާއެވެ. ގާތުގައި ރައުފްވެސް ހުއްޓެވެ.

"އެހެން އެއްވެސް މީހަކަށް ދަރިފުޅު ނުގެންދެވޭނެ. ބައްޕައާއި މަންމަ ތިއްބާ ދަރިފުޅަށް އެއްވެސް ކަމެއް ނުވާނެ" އޭރު ރައުފްގެ ލޮލަށްވެސް ވަނީ ކަރުނަތަށް ޖަމާވެފައެވެ.

"ކިހިނެއް އޭނަ ހުއްޓުވާނީ؟ ނިކަން ބަލާބަލަ ބޭރަށް . އެހެރަ ބައިވަރު ހިޔަނިތަށް ފެނޭތަ ނިކަގަސް ކައިރީގައި ތިބި؟ އެއީ ހައްތަހާވެސް އެ އަންހެން މީހާގެ އެހީތެރިން. އެ ގަހަށް އަރާ އޭނަ އޭނީ ހެވިފައި. މަންމަމެން ދައްކާ ވާހަކަ އަޑުއަހަން. ބަލާބަ އޭނަ ހޭ ވަރު." ބަރު އަޑެއް ނެރެމުން ލިޔާން ވާހަކަ ދެއްކިއެވެ.

އިނާޝާއާއި ރައުފް އެކުއެކީ ކަހަލަ ގޮތަކަށް ބޭރަށް ބަލާލިއެވެ. ހަމައެކަނި ފެންނަނީ ބިޔަ ނިކަ ގަހެވެ. އެ ގަހަށް އެލުވާފައިވާ އުނދޯއްޔެވެ. މައްސަލައަކީ އެއްވެސް މީހަކު ނެތި އުނދޯލި ހެއްލޭތީއެވެ. އެރޭ ދެ ދަރިން ގޮވައިން ދެމަފިރިން އޮތީ ކޮޓަރީގައެވެ. ވަމުންދާ ކަންތައްތަކުގެ ސަބަބުން ހިތް ބިރުގަނެފައެވެ. އެ ބިރުވެރިކަން އިތުރު ކުރަމުން ދިޔައީ ގޭތެރެއިން އިވޭ އަޑުތަކުންނެވެ. އަންހެނެއްގެ ހުނުމުގެ އަޑެވެ. އަނެއްބައި ފަހަރު ދޮރުތަށް "ބަން "ލާފައި ޖެހޭ އަޑުންނެވެ. ކުޑަދޮރާ ދިމާ ބޭރުގައި ބަޔަކު އުޅޭ ކަމުގެ އިހްސާސް ކުރެވޭތީއެވެ. ރޫހާނީ ކަމެއް އުޅޭކަން ދެމަފިރިންނަށް ޔަގީންވީ އެ ހިސާބުން ފެށިގެންނެވެ. ނަތީޖާއަކަށްވީ ދެމަފިރިންނަށް ނިދަންވެސް ނުކެރުމެވެ.

ލިޔާންގެ ނިދާކޮޓަރި ބަދަލުވުމުން ރުޅިއައިސްފައިވާ ސަކީނާގެ ރޫހު އިނީ ނިކަގަހަށް އަރައެވެ. ހާވާލާފައިވާ އިސްތަށިގަނޑު ވަނީ ދެކަންފަތް ކައިރިއަށް ޖައްސާލާފައެވެ. އޭނާގެ ބިރުވެރި ދެލޯ ދިއްލާލައިގެންނެވެ. ދެލޯ މަރާލާ ކޮންމެ ފަހަރަކު ބުނެލައެވެ.

"އެއީ އަހަންނަށް ވެވުނު ވައުދެއް. އެ ވައުދު ފުއްދަން ޖެހޭނެ. އެއީ އަހަރެންގެ ދަރިއެއް." ފަހަރަކަށް ވުރެ ފަހަރަކު އެ އަޑު ދިޔައީ ބާރުވަމުންނެވެ. ކޮޓަރީގައި ތިބި އެންމެންނަށް އިވޭވަރު ކުރަން މަސައްކަތް ކުރާފަދައިންނެވެ.

އައު ދުވަހަކަށް ދުނިޔެ މަރުހަބާ ކިޔަމުން ދިޔައިރު އިނާޝާއާއި އޭނާގެ އާއިލާ ތިބީ ބިރުން ހަލާކުވެފައެވެ. އެ ބިރުވެރިކަން އިތުރުވީ ލިޔާން ބުނި އެއްޗަކުންނެވެ.

ލިޔާން ނުފެނިގެން ހޯދަނިކޮށް ފެނުނީ ނިކަގަސްކައިރިންނެވެ. ވެގެންދާ ހުރިހާ ކަމެއް އެނގޭ އިރުވެސް ލިޔާންއަށް އެގަސް ކައިރިޔަށް ދާން ކެރުމުން އިނާޝާ ހުރީ ހިތްހަމަ ނުޖެހޭ ގޮތްވެފައެވެ. މަޑުމަޑުން ދަރިފުޅު ސަކީނާގެ ބާރުގެ ދަށަށް ދާކަން އެނގޭތީއެވެ.

"އޭނަ ބުނި މިރޭ އަންނާނަމޯ. އަޅުގަނޑު ބަލާ. އެއްވެސް މީހަކަށް ނުހުއްޓުވޭނެޔޯ. މަންމައަށް އެނގޭތަ މިރޭމީ ކޮން ރެއެއްކަން؟ މީގެ އެތަށް އަހަރެއް ކުރިން މަންމަ އަހަރެން އެނާއަށް ވައުދުވީ ދުވަސްމިއީ." ލިޔާން ވާހަކަ ދެއްކީ އެއްވެސް ހަރަކާތެއް ނެތި އިނދެގެންނެވެ. އިށީނދެގެން އިނީ ނިކަގަހުގައި އެލުވާފައި އިން އުނދޯލީގައެވެ.

"މަންމައަށް ކުރެވުނީ ގޯސްކަމެއްކަން މަންމަ ގަބޫލުކުރަމޭ. އެކަމަކު މަންމައަށް އެދުވަހު އެ ނޫން ގޮތެއް ނެތީ. މަންމަ ހީކުރީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް. މަންމަ އުޅުނީ އޭނައަށް އޮޅުވާލާކަށް ނޫނޭ. އެކަމަކު މަންމައަށް ދެކުދިން ލިބުނަސް ދަރިފުޅުގެ ދައްތަ މިދުނިޔެއަށް އައިރުވެސް ފުރާނައެއް ނެތް. ދެން މަންމަ ކިހިނެއް ދަރިފުޅު ދޭނީ؟" އިނާޝާގެ ކޯތާފަތްމަތީގައި ކަރުނަތަށް ރަސްކަން ކުރަން ފެށިއެވެ.

"އެހެންވީމަ ދައްތަ ދިރިހުރިނަމަ މަންމަ އަހަރެން އެއްލާލާނެ ދޯ؟" ލިޔާންއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ގަޔަށް ބާރުތަކެއް އަރާފައި ހޭނެތުނީއެވެ.

ރައުފް ލިޔާން ގެންދިޔައީ ހޮސްޕިޓަލަށެވެ. ހޭނުޖެހި ގިނައިރުވާތީއެވެ. ކުޑަދަރިފުޅު ގޮވައިގެން އިނާޝާ މަޑުކުރީ ހޮސްޕިޓަލުގައެވެ. ރައުފް ދިޔައީ އެ ރަށުގައި ހުންނަ ވަރަށް މޮޅު ފަންޑިތަ ހަދާ މީހަކު ހޯދާށެވެ. މޫސާފުޅަކީ އެރަށުގައި އެފަދަ ކިތަންމެ ކަމެއް ރަނގަޅު ކޮއްފައިވާ މީހެއް ކަމަށް މީހުން ބުނެއުޅެއެވެ.

މާ ބޮޑު ދަތި އުނދަގުލަކާއި ކުރިމަތިލުމެއްނެތި މޫސާފުޅު އެކަމަށް އެއްބަސް ވެއްޖެއެވެ. އިރުއޮއްސެންވާއިރަށް ހޯދަންޖެހޭ ބައެއް ތަކެއްޗާއި ކިޔަވާނެ ކުދިންކޮޅެއް ހޯދުމަށް އެދުނެވެ. އިނާޝާ އަދި ކުޑަދަރިފުޅު މަލަކާ އެހެން ގެއަކަށް ރައްކާތެރިކަމައްޓަކައި ފޮނުވާލަން އެދުނެވެ.

އިރުއޮއްސެން ވީއިރު މޫސާފުޅު ބުނިގޮތަށް ރައުފް ހުރިހާ ކަމެއް ކުރިއެވެ. ތަންކޮޅެއް ދުރުގައި ހުންނަ އާއިލާ މީހެއްގެ ގެއަށް އިނާޝާއާއި ދަރިފުޅު ފޮނުވާލިއެވެ. ކިޔަވާނެ ހައެއްކަ ކުދިންހޯދާ މޫސާފުޅު ބުނިއްޔާ ބުނިހާ އެއްޗެއް ހޯދާ ތައްޔާރު ކޮއްލިއެވެ. އިޝާނަމާދުން ފައިބައިގެން މޫސާފުޅު އައިސް ކިޔެވެއްޔެއް ކިޔަވާލިއެވެ.

އިޝާނަމާދު ވަގުތުގައި ހޭނެތިފައި، ހޭނާރާ އޮތް ލިޔާން ގޭގެ ފެންޑާގައި ބޭއްވުނެވެ. ލިޔާންވަށައިގެން މޫސާފުޅުބޭ ބުނި ގޮތަށް ކިޔަވަން އައިސްތިބި ކުދިން އެތުރިލިއެވެ. ރައުފްވެސް އެކުދިންގެ ތެރޭގައި އިށީނެވެ. މޫސާފުޅުގެ އިޝާރާތަށް ކިޔަވަން ތިބި ހުރިހާ ކުދިން ކިޔަވަންފެށިއެވެ. ފެށުމުގެ ކުރިން މޫސާފުޅު ހުރިހާ ކުދިންނަށް ނަސޭހަތްދިނެވެ. ކޮންމެ ގޮތެއް ވިޔަސް ކިޔެވުން ނުހުއްޓުވުމަށެވެ. ބިރު ނުގަތުމަށެވެ.

މޫސާފުޅު ކިޔެވެއްޔެއް ކިޔަވާލިއެވެ. ފަހަތުން އެހެން ކުދިންގެ ކިޔެވުމުގެ އަޑު ބާރުވަމުން ދިޔައެވެ.

"ކާކު ތީ؟ ކީއްވެ މި ކުއްޖާއާ އަޅައިގަނެގެން ތިއުޅެނީ؟" މޫސާފުޅު ލިޔާންގެ ގަޔަށް ފެންފޮދެއް ބުރުވާލަމުން އަހާލިއެވެ.

އެއްވެސް ޖަވާބެއް ނުއެއް ލިބުނެވެ. އަނެއްކާވެސް މޫސާފުޅު އަހާލިއެވެ. މިފަހަރު ތަންކޮޅެއް ހަރުކަށިކޮށް ބާރަށެވެ. އެއާއިއެކު ފެންޑާއަށް ވަންނަން ހުރި ދޮރުގައި މީހަކު ޖެހިގަތްހެން ހީވިއެވެ. އެންމެންނަށްވެސް ސިއްސައިގެން ގޮސް ބަލާލެވުނެވެ. މޫސާފުޅު އަތުގެ އިޝާރާތުން ކިޔެވުން ކުރިއަށް ގެންދިޔުމަށް އެދުނެވެ. ދެން އިވުނީ މާ ދުރުނޫން ހިސާބަކުން އަންހެނެއްގެ ހުނުމުގެ އަޑެވެ. މޫސާފުޅު ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލިއެވެ. ނިކަގަހަށެވެ.

"އަހަރެން މި އަހަނީ ކާކުހޭ" މޫސާފުޅު ރުޅިއައެވެ. އެއާއި އެކު ހޭނެތިފައި އޮތް ލިޔާން އަންހެން އަޑަކުން ހޭންފެށިއެވެ. ކިޔަވަން ތިބި ކުދިންގެ މޫނުމަތިން ބިރުވެރިކަމާއި ހާސްކަން ފެނުނެވެ. ދެންވެސް މޫސާފުޅު ހާސްނުވުމަށް އިޝާރާތްކުރިއެވެ.

"އަހަންނެއް ނޭނގޭތަ؟ އަހަންނަކީ ނިކަގަސްދޮރު ސަކީނާ. ކަލޭމެން އެންމެން ރުޅިއަންނަ ސަކީނާ. " ހެމުން ހެމުން ސަކީނާ ވާހަކަދެއްކިއެވެ.

"މި ކުއްޖާ ކަލެއަށް ކީއް ކުރީ؟ މިކުއްޖާ ދޫކޮއްލާ" މޫސާފުޅު ފަހަރަކަށް ވުރެ ފަހަރަކު ހަރުކަށިވަމުން ދިޔައެވެ.
"ނުކުރާނަން. އަހަރެން މިދަރިފުޅުގެ އިންތިޒާރުގައި ހުންނަތާ ކިތައް އަހަރު ވެއްޖެ؟ އެހެން ނޫނަސް މި ކުއްޖާ މިއީ އަހަންނަށް ވެވުނު ވައުދެއް. ވައުދު ޖެހޭނީ ފުއްދަން." ރުޅި އައިސްފައިވާ ރާގެއްގައި ސަކީނާ ބުންޏެވެ.

ގަޑީގެ ކަށި އޭގެ ބާރު މިނުގައި ހިނގަމުން ދެއެވެ. ކިޔަވަން ތިބި ކުދިންނަށް ހިޔަނިތަށް ފެންނާތީއާއި ލިޔާންގެ ހަށިގަނޑުގައި ސަކީނާ ހުރެން ޖައްސަމުން އައި ވައްތަރުތަށް ފެންނާތީ ތިބީ ބިރުން ހަލާކުވެފައެވެ. އެހެނަސް މޫސާފުޅުގެ ކިޔެވެލީގެ އަޑު ބާރުވަމުން ދިޔަވަރަކަށް ސަކީނާގެ ހަޅޭކުގެ އަޑު ދިޔައީ ބާރުވަމުންނެވެ. މުޅި ގޭތެރެއިން އިވެނީ ނާމާން އަޑުތަކެވެ. ދޮރުތަށް ހުޅުވިފައި ލެއްޕޭ އަޑެވެ. ފެންޑާގެ  ދޮރުގައި ތަކުރާރުކޮށް އެއްޗެއް ޖެހިގަންނަ އަޑެވެ.

"ކަލޭމެން އަމިއްލައަށް ބުއި ބޮނޑިއެއް މީ. ރައުފް ކަލޭ ހީކުރީތަ ކަމެއް ބޭނުންވީމަ މަގޭ ގާތަށް އައިސް، ބޭނުން ކަމެއް ވީމަ އަހަރެންނަށް ވެވުނު ވައުދު ފުއްދަ ނުދީ ހުރެވޭނެހެން. ވައުދު ފުއްދަދޭން ޖެހޭނީ. އަހަންނެއް މިފަހަރަކު ނުދާނަން" ސަކީނާ ނުލަފާ ހިނިގަނޑެއް ޖަހާލަމުން ވާހަކަދެއްކިއެވެ. މިހާރު ލިޔާން އިނީ އިށީނދެގެންނެވެ. ސަކީނާ އޭނާގެ ހަށިގަނޑަށް ބާރުފޯރުވަމުން އަންނަތަން ފެނުމުން ރައުފްގެ ހިތަށް ވަރަށް އަސަރު ކުރެއެވެ.

ގޮތްދޫނުކޮށް ސަކީނާ ލިޔާންއަށް އަނިޔާ ކުރަން ފެށުމުން މޫސާފުޅު ރުޅިއައެވެ.

"ކޮންމެހެން އެ ކުއްޖާގައިގަ ވަކި އަޅުވާ ދަތްއަޅާ ހަދާނެ ކަމެއްނެތް. މި ކުއްޖާ ދޫކޮއްފައި ދާން އުޅޭ. އެހެން ނޫނީ އަހަރެންނަށް މަޖުބޫރުވާނެ ކަލޭ އަންދާލަން." މޫސާފުޅު އިންޒާރުދޭން ފެށިއެވެ.

"ބުނެފައޮތް ބަހަކީ އަނބުރާ ގެންދެވޭނެ އެއްޗެއް ނޫން. އަހަރެން ނެތަސް އަހަންނަށް ކުރި ވައުދު ފުއްދަން ޖެހޭނީ. އަހަރެން ނެތަސް އަހަރެންގެ ނަސްލު ދުނިޔޭގައި އުޅޭހާ ހިނދަކު ސަލާމަތެއް ނުވެވޭނެ. ނިކަގަހަކީ އަހަންނާއި އަހަރެންގެ ދަރިފުޅު ގުޅުވާނެ މެދުވެރިއެއް. ނޭނގި ހުއްޓާ ދަރިފުޅު ބީވެގެން، ގެއްލިގެން ހިނގައިދާނެ. ވިސްނައިގެން އުޅޭތި" އިންޒާރަށް ސަކީނާ ބިރުގަންނަހެނެއް ހިއެއް ނުވެއެވެ.

އެތަށް ވަގުތެއްގެ ކިޔެވުމަށްފަހު މޫސާފުޅު ސަކީނާ އަންދާލިއެވެ. ރޯކޮށްފައި ހުރި އަލިފާންގަނޑުގެ ތެރެއަށް ކިޔަވަމުން މޫސާފުޅު ކޮންމެވެސް އެއްޗެއް އަޅަމުން ދިޔައެވެ. އެވަގުތު މުޅި ގޭތެރެއިން އިވުނީ ވޭނުން ފުރިގެންވާ ރުއިންތަކުގެ އަޑެވެ. ވަށައިގެން އެންމެންނަށް އުނދަގޫކުރަމުން ދިޔަ ހިޔަނިތަށްވެސް ވޭނުން ހަޅޭއްލަވުމުން ދިޔަފަދައެވެ. އިށީނދެގެން އިން ލިޔާން އަނެއްކާވެސް ވެއްޓުނީއެވެ.

މޫސާފުޅުގެ އެންގުމާއި ހަމައަށް ހުރިހާ ކުދިން ކިޔަވަމުން ދިޔައެވެ. މޫސާފުޅު އެކުދިންނަށް ހުއްޓުމަށް އެދުނީ ސަކީނާގެ ކިބައިން ސަލާމަތްވީކަން ޔަގީންވުމުންނެވެ.

"ރައުފް މަ ބުނާނެ ވާހަކައެއްނެތް. ދެން ފަހަރަކުވެސް ކަމެއް ބޭނުންވެގެން ސިހުރު ހަދަން ނުދާތި. އިންސާނަކަށް މިންވަރު ކުރައްވާފައިވާކަމެއް އެހެން އެއްވެސް އިންސާނަކަށް ނުހުއްޓުވޭނެ. އަދި ހަމަ އެހެންމެ އެމީހެއްގެ ތަގްދީރުގައި ނެތްކަމެއް ކޮންމެ މީހެއް ކައިރިއަށް ދިޔަސް ނުއެއްކުރެވޭނެ. މީހުން ބުނެއެއްނު. މީހެއްގެ ތަގްދީރުގައި ލިބެން ވާ އެއްޗެއް ފަރުބަދައެއްގެ އަޑީގައި ވީ ނަމަވަސް އެމީހަކަށް މާތް ﷲ ގެ އިރާދަފުޅުން ލިބޭނެޔޭ. ހަމަ އެހެންމެ އެމީހެއްގެ ތަގްދީރުގައި ނެތް އެއްޗެއް އެމީހެއްގެ ދުލާއި ހަމައަށް އައިކަމުގައިވީނަމަވެސް ރަހަނުފެންނާނެއޭ." މޫސާފުޅު ރައުފްއަށް ނަސޭހަތްދިނެވެ.

ސަކީނާގެ ކިބައިން ލިޔާން މިވަގުތަށް ސަލާމަތްވީއެވެ. އެހެނަސް ނިކަގަހަސް ހުރި ބިރެއްގެ ގޮތުގައި ވިއެވެ. އިނާޝާއާއި ރައުފް ދަރިން ގޮވައިގެން އަނބުރާ މާލެ ބަދަލުވީއެވެ. ހަޔާތަށް ހަމަޖެހުން ދުވަސްކޮޅަކަށް ނަމަވެސް އަނބުރާއައެވެ.

ނިމުނީ

މިލިޔުން ކިޔާލުމުން
2072
ގުޅުންހުރި ލިޔުންތައް

4 Responses

  1. Fan

    Varah varah furihama. Heekuri gothaa mulhin thafaathu aslu vee goiy. 😉

  2. DhonKanbulo ♥️

    Varah Reethi vaahaka…. Nathaagr dhen othy konkala vaahaka eh tha

  3. Your fan

    Varah ves furihama. I dont even like scary stories ekam mi vaahaka varah salhi

  4. Saaji

    Vr rythi story nathage thi masaiykatheh Hama thauryf madhunnamaves mi rajjeyga ves hinga kanthahthah

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ