"މާއްދާ 4" އާއިއެކު މަޢުމޫނުގެ ކެމްޕެއިން ފަށަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލިހަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން "މާއްދާ 4"ގެ ޝިއާރާއެކު ވަރަށް އަވަހަށް ފަށަން ނިންމައިފި އެވެ.

ތަޒްމީލް ވިދާޅުވީ، މަޖިލިސް އިންތިޚާބުގެ ޝިއާރަކަށް "މާއްދާ 4" ކަނޑައަޅައިފައިވަނީ، މަޖިލީހުގައި ތިއްބަވަނީ ރައްޔިތުންގެ މަންދޫބުންނަށް ވާތީ ކަމަށެވެ.

މައުމޫންގެ ތާއީދާ އެކު 24 ދާއިރާ އަކަށް ވާދަކުރާނެ ކެންޑިޑޭޓުން މިހާރު ކަނޑައަޅާފައިވާ ކަމަށާއި، މީގެ އިތުރަށް ވެސް ބައެއް ދާއިރާތަކަށް ކެންޑިޑޭޓުން ނެރުން އެކަށީގެންވާ ކަމަށް، މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކަނޑައަޅައިފައިވާ ތަރުޖަމާނު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 4 ވަނަ މާއްދާ އަކީ، ރައްޔިތުންގެ ބާރު ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށާއި، އަދި މި ބާރުތައް ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގަ އެވެ.

"މާއްދާ 4" އާއިއެކު މައުމޫނު ކެމްޕެއިން ފެއްޓެވުމަށް ނިއްމަވާފައިވާއިރު، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީން މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރަމުން އަންނަނީ "އެޖެންޑާ 19" ގެ ދަށުންނެވެ. އެއީ، މަޖިލީހުން ހައްލު ހޯދަން އެ ޕާޓީން ހުށަހަޅާން ނިންމާފައިވާ ސިޔާސަތުތަކުގެ އަދަދެވެ.

އެމްއާރުއެމުން 11 ދާއިރާ އަކަށް ކުރިމައްޗެއް ނުލާނެކަމަށާއި، ސަބަބަކީ އެ ދާއިރާތަކަކީ ކޯލިޝަން ސަރުކާރުގެ އިސް ބޭފުޅުންނާއި އެ ބޭފުޅުން ކާމިޔާބު ކުރަން ބޭނުންވާ މުހިއްމު ދާއިރާތައް ކަމަށް ވާތީކަމަށް ތަޒްމީލް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ