ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފޯރިގަދަ މެޗުތަށް ރޭ ފެށިގެން ދިޔައިރު ޔުނައިޓެޑް އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގައި ދެޓީމުގެ ސަޕޯރޓަރުންގެ ޢަމަލުތައް ހުރިގޮތުން އެދެޓީމަށްވެސް އަދަބުދޭން ޔޫއެފާއިން ނިންމައިފިއެވެ.
0-2 ގެ ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކުރި މިމެޗުގައި ޔުނައިޓެޑަށް 11 މެޗަށްފަހު ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނުއިރު ޔުނައިޓެޑްގެ ސަޕޯރޓަރުންގެ ފަރާތުން ދަނޑާ ދިމާއަށް އެއްޗހި އުކުމާއި، ސިޑި ބަންދުކުރުންފަދަ ކަންތައްތައް ފެނިފައެވެ. އަދި ދަނޑަށް ގެއްލުން ދިނުމާއި، ދަނޑަށް އެއްޗެހި އުކުމާއި، ފަޔަރވޯކްސް އެރުވުންފަދަ ޢަމަލުތަކަކީ ޕީއެސްޖީގެ ސަޕޯރޓަރުންގެ ފަރާތުން ފެނުނު ޢަމަލުތަކެވެ.
ސަޕޯރޓަރުން، ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ޑިމާރިއާ އާއި ދިމާއަށް ފެންފުޅިއެއް އެއްލިކަމަށް ރިޕޯރޓްކުރެވިފައިވާއިރު، ޔުނައިޓެޑްގެ ފުލްބެކް ލޫކް ޝޯ ގެ ފައިގައިވެސް ސަޕޯރޓަރުން އެއްލި އެއްޗަކުން ޖެހިފައިވާކަމަށް ރިޕޯރޓްކުރެވިފައިވެއެވެ.
އަދި މިމެޗުގައި ހިނގާދިޔަ މައްސަލަތައް ޔޫއެފާގެ ޑިސިޕްލިނަރީ ބޯރޑުން މިމަހުގެ 28ގައި ބަލަން ހަމަޖެހިފައިވާކަމަށްވެސް ރިޕޯރޓްތައްބުނެއެވެ.