ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ ފަރާތްތަކަށް "ބީއެމްއެމްއެލް ރިވެލި" ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
މި ޕްރޮގްރާމާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އާއި ވިލާ ކޮލެޖާއި ދެމެދު މުޢާހަދާއެއްގައި ސޮއި ކުރައްވާފައިވާއިރު، މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ އަމާޒަކީ ޤާބިލު، މަސައްކަތްތެރި އަދި ކަސްޓަމަރުން އެދޭފަދަ ހިދުމަތެއް ބޭންކުގެ ވިޔަފާރީގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން ފޯރުކޮށްދޭނެ މުވައްޒަފުންތަކެއް އުފެއްދުން ކަމަށެވެ.
ބީއެމްއެލް އިން ވިލާ ކޮލެޖާ ގުޅިގެން ޕްރޮގްރާމްގައި ފުރަތަމަ ތައާރަފްކޮށްފައި ވަނީ ޑިޕްލޮމާ އިން ބޭންކިން އެންޑް ފައިނޭންސް ކޯހެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ 12 މަސްދުވަހުގެ މި ކޯހަކީ، ޒުވާނުންނަށާއި އަދި ބޭންކިން ދާއިރާއިން ކުރިށްދާން ބޭނުންވާ ފަރާތްތަކަށް، އެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ ތައުލީމާއި ހުނަރު ދަސްކޮށްދީ، ރާއްޖޭގެ ބޭންކިން ސިނާއަތަށް ބޭނުންވާ ތައުލީމީ ގާބިލްކަން ދަސްކޮށްދޭނެ ކޯހެކެވެ.
މި ކޯސް ކުރިއަށް ގެންދިޔުމުގައި ވިލާ ކޮލެޖަށް ލިބިފައިވާ ތަޖުރިބާގެ އިތުރުން ދާއިރާއާ ގުޅޭ ޕްރޮފެޝަނަލް އެހީތެރިކަން ބޭންކުގެ ފަރާތުން ދިނުމަށްވަނީ ހަމަޖެހިފައިވާއިރު، ޑިޕްލޮމާ ކޯހުގެ ކަރިކިއުލަމް އެކުލަވާލާފައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ވިލާ ކޮލެޖާ ގުޅިގެންނެވެ.



