2013 ވަނަ އަހަރު ނުކުތް ކާމިޔާބު ޑިސްނީ ކާރޓޫން މޫވީ "ފްރޯޒެން"ގެ ސީކުއަލް "ފްރޯޒެން ޓޫ" ގެ ފުރަތަމަ ޓްރެއިލާ ބެލުންތެރިންނަށް ދައްކައިލައިފިއެވެ.
2 މިނެޓަށް ދެމިގެންދިޔަ މިޓްރެއިލާ އާއްމުކޮށްފާވާއިރު، ޓްރެއިލާއިން ފެނިގެންދަނީ ފިލްމްގެ ބެކްމިއުޒިކް އާއުކު، މި މޫވީގެ މެއިން ކެރެކްޓަރސްތައް ކަމުގައިވާ "އެލްސާ"، "އާނާ" އަދި "ކޮރިސްޓޮފް" ގެ މަންޒަރުތަކެކެވެ.
ނޭވާ ހިފަހަށްޓާލަންޖެހޭ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދިޔައިރު، ޓްރެއިލާގައި، ފިލްމްގައި ހިމެނޭ ކެރެކްޓާސް ތަކުގެ އެއްވެސް ލަފްޒެއް ގެނެސްދީފައެއްނުއެވެ.
5 އަހަރުވަންދެން ގިނަ ބަޔަކު "ފްރޯޒެން"ގެ ދެވަނަ ބަޔަކަށް ކުރި އިންތިޒާރީގެ ނިމުން ގެނެސްދީފައިވާ މި ޓްރެއިލާ ފެށިގެންދަނީ، ފިލްމުގެ މެއިން ކެރެކްޓާ ކުއީން "އެލްސާ" ކަޅުފޮއެ ރެއެއްގެ ބިޔަ ރާޅުތަކުތެރޭގައި، އޭނާއަށް ލިބިފައިވާ އައިސް ބާރުގެ ބޭނުންކޮށް މޫދުގެ ރާޅުތައް ގަނޑު ކޮށްލުމަށްފަހު ދުވެލާފައި ދަނިކޮށް ނެގި ބޮޑު ރާޅަކާއެކު ވެއްޓޭ މަންޒަރުންނެވެ.
"ފްރޯޒެން ޓޫ"ގެ ޓްރެއިލާ ދެތިން ފަހަރަކު ބަލާލުމަށް މަޖުބޫރުވީ، މި ޓްރެއިލާއިން ފެންނަ މަންޒަރުތަށް ގެނެސްދީފައިވާގޮތުގެ ހިތްގައިމުކަމާއި މޮޅުކަމުންނެވެ. ނަމަވެސް ފިލްމްގެ ފުރަތަމަ ދައްކާލުމުގައި، ފިލްމުގައި ހިނގާނެ ވާހަކައިގެ އެއްވެސް އިޝާރާތެއްވެފައި ނެތުމަކީ ފިލްމުގެ ދެވަނަ ދައްކާލުމަކަށް އަނެއްކާވެސް އިންތިޒާރުކުރަން މުޖުބޫރުކުރުވި ކަމެކެވެ.
"ފްރޯޒެން"ގެ ފުރަތަމަ ބައިން ފެނިގެންދަނީ، "އެލްސާ" އަދި "އާނާ" އެމީހުންގެ މައިންބަފައިން ކުރާ ދަތުރެއްގައި ގެނބިގެން މަރުވެ، "އެލްސާ"އަށް ލިބިފައިވާ އައިސް ބާރު ކޮންޓްރޯލް ނުކުރެވުމާއި ގުޅިގެން ދިމާވާ ހާދިސާތަކެއްގައި، "އެލްސާ" އެރެންޑެލް ދޫކޮށްދިޔުމުން، "އާނާ" އޭނަގެ ދައްތަ އެލްސާ ހޯދުމަށް ކުރާ މަސައްކަތެވެ. "އާނާ" އެލްސާ ހޯދުމަށް ކުރާ މި ދަތުރުގައި، "ކްރިސްޓޮފް" އަދި "އޯލާފް" އާއި ދިމާވެއެވެ.
ފިލްމުގެ ދެވަނަ ބައި "ފްރޯޒެން ޓޫ" ގައި ވަނީ ކިހިނެއްތޯ ބަލާލުމަށް ނޮވެމްބަރު މަހަށް އިންތިޒާރުކޮށްލާށެވެ.!