އަދާލަތުޕާޓީ ދެމިއޮންނާނީ ސަރުކާރުގެ ވައުދުތައް ފުއްދަން ވާގިވެރިވާ ޕާޓީއެއްގެ ގޮތުގައި - އިމްރާން

އަދާލަތުޕާޓީ ދެމިއޮންނާނީ ސަރުކާރުގެ ވައުދުތައް ފުއްދަން ވާގިވެރިވާ ޕާޓީއެއްގެ ގޮތުގައި ކަމަށާއި، މަޖިލީސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ހޯދާދޭން ގުޅިގެން މަސައްކަތް ކުރުމަށް އަދިވެސް ތައްޔާރަށް އޮތް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން އެހެން ވިދާޅުވީ ކުރިއަށް މިއޮތް މަޖިލީސް އިންތިހާބުގައި އަދާލަތުން ވާދަކުރަން ނިންމާފައިވާ އަށް ދާއިރާގެ ޓިކެޓް ކެންޑިޑޭޓުނަށް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.

އިމްރާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓަން ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެސް އަދާލަތުން ވާނެ ކަމަށާއި، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ޕާޓީން މަސައްކަތް ކުރީ އަދުލުވެރި ވެރިކަމެއް ގާއިމްކޮށްދީ، އަނިޔާވެރި ވެރިކަމަކުން ރައްޔިތުން ސަލާމަތް ކޮށްދިނުމަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އެގޮތުން އަދުލުވެރި ވެރިކަމެއް ގާއިމްވީ އެ ޕާޓީން ވެސް ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށާއި، މަޖިލީހަށް ވާދަކުރަނީ ވެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ މަގުސަދުގައި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ މަސައްކަތް އަމާޒު ކުރެވިފައިމިވަނީ އެ ދިމާލަށް. ހުރިހާ އެންމެން އެކުގައި ކުރެވޭ މަސައްކަތުގެ ނަތީޖާއަކަށްވާނީ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ސަރުކާރަށް ލިބިގެން ދިޔުން” އިމްރާން ވިދާޅުވިއެވެ.

އެމްޑީޕީ އިން ވަނީ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީއާ އެކު ވާދަކުރަން މީގެ ކުރިން މަޝްވަރާކޮށްފަ އެވެ. އެހެން ނަމަވެސް އެއްބަސްވުމަކަށް އާދެވިފައެއްނުއެވެ.

އިމްރާން އިތުރަށް ވިދާޅުވީ، 5 ދާއިރާ އަށް ކުރިމަތިލުމަށް އަދާލަތު ޕާޓީއާއެކު ތައްޔާރުވި ބޭފުޅުންގެ ތެރެއިން ސަރުކާރު މަސްލަހަތު ދެމެހެއްޓުމުގެ ބޭނުމުގައި ފަހަތަށް ޖެހުނު އެ ބޭފުޅުންގެ ނިންމުން ބަލައިގަންނަ ކަމަށާއި، އަދި ޕާޓީގެ ފަރާތުން އެ ބޭފުޅުންނަށް ކުރިއަށް އޮތްތާގައި ސިޔާސީ ގޮތުން ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ